ހަބަރު

ކޯޗެއާއަކަށް އުމަރު ނެގީ ސީދާ ކޮމިޝަނުން: ރައީސް

Oct 13, 2015
2

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލައި ދިން ހަމަލައިގެ ތަހުގީގަށް އެކުލަވައިލި އިންކްއަރީ ކޮމިޝަނުގެ ކޯޗެއާއަކަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖެއްސީ އެ ކޮމިޝަންގެ މެންބަރުން އަމިލައަށް ކަމަށް ޕީޕީއެމް/އެމްޑީއޭ އަދި ޖޭޕީގެ ޕީޖީ މެންބަރުންނާ ބައްދަލުވާ އިއްޔެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެ ބައްދަލުވުމަށް ވަޑައިގެންނެވި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެންބަރަކު ނަން ހާމަ ނުކުރަން އެދިވަޑައިގެން ވިދާޅުވީ އިންކްއަރީ ކޮމިޝަންގެ ކޯޗެއާއަކަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ލެއްވީ ކީއްވެންތޯ އިއްޔެގެ ބައްދަލުވުމުގައި ރައީސާ ސުވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ކަމަށެވެ.

"އެ ސުވާލު [މުސްތޮފާ] ކުރެއްވީމަ ރައީސް ވިދާޅުވި އިންކްއަރީ ކޮމިޝަނުގެ ޗެއާއަކީ ތިމަންމަނިކުފާނޭ، ކޯޗެއާއަކަށް މިނިސްޓަރު އުމަރު ހަމަޖެއްސީ އެ ކޮމިޝަނުންގައި ދެންތިއްބެވި ބޭފުޅުން އަމިއްލަފުޅަށް އިސް ނަންގަވައިގެނޭ، އެއީ އެ ބޭފުޅުންގެ ނިންމުމެކޭ،" އެ މެންބަރު ވިދާޅުވު އެވެ.

ރައީސް ޔާމީނާ ހަވާލާ ދެއްވާ އެ މެންބަރު ވިދާޅުވީ އިންކްއަރީ ކޮމިޝަންގެ ތަހުގީގުގެ މަސައްކަތް ކުރިޔަށް ދަނީ މެންބަރުން އެކި ބައިބަޔަށް ބެހިގެން ކަމަށާއި އޭގެ ތެރެއިން ބައެއް ބައިބައިގެ ކަން ސީދާ ރިޕޯޓް ކުރަން ޖެހެނީ އެމަނިކުފާނަށް ކަމަށެވެ. އަދި ބައެއްކަންކަން ރިޕޯޓް ކުރަންޖެހެނީ ކޯޗެއާއަށް ކަމަށާއި އެގޮތަށް ހަދާފައިވަނީ އެފަދަ ކަންކަން އޮންނަ ގޮތުގެ މައްޗަށް ބަލައިގެން ކަމަށާއި އެ މަސައްކަތްތަކުގެ ތެރޭގައި ވަކިވަކި މީހުނާ ސުވާލު ކޮށް ހޯދަންޖެހޭ ފައިންޑިން ހޯދުން ވެސް ހިމެނޭ ކަމަށެވެ.

"އަދި [ރައީސް] ވިދާޅުވި ކޮމިޝަންގެ ރިޕޯޓް އަންނަ އިރު އޭގައި އެއްވެސް ލިޔެވޭނީ އެމަނިކުފާނަށް އެނގިވަޑައިގެން ކަމަށް،" އެ މެންބަރު ވިދާޅުވި އެވެ.

އިއްޔެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާ ގުޅުވައި މެންބަރު މުސްތޮފާ އަމާޒު ކުރެއްވި ސުވާލަށް ރައީސް އެ ޖަވާބު ދެއްވި އިރު ބައެއް ފަރާރްތަކުން ދަނީ އެ ކޮމިޝަންގެ ކޯޗެއާގެ މަގާމުގައި އުމަރު ހުންނަވާތީ ސުވާލު އުފައްދާފައެވެ. އަދި ފިނިފެންމާގެ ހާދިސާއަށް ފަހު އެކި ފަރާތްތަކުން ތުހުމަތުގެ އިނގިލި ދިއްކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބު ވެސް ރޭ ދި ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވަނީ އުމަރު ނަސީރަށް ރައްދުވާ ގޮތަށް ފާޑުވިދާޅުވެފަ އެވެ.

އަދީބު ރޭ ވިދާޅުވީ ވަކި މީހެއްގެ ފޮޓޯ ބާއްވައި އެއަށް ބަލައި ވަށައިގެން ތަހުގީގު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި ފެބްރުއަރީ 7 ގެ ހާދިސާއާއެކު "ކޮމާންޑް ސެންޓަރޭ" ކިޔައިގެން ވެސް ބަޔަކު ކްރެޑިޓް ނަގަން މަސައްކަތް ކުރި އިރު ކޯޓްގައި ބެދޭވަރަށް "ހަރުގަނޑޭ" އަދި "ހުދުވަލޭ" ކިޔައިގެން ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ.