ދުނިޔެ

ޔޫކޭން ލަންކާއަށް އެތެރެކުރި ކުނި ކޮންޓެއިނާތައް ބޭރުކޮށްލައިފި

Sep 28, 2020

ކޮލޮމްބޯ (ސެޕްޓެމްބަރު 28) - ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް އިނގިރޭސިލާވިލާތުން ސްރީލަންކާއަށް އެތެރެ ކޮށްފައިވާ ކުނި ހިމެނޭ ކޮންޓެއިނެރުތަކެއް އަނބުރާ ފޮނުވާލައިފި އެވެ.

ކަސްޓަމްސް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ ނޫހުން ބުނީ ސެޕްޓެމްބަރު 2017 އިން މާޗް 2018 އާ ދެމެދު ކަނޑުމަގުން ޖުމްލަ 21 ކޮންޓެއިނަރެއްގައި 260 ޓަނުގެ ކުނި އެތެރެކޮށްފައިވާ ކަމަށެވެ.

އެ ކޮންޓެއިނަރުތަކުގައި ގޮދަޑި އާއި، ކާޕެޓާއި ރަގު ފަދަ ކުނި ހިމެނޭއިރު، ހޮސްޕިޓަލުތަކުން އުކާލާފައިވާ ކުނި ހުރި ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

"ޝިޕް ކުރި ފަރާތުން ވަނީ އެ 21 ކޮންޓެއިނަރު އަނބުރާ ގެންދަން އެއްބަސްވެފައި. އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ އެ ކޮންޓެއިނަރުތައް އެތެރެކުރި ފަރާތްތަކުގެ އަތުން ބަދަލު ހޯދަން،" ކަސްޓަމްސްގެ ތަރުޖަމާނު ސުނިލް ޖަޔަރަތުނަ ވިދާޅުވި އެވެ.

އެ ކޮންޓެއިނަރުތަކުގައި ހިމެނޭ ހޮސްޕިޓަލުތަކުން އުކާލާފައިވާ ކުނީގެ ތަފްސީލެއް ދީފައި ނުވި ނަމަވެސް، މީގެ ކުރިން ގަވައިދާ ހިލާފަށް އެތެރެކުރި ކުނީގެ ތެރޭގައި އުކާލާފައިވާ ބެންޑޭޖާއި، މޯޗަރީން އުކާލާފައިވާ އިންސާނުންގެ ހަށިގަނޑުގެ ބައިތައް ހިމެނޭކަމަށް އޮފިޝަލުން އިތުރަށް ބުނެފައިވެ އެވެ.

އެ 21 ކޮންޓެއިނަރު މިދިއަ ހޮނިހިރު ދުވަހު އަނބުރާ ފޮނުވާލާފައިވާއިރު، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ އިތުރު 242 ކޮންޓެއިނަރު ހުރި ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

އެ ކޮންޓެއިނަރުތައް ވެސް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ލަންކާ ސަރުކާރުން ދަނީ ކުރަމުންނެވެ.

މިދިއަ އަހަރު ލަންކާގެ ކަމާބެހޭ އިދާރާތަކުން ކުރި ތަހުގީގަކުން އެނގިފައިވާ ގޮތުގައި، ގާތްގަނޑަކަށް 3،000 ޓަނުގެ ކުނީގެ ތެރެއިން، އެ އިމްޕޯޓަރު ވަނީ 180 އެއްހާ ޓަނު އިންޑިއާގެ އިތުރުން ދުބާއީ އަށް ރީ ޝިޕް ކޮށްފަ އެވެ.