ރިޕޯޓް

މަޖިލީހު ނަމްބަރުތައް، އާ ދައުރު އުއްމީދު ބޮޑު

Sep 28, 2020
2

ފުރަތަމަ ވެސް ބުނީ 19 ވަނަ ރައްޔިތުންގެ މަޖިލިސް "ތަފާތު" ވާނެ ވާހަކަ އެވެ އެ ތަފާތު ދައްކަމުންދާ ކަމަށް ބޮޑު އަޣުލަބިއްޔަތަކާއެކު މަޖިލީހުގެ ތަޅުން ކޮންޓްރޯލް ކުރާ އަދި ސަރުކާރު ހިންގާ އެމްޑީޕީން ތަކުރާރުކޮށް ބުނެ އެވެ. ބިޔަ ވައުދުތަކެއްގެ މަތީގައި ސަރުކާރާއެކު މަޖިލިސްގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް ދިނީ އުއްމީދުން ފުރިގެން ތިބެ އެވެ. ހަގީގަތުގައި ވެސް "ތަފާތެއް" ދައްކައި، ހަރުދަނާ ބަހުސްތަކެއްގެ ތެރެއިން ގައުމާއި ރައްޔިތުންގެ މައްސަލަތަކަށް ގާނޫނީ ހައްލުތަކެއް ގެނުވައި ދޭނެ ދިގު އިންތިޒާރެއްގެ ނިމުމެއް ކަމަށް ބަލައިގެނެވެ.

ރައްޔިތުން އޭރު ކުރި އުއްމީދުތަކާ ފައި ހަމަވާ ފަދަ އޮއްޓަރެއް ހުރި ހަރުދަނާ މަސައްކަތެއް ނުކުރެވޭ ކަމުގެ ތުހުމަތުގެ ހިޔަނީގައި މި މަޖިލީހުގެ ހިތްވަރާމެދު ސުވާލު އުފެއްދޭނެ ޖާގަ ކުޑަ އެވެ. މަޖިލީހުގެ ނިމުނު ދައުރާ ދިމާވީ ބަލާއާފާތެއްގެ ކަޅު ވިލާގަނޑުގެ ދަށުގައި ރާއްޖެއާއެކު މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސް ތަފާތު ގޮންޖެހުންތަކެއް ކުރިމަތި ކުރުވި ދަތި އުނދަގޫ ދުވަސްތަކެކެވެ.

ދުނިޔެއަށް ނަމޫނާ އެއް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގައުމުތައް ހުއްޓި ރައްޔިތުން ގޭ ބަންދު ވާން މަޖުބޫރުވި ހާލަތުގައި ވެސް ހިވާގި މުވައްޒަފުންގެ އެހީތެރިކަމާއެކު މަޖިލީހުން ހިތްވަރު ނެރެ، ދުނިޔޭގެ ހުރިހާ މަޖިލީހަކަށް ނަމޫނާ ދެއްކުމުން ދުނިޔޭގެ ޕާލިމަންޓުތަކާބެހޭ ޖަމިއްޔާ އައިޕީޔޫ އިން ވެސް އެކަން ބަލައިގަނެ އެހެން ޕާލަމަންޓުތަކަށް މިސާލެއްގެ ގޮތުގައި ފާހަގަ ކޮށްދިނެވެ.

"އެނގިވަޑައިގަންނަވާނެ މި މަޖިލީހަކީ ކޮވިޑް-19 އިގެ ހާލަތުގައި ދުނިޔެއަށް ދިމާވީމާ، މަޖިލިސްތައް ބަންދުކުރަން ޖެހުނީމާ، އެކަކު އަނެކަކު އެއްވެ އުޅެވޭ ހާލަތު ނެތުނީމާ، ދުނިޔޭގައި ފުރަތަމަ އޮންލައިންކޮށް ބޭއްވި މަޖިލިސް،" މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުން ދައުރުގެ ފަހު ޖަލްސާތަކުގައި ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެފައި ވެއެވެ.

މާލެއަށް އިއުލާނުކުރި ލޮކްޑައުން ދެ މަސް ފަހުން އުވާލުމުގެ ކުރިން، ފާޑުކިއުންތަކާއެކު ނަމަވެސް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ފެށި އެވެ. ގައިދުރު ކުރުމާއި، މާސްކު އަޅަން ޖެހުމުން ބަހުސްތަކުގެ ޖޯޝާއި ފޯރިއަށް ފަނޑުކަމެއް އައި ތަނެއް ނުފެނެ އެވެ. އެފަދަ ތަފާތު ގޮންޖެހުންތަކާއެކު މި މަހު ހަ ވަނަ ދުވަހު މަޖިލީހުގެ ދެވަނަ ދައުރު ނިންމާލީ ރެކޯޑަކާއެކު އެވެ.

އެއީ މިހާރު އަމަލުކުރާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށި ފަހުން މަޖިލިސް ރިސެސްއަށް ނުގޮސް އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރެކޯޑެވެ. ކޮވިޑް-19 އަށް މަޖިލީހުގެ އެތަކެއް މުވައްޒަފުންނެއް ޕޮޒިޓިވްވެ، މެންބަރުން ވެސް ކަރަންޓީނު ވާން ޖެހުނުއިރު، ގައުމަށް އެންމެ ބޭނުން ޖެހުނު ވަގުތު، ރައްޔިތުންގެ މަންދޫބުން ތިއްބެވީ ޒިންމާ އަދާ ކުރެއްވުމުގަ އެވެ.

