ހދ. ކުޅުދުއްފުށިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފި އެވެ.
އެ ރަށުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މާލެ އާއި ކުޅުދުއްފުށްޓާއި ދެމެދު ދަތުރުކުރާ "ފާޅު ބޯޓް" ގެ ކެޕްޓަނެވެ. އޭނައާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ދެ ފަޅުވެރިއަކު އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ. އެ ކްލަސްޓާއާ ގުޅުންހުރި އިތުރު މީހަކުވެސް މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. އެހެން ކަމުން "ފާޅު ބޯޓް" ކޭސްއާ ގުޅުންހުރި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހަތަރަކަށް އެރީއެވެ.
މިއަދު ދެން ޕޮޒިޓިވްވީ ކުޅުދުއްފުށީގައި ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.
އެޗްޕީއޭއިން މިރޭ އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަތޮޅުތެރޭގެ 19 ރަށެއްގެ 35 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. މިވަގުތު އެންމެ ގިނަ ބަލި މީހުން ތިބީ ގދ. ހޯނޑެއްދޫގައެވެ. އެ ރަށަކީ މާލެ ސިޓީ ފިޔަވައި އެންމެ ގިނަައިން ކޮވިޑްގެ ބަލި މީހުން ފެނުނު ރަށެވެ. އެ ރަށުގެ 45 މީހަކަށް ބަލި ޖެހުނު ނަމަވެސް މިވަގުތު ބަލިން ރަނގަޅުނުވެ ތިބީ ނުވަ މީހުންނެވެ. މީގެ އިތުރުން ގއ. މާމެންދޫގައި ތިން މީހުން، ގއ. ވިލިނގިލީގައި ދެ މީހުން އަދި އދ. ކުނބުރުދޫގައިވެސް ދެ މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.