ދުނިޔެ

ރައީސް ޓްރަމްޕް "ޓެކްސް ކްރައިިސިސް" އެއްގެ ތެރެއަށް

ވޭތުވެދިޔަ 15 އަހަރުގެ ތެރެއިން 10 އަހަރު އެމެރިކާގެ ރައީސް ޑްނަލްޑް ޓްރަންޕް ދައުލަތަށް ދައްކަވަން ޖެހި ވަޑައިގަންނަވާ އިންކަމް ޓެކްސް ނުދައްކަވާ ކަން ހާމަވެއްޖެ އެވެ. މިކަން ބޭޒާރުކޮށް ފާޅާ އަރުވާލާފައި ވަނީ އެމެރިކާގެ މަޝްހޫރު ނޫސް ނިއުޔޯކް ޓައިމްސް އިންނެވެ.

އެ ނޫޙުން ހާމަ ކުރިގޮތުގައި 2016 އާއި 2017 ވަނަ އަހަރު ޓެކްސްގެ ގޮތުގައި ރައީސް ޓްރަންޕް ދެއްކެވީ އެންމެ 750 ޑޮލަރެވެ. އެ ނޫހުން އިތުރަށް ބުނެދޭ ގޮތުގައި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރެއިން 10 އަހަރު ޓްރަންޕް އިންކަމް ޓެކްހެއް ނުދައްކަވަ އެވެ. އެކަމަކު 2018 ވަނަ އަހަރުވެސް އާމްދަނީގެ ގޮތުގައި 427.4 މިލިއަން ޑޮޮލަރު އެމަނިކުފާނުގެ ވިޔަފާރިން ލިބިވަޑައިގެންނެވި އެވެ. މިގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބިވަޑައިގަތީ ރިއަލިޓީ ޓެލެވިޒަން ޕްރޮގްރާމުންނާއި އެހެނިހެން ވިޔަފާރިތަކުންނެވެ.

ފޯބްސް އިން އަންދާޒާ ކުރާގޮތުގައި ކޮރޯނާ ވައިރަސްގެ ކުރިން ޓްރަންޕްގެ މިލްކިއްޔާތަކީ 2.1 ބިލިއަން އެމެރިކާ ޑޮލަރެވެ. އެހެން ނަމަވެސް މިހާރު އެ އަދަދު ވަނީ އެއް ބިލިއަން އެމެރިކާ ޑޮލަރަށް ދައްވެފަ އެވެ. އެތައް އަހަރެއް ވަންދެން ޓްރަންޕް ވަނީ އެމަނިކުފާނުގެ ވިޔަފާރި އޮޑިޓް ކުރަމުންދާ ކަމަށް ވިދާޅުވެ ޓެކްސް ދައްކަންޖެހޭ ވަރު ހާމަ ކުރެެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ.

ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުގައި 2018 ވަނަ އަހަރު ޓްރަންޕަށް 47.4 މިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ޓެކްސް އިދާރާއަށް ވަނީ އަންގަވާފަ އެވެ. އެކަމަކު އެ އަހަރުގެ މާލީ ހިސާބު ތަކުން 434.9 މިލިއަން އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި އެ މަނިކފާނަށް ލިބިވަޑައިގެންނެވި ކަން ހާމަ ވެއެވެ.

ޓްރަންޕަށް 10 އަހަރު ވީ މާލީ ބޮޑު މައްސަލަ އެއް ކުރިމަތިވެވަޑައިގެންފައި އެބައޮތެވެ. އެގޮތުން ވިޔަފާރީ ގައި ބޮޑެތި ގެއްލުންވި ކަމަށް ވިދާޅުވެ އިންޓާނަލް ރެވެނިއު އޮތޯރިޓީ އާއި ދެކޮޅަށް ދައުވާ ކުރައްވައި ބަދަލުގެ ގޮތުގައި ޓެކްސް ރިފަންޑަށް 72.9 މިލިއަން ޑޮލަރު ހޯއްދެވި އެވެ. އަދި އެ ފައިސާއަކީ ރަނގަޅު ގޮތުގައި ހޯއްދެވި އެއްޗެއްކަން އޮޑިޓުން ސަބިތުކޮށް ދެއްވަން މަސައްކަތް ކުރައްވާތާ މިހާރު 10 އަހަރު ވެއްޖެ އެވެ، އެހެން ނަމަވެސް މިހާރު ކަންތައް ދާ ގޮތުން ޓްރަންޕް އާއި ދެކޮޅަށް ނެރޭ އަމުރެއްގެ ސަބަބުން އަލުން 100 މިލިއަން ޑޮލަރު ދައްކަވަން ޖެހިވަޑައިގެންފާނެ އެވެ. މިއީ ކުރިމަތީގައި އިންތިހާބު އޮއްވާ ރައީސް ޓްރަމްޕަށް ކުރިމަތިވެ ވަޑައިގަންނަވާނެ ވަރަށް ބޮޑު މައްސަލައަކަށް ވެގެން ދާނެ އެވެ.

ޢާދީއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ޓްރަންޕް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާ ރައްދު ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ފަތުރާލާފައި އެވަނީ މުޅިން ބުހުތާން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ މަނިކުފާނު ޓެކްސް ދައްކަވަން ޖެހޭ ވަރު އޮޑިޓަށް ފަހު ހާމަވެގެން ދާނެ ކަމަށެވެ.

ޓްރަންޕް އޮގަނައިޒޭޝަންގެ ލޯޔާ އެލަން ގާޓެން ވެސް ވަނީ ނިއުުޔޯކް ޓައިމްސް އަށް ރައްދު ދެއްވާފަ އެވެ. އޭނާ ވެސް ވިދާޅުވީ އެ ނޫހުން ހާމަކޮށްