ހަބަރު

ހިއްސާއަކަށް ދެ ރުފިޔާ ބަހަން އެމްޓީސީސީން ފާސްކޮށްފި

Sep 27, 2020
4

މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްސާ އަކަށް ދެ ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

އެމްޓީސީސީން ހިއްސާދާރަކަށް ދެ ރުފިޔާ ބަހާން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. ހިއްސާ ބަހާފައި މިވަނީ އަހަރު ދުވަހަށް ފަހު އެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ޑިވިޑެންޑް ބަހާފައެއް ނުވެ އެވެ. އެ އަހަރު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް ލިބުނީ 34 މިލިއަން ރުފިޔާ އެވެ. ހިއްސާދާރުންނަށް އެ ފަހަރު ފައިދާ ނުބަހަން ނިންމީ ކުންފުނީގެ މާލީ ހާލަތު ދަށްވެގެނެވެ.

މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ހިއްސާ އަކަށް ދެ ރުފިޔާ ކޮންމެ ހިއްސާދާރާކަށް ބަހާށެވެ. އަދި ހިއްސާ ބަހަން ނިންމާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގައި ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

އެމްޓީސީސީ އަށް މިދިޔަ އަހަރު 53.31 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާއިރު މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 55.7 ޕަސެންޓް އިތުރު އަދަދެކެވެ.

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް ބޭއްވި އެ ޖަލްސާގައި 25 ހިއްސާ ދާރުން ވަނީ ބައިވެރިވެފަ އެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 42 ހިއްސާ ދާރަކު ތަމްސީލު ކޮށްފައިވާއިރު ޖުމްލަ ބައިވެރިވި 67 ހިއްސާދާރުން، އަދި 5،550،390 ހިއްސާ އެވެ.

ޖަލްސާގައި އެމްޓީސީސީގެ ބޯޑަށް އާ ޑިރެކްޓަރުން ވެސް އައްޔަން ކުރި އެވެ. އެގޮތުން ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަން ކޮށްފައި ވަނީ، އެ ކުންފުނީގެ ޗެއާމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، އެގްޒެކެޓިވް ޑިރެކްޓަރު ޝާހިދު ހުސައިން މޫސާ، ސިނާން އަލީ އަދި މުހައްމަދު ފަރީދު އެވެ. އާންމު ހިއްސާދާރުންގެ ތެރެއިން ދެ މީހަކު ބޯޑަށް ކުރިމަތިލާފައިވާއިރު އައްޔަން ކޮށްފައި ވަނީ ގއ. ވިލިނގިލި، ހެޕީނައިޓް، ނަސްރަތު މުހައްމަދު އެވެ.

މީގެ އިތުރުން އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓް އަދި 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ޖަލްސާގައި ފާސް ކުރި އެވެ. އަދި 2020 ވަނަ އަހަރަށް އެ ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ހިއްސާދާރުން ހޮވި ފަރާތަކީ ޕްރައިސްވޯޓާ ހައުސްކޫޕާސް އެވެ.