ހަބަރު

ޓެރަރިޒަމް ހުއްޓުވަން ވެބިނާއެއް

Sep 26, 2020
1

ނެޓްވާކިން ރެކްރޫޓްމަންޓް އަދި ފަންޑިންގެ ޕްރޮގްރާމްތައް ކުރިއަރުވަން ބޭނުންކުރާ ނެރެޓިވްސް ތަކަށް ކައުންޓަ މެސެޖިންގެ ގޮތުންގައި އެކި ޕްރޮގްރާމްތައް ތައްޔާރުކޮށް ނެރުމަކީވެސް ހަރުކަށި ފިކުރާއި ޓެރެރިޒަމަށް މަގުފަހިފާ ކަންކަން ހުއްޓުވުމަށް އެޅިގެން ދާނެ ބާރެއްކަމަށް ނެޝަނަލް ކައުންޓަ ޓެރެރިޒަމް (އެންސީޓީސީ)ގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެ އެވެ.

މަންސޫރު މިހެން ވިދާޅުވީ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅުންހުރި ކަންކަމަށް މީޑިއާ އަހުލުވެރިކުރުމަށް ކުރިއަށް ގެންދިޔަ ވެބިނާރުގެ ތެރެއިންނެވެ.

ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅޭ ހަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ
ހަމަތަކަކާއި އުސޫލުތަކެއްވާ ކަމަށާއި މި އުސޫލުތަކަށް ދިވެހި މީޑިއާ އަހުލުވެރިވާން ޖެހޭނެ ކަމަށް މަންސޫރު ވިދާޅުވި އެވެ.

މީޑިއާގެ އިގުތިސާދަކީ މީހުންގެ ޝައުގުވެރިކަން ދަމައިގަތުމަށް އޮތް ވާދަވެރި ރޭހަކަށް ވެފައިވާ މި ދަނޑިވަޅުގައި، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅޭ ހައްސާސް މައްސަލަތައް ރިޕޯޓުކުރުމުގައި މީހުންގެ ތެރޭގައި އިތުރު ބިރުވެރިކަމާއި ހަމަނުޖެހުން އުފެދޭގޮތްވެސް މެދުވެރިވާ ކަމަށާއި އަދި ރިޕޯޓް ކުރެވޭ ގޮތުން ހަރުކަށި ފިކުރުތަކާއި އެ ފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މެސެޖަށް އިތުރު ބާރު ލިބޭ ގޮތްވެސް އެބަ މެދުވެރިވާ ކަމަށް މި ވެބިނާގައި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެހެން ކަމުން މިފަދަ ހަބަރާއި މައުމޫލާތު ރިޕޯޓުކުރުމުގައި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކަށް އާއްމުންގެ މެދުގައި މަޝްހޫރުކަމާއި ބާރުވެރިކަން ނުލިބޭފަދަ ގޮތަކަށް ރިޕޯޓުކުރުމަށް އިސްކަންދިނުން ވަރަށް މުހިންމު ކަމަށްވެސް ބައިވެރިން ވަނީ ބުނެފަ އެެވެ.

މި ވެބިނާގައި ވާހަކަ ދައްކަވަމުން މަންސޫރު ވިދާޅުވީ ހަރުކަށި ފިކުރާ ގުޅޭ މައުލޫމާތާއި ހަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ މުވާސަލާތީ އުކުޅުތައް ދެނެގަތުމާއި މި މައުޟޫއަށް އަހުލުވެރިވުމަކީ، ގައުމީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް މީޑިއާގެ މައްޗަށް އޮންނަ މަސްއޫލިއްޔަތެއް ކަމަށާއި އަދި މިއީ
ޒަމާނީ ނޫސްވެރިކަމުގައި ފައިހަމަކުރުމަށް ދިވެހި ނޫސްވެރިންގެ ކިބައިގައި ހުރުން ލާޒިމު ފަންނެއް ކަމަށެވެ.

މި ވެބިނާގެ ބައިވެރިން ވަނީ ނޫސްވެރިކަމުގެ ސުލޫކާއި އުސޫލުތަކަށް އަހައްމިއްޔަތުކަން ދިނުމާއެކު، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅުންހުރި ހަބަރާއި މައުލޫމާތު ފެތުރުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބައިވެރިންނަށް ބުނެދީފަ އެވެ. އެގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތާ ދެމެދު ގެންގުޅެން ޖެހޭ ހަމަ ދަމަހައްޓަން ޖެހޭނެ ކަމަށާއި މައުލޫމާތު ލިބިގަތުމުގެ ހައްގާއި މައުލޫމާތު ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތާ ދެމެދު ގެންގުޅެން ޖެހޭ ހަމަ އާއި
ވަކިވަކި މަސްލަހަތުތަކާއި ގައުމީ މަސްލަހަތާ ދެމެދު ގެންގުޅެން ޖެހޭ ހަމަ ގެންގުޅެންޖެހޭނެ ކަން ވަނީ ބުނެދީފަ އެވެ. މީގެ އިތުރަށް ގްލޮރިފިކޭޝަނާއި ވިކްޓިމައިޒޭޝަނާ ދެމެދު ގެންގުޅެން ޖެހޭ ހަމަ އާއެކު މިހުރިހާ ކަންތަކެއް ހާސިލްވުމުން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމުގެ ބިރުން މުޖުތަމައު ރައްކާތެރިކުރާނެ ބާރެއްގެ ގޮތުގައި މީޑިއާ ބޭނުންކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ވެބިނާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމަކީ މިއަދު ރާއްޖޭގައި ވަކިވަކި އައިސޮލޭޓެޑް މައްސަލަ ތަކަށްވުރު ބޮޑު ކަމަށެވެ.

ނަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާފަދަ، ކޮންމެ ގޭބިސީއަކާ ހަމަޔަށްވެސް ފޯރާފައިވާ ކަންބޮޑުވުމެއް ކަމށާއި ނުރައްކަލެއް ކަމަށެވެ. އަދި ވިދާޅުވީ ވޭތުވެދިޔަ މާޒީގައި ކަން ހިނގާފައިވާ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް އެކަށީގެންވާ ގޮތުގައި މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ފުރުސަތު ނުލިބުނު ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މުހިންމު އެއް އެޖެންޑާއަކީ ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުން ކަމަށެވެ.

މީޑިއާ އަކީ ޑިމޮކްރެޓިކް މުޖުތަމައުގެ ހަތަރުވަނަ ބާރުކަމުގައި ގަބޫލުކުރައްވާ ކަމަށާއި މިއަދުގެ ދުނިޔޭގެ ހަގީގަތަކީ ކޮންމެ ކަމެއްގައިވެސް އެންމެ ބާރުގަދަ ހަތިޔާރަކީ މީޑިއާކަން ކަމަށް އޭނާ ވިދާޅުވި އެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ހިނގާ ހަމަނުޖެހުމަކަށްވިޔަސް ، ދާހިލީ ސިޔާސީ ކަމަކަށްވިޔަށް، އިގްތިސާދީ ކަމަކަށްވިޔަސް، ދީނީ ނުވަތަ އިޖުތިމާއީ ކަމަކަށްވިޔަސް ސާފުކޮށް އެނގެން އޮތް ހަގީގަތަކީ އެކަމަކާމެދު ރައްޔިތުންގެ ވިސްނުމާ ފިކުރު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ނޫސްވެރިންކަން ކަމަށްވެސް ވިދާޅުވި އެވެ.

ނަޒީރު އިތުރަށް ވިދާޅުވީ މީޑިއާތަކުން ބައެއްފަހަރު ބައެއްކަހަލަ ހަބަރުތައް ކަވަރުކުރުމުގައި އެންމެ އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ހިތްނޭދޭ ހާލަތްތައް މެދުވެރިވާތަން އަންނަ ކަމަށާއި އަދި ނުރައްކާތެރި ފިކުރުތަކަށް މުޖުތަމައުގައި ޖާގަލިބި ބާރުވެރިވާތަން އަންނަ ކަމަށެވެ. އަދ ި ބައެއްފަހަރު ހިނގަމުންދާ ތަހުގީގުތަކަށް ދަތިތައް ކުރިމަތިވާތަންވެސް އަންނަ ކަމށް ވިދާޅުވި އެވެ.

"މިކަމުގައި މިސަރުކާރުގެ ވިސްނުމަކީ މީޑިއާތަކަށް ދަތިކޮށް، ފުރުސަތު ހަނިކުރުމެއްނޫން. އޭގެބަދަލުގައި އަޅުގަނޑުމެންގެ ސިޔާސަތަކީ މީޑިއާތަކުގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިނުން، ފަންނީގޮތުން ކުރިއަރާދިއުމަށް މަގުފަހިކުރުން، ހަރުކަށިފިކުރާއި
ހައްދުފަހަނައަޅާދިއުމުގެ ނުރައްކަލާ ދެކޮޅަށް ދިވެހި މީޑިއާ ބާރުވެރިކުރުވުން." އޭނާ ވިދާޅުވި އެވެ.

މަންސޫރު ވިދާޅުވީ މީޑިއާ އަކީ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ސުލްހަވެރިކަމާއި އަމާންކަށް ކަށަވަރުކުރުމުގައި ހަމަހަމަކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތް ކަމަށާއި އެހެންކަމުން މީޑިއާގެ ފަރާތުން ގެނެސްދޭ ކޮންމެ މައުލޫމާތެއް ބިނާވާންވާނީ އޭގެ ސައްހަކަން އެކުލެވިގެން މައުލޫމާތުތަކުގެ ސަބަބުން ރައްޔިތުންގެމެދުގައި އަމަންއަމާންކަމާއި އެކު ހޭލުންތެރިކަން އިތުރުކޮށް ހެޔޮމަގުދެއްކުމުގެ މައްޗަށް ކަމަށެވެ.