ދުނިޔެ

"ހައްޖުގެ ކަންކަން ބަލަހައްޓަން އެހެން ބަޔަކަށް ދުލެއް ނުކުރެވޭނެ"

ރިޔާޒް (ބީބީސީ) - ހައްޖުގެ ކަންކަން "ފޮރުވިފައިވާ އަތްތަކެއްގެ މައްޗަށް" ދޫކޮށް ނުލައްވާނެ ކަމަށާއި ނިމިގެންދިޔަ ހައްޖު މޫސުމުގައި ހިނގި ހިތާމަވެރި ހާދިސާތައް ސިޔާސީ ކޮށް މުސްލިމުން ބައިބައި ވާން ދޫކޮށް ނުލައްވާނެ ކަމަށް ސައުދީ ރަސްގެފާނު ވިދާޅުވެއްޖެ އެވެ.

ރަސްގެފާނު މިހެން ވިދާޅުވީ ހައްޖުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ކޮންމެވެސް އެހެން އިސްލާމީ ގައުމަކާ ހަވާލު ކުރުމަށް އީރާނުގެ ޝިއީ އިލްމުވެރިއަކު ގޮވާލި ގޮވާލުމަށް ރައްދު ދެއްވަމުންނެވެ.

ރަސްގެފާނު ވިދާޅުވީ މި ފަދަ ޒިންމާދާރުކަން ކުޑަ ވާހަކަ ތަކުގެ ސަބަބުން ހައްޖުގެ ކަންކަމުގައި ސައުދީން އަދާކުރާ ދައުރަށް އެއްވެސް ކަހަލަ ހީނަރުކަމެއް އައިސްގެން ނުވާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާއާއި ވާދަވެރިކަން ބޮޑު އީރާނުން ހައްޖު މޫސުމުގައި ހިނގި ހާދިސާ ތަކަށް ފަހު ސައުދީއަށް ވަރަށް ހަރުކަށި އިބާރާތުން ފާދު ކިޔާފައި ވެއެވެ. މިގޮތުން ހައްޖުގެ ކަންކަން ބެލެހެއްޓުމަށް ސައުދީ ނުކުޅެދިފައިވާ ކަމަށާއި، މިނިވަން އިދާރާއަކުން ހައްޖުގެ ކަންކަން ބެލެހެއްޓުން މާ ރަނގަޅުވާނެ ކަމަށް ވެސް އިރާނުން ބުނެފައި ވެއެވެ.

ނިމިގެންދިޔަ ހައްޖު މޫސުމުގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާ ތަކުގައި 15،00 އެއްހާ މީހުން މަރުވި ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ބުނެއެވެ. އެކަމަކު ސައުދީން ބުނަނީ މަރުވީ 770 އެއްހާ މީހުން ކަމަށެވެ. ބައިނަލް އަގްވާމީ ފަރާތްތަކުން ބުނާ އަދަދު ރަނގަޅު ނަމަ، މިއީ މިހާތަނަށް ހައްޖު މޫސުމުގައި ހިނގި އެންމެ ގިނަ މީހުން މަރުވި ހާދިސާއެވެ. މީގެ ކުރިން 1990 ވަނަ އަހަރު ފިތިބާރުވެގެން މަރުވި މީހުންގެ އަދަދަކީ 1426 އެވެ.