ދިވެހި ސިނަމާ

"ގަމިނި" ދައްކަން ފަށައިފި

މުއުމިން ފުއާދުގެ "ގަމިނި" ޕްރިމިއާ ކޮށްފި އެވެ. "ގަމިނި" ދައްކާނީ ބައިސްކޯފުންނެވެ.

ވެބް ސީރީޒް ޕްރިމިއާ ކުރުމަށް ރޭ ބައިސްކޯފްގައި ބޭއްވި ހަފްލާއެއްގައި "ގަމިނި" ގެ ފުރަތަމަ ފަސް އެޕިސޯޑް ވަނީ ދައްކާލާފައެވެ. އަދި މިހާރު ބައިސްކޯފުން "ގަމިނި" ގެ ފުރަތަމަ ދެ އެޕިސޯޑް ބަލާލެވޭނެ އެވެ. އަދި ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ ރޭ އައު އެޕިސޯޑެއް ގެނެސްދޭނެ އެވެ. "ގަމިނި" މިއީ 13 އެޕިސޯޑްގެ ވެބް ސީރީޒް އެކެވެ.

ވަރަށް ގިނަ ތަރިން ބައިވެރިވެގެން އުފައްދާފައިވާ މި ފިލްމުގައި ކުޅަދާނަ ފިލްމީ ތަރި އަދި ކޮމެޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އަދި އޭނަގެ އަންހެނުން މަރިޔަމް ޝަކީލާ (ޝަކިއްތަ) ވެސް ފެނިގެންދާނެ އެވެ. މިއީ މި ފަހުން ޔޫސޭގެ ދެމަފިިރިން އެއް ސީރީޒްއަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އަހުމަދު އާސިމް އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ވެސް ފެނިގެންދާނެ އެވެ. އަދި ގިނަ އަދަދަކަށް އައު ތަރިންވެސް ފެނިގެންދާނެ އެވެ.

"ގަމިނި" މިއީ ވަރަށް ތަފާތު ވެބް ސިރީޒް އަކަށް ވެގެންދާނެ އެވެ. ވެބް ސީރީޒްގެ ފޮޓޯތައް އާންމުކުރި ހިސާބުންވެސް ގިނަ ބަޔަކު ވަނީ މި ސީރިޒްއަށް އިންތިޒާރުކުރަން ފަށާފައެވެ. އަދި ޓްރައިލާއާއެކު އިންތިޒާރު އިތުރު ވެގެން ދިޔައެވެ.

"ގަމިނި" އުފައްދަނީ ކުޅަދާނަ ޑައިރެކްޓަރު މުއުމިން ފުއާދެވެ.