ބަލާއާފާތެއްގެ ތެރެއިން ގައުމުގެ އިގުތިސޯދު ހުއްޓި، ގިނަ ރައްޔިތުންތަކެއް މަގުމަތިވަމުން ދިއައިރު، މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް އަވަސް ކުރުމަށް ޖުމްލަ 76 ޖަލްސާއެއް ބޭއްވި އެވެ. އެފަދަ އުނދަގޫ ހާލަތެއްގެ ތެރެއިން ވެސް ދެވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 68 ޕަސެންޓް މަސައްކަތް ނިންމާފައި ވެއެވެ.

"މި ދައުރުގެ ތެރޭގައި 21 ގާނޫނު، ނުވަ ގަރާރު، ސަރުކާރުން ހުށަހަޅާފައިވާ 18 މައްސަލަ، ރިޔާސަތުން ހުށަހެޅުއްވި 11 މައްސަލަ އަދި 16 ކުއްލި މައްސަލަ ނިންމެވި،" ދައުރުގެ ފަހު ޖަލްސާގައި އީވާ ވިދާޅުވި އެވެ.

އޭގެ އިތުރުން މެންބަރުން ހުށަހެޅުއްވި ތިން މައްސަލައަކާއި، އެހެން މައްސަލަތަކާ ގުޅޭ 29 ރިޕޯޓަކާއި، ވަޒީރުން މަޖިލީހަށް ހާޒިރުކޮށް 30 ސުވާލެއް ވަނީ ކޮށްފަ އެވެ.

މުހިއްމު މަސައްކަތްތަކެއް

ކޮވިޑުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން ފަސް ކުރަން މަޖޫބުރު ވުމާއެކު، ގާނޫނީ ހުސް ކަމެއްގެ ތެރެއަށް ވެއްޓިގެން ދިއުން ހުއްޓުވުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމާއި، ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސޯދީ ދަތިކަމާއި ގާނޫނީ ގޮތުން ހުރި ގިނަ ހުރަސްތަކަށް ހައްލު ގެނެސްދޭ ކޮވިޑް-19 އިގެ ސަންސެޓު ގާނޫނެއް ވެސް މި ދައުރުގައި ކުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

އަދި ހިޔާލުތަފާތުވުން ބޮޑުވި، އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، އަންނަ އަހަރުގެ ނިޔަލަށް މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނު ވެސް ވަނީ އިސްލާހު ކޮށްފަ އެވެ. އޭގެ އިތުރުން، ރިސޯޓު މުވައްޒަފުންނަށް އަނބިދަރިން ކައިރިއަށް ނިދަންދެވޭ ގޮތަށް ވެސް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ފާހަ ގަކޮށްލެވެ އެވެ.

  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެނައުން
  • ފެނާއި ނަރުދަމާގެ ބިލު ފާސްކުރުން
  • ގާނޫނީ ފަންނުގެ ބިލް ފާސްކުރުން
  • އެއްގަމު ދަތުރުފަތުރުގެ ބިލަށް އިސްލާހު ގެނައުން
  • ވިޔަފާރީގެ ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު ފާސްކުރުން
  • ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހުތައް ގެނައުން
  • އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020 ފާސްކުރުން

މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރަން ރުހުން ދިނުމުގެ ގިނަ މައްސަލަތަކެއް ވެސް މަޖިލީހުން މިދައުރުގައި ނިންމި އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށާއި ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމާއި ޗިލްޑްރަންސް އޮމްބޮސްޑް ޕާސަން އައްޔަން ކުރުމަކީ އެގޮތުން ނިންމި މުހިއްމު ބައެއް ކަންތައްތަކެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބޭފުޅުން އައްޔަންކުރީ ވެސް މަޖިލީހުގެ މިދައުރުގަ އެވެ.

ހާއްސަކޮށް 18 ވަނަ މަޖިލީހާ ތަފާތުކޮށް، އިދިކޮޅު އަދި މިނިވަން މެންބަރުން ހުށަހަޅުއްވާ ގިނަ ގަރާރުތަކާއި ކުއްލި މައްސަލަތައްވެސް ބަލައިގަނެ، ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ބައިވެރިވުމާއެކު ބަހުސް ކުރެވުނު މަންޒަރު މި ދައުރުގައިވެސް ފެނިގެންވަނީ ގޮސްފަ އެވެ.

ނިންމުނު މަސައްކަތްތަކުގެ އިތުރުން، ކޮމިޓީ މަރުހަލާގައި ހިނގަމުންދާ ބިލުތަކަށް ނަޒަރު ހިންގާލާއިރު، އަންނަ މަހުގެ ފަސް ވަނަ ދުވަހު މެންބަރުން ޗުއްޓީ ނިންމަވައި، އެނބުރި ތަޅުމަށް ވަޑައިގަންނަވާއިރު، ގިނަ މަސައްކަތްތަކެއް އިންތިޒާރުގައި ތިބޭނެ އެވެ.

އޭގެ ތެރޭގައި އިންތިގާލީ އިންސާފުގެ ބިލާއި، މަދަނީ އިޖުރާއަތުގެ ބިލާއި، ތައުލީމާއި މަތީ ތައުލީމާއި، އެއްމެދު އިމާރާތް ފަދަ ބިލުތައް ފާހަގަކޮށްލެވެ އެވެ.

ނިމިދިޔަ ދައުރެކޭ އެއް ފަދައިން، އަންނަ މަހު ފެށޭ ތިން ވަނަ ދައުރުގައި ވެސް ކޮވިޑް-19 އިގެ ނުރައްކާތެރި ހާލަތަށް ބަދަލެއް ނާދެ އެވެ. މެންބަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވާނެ ގޮންޖެހުންތަކާއި ދަތިތަކަށް ލުޔެއް ލިބުން ނާދިރެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ދެވަނަ ދައުރު މަޖިލީހުން ފެނިގެންދިއަ ހިތްވަރާއެކު އާ ދައުރަށްވެސް ކުރެވޭ އުއްމީދު ބޮޑެވެ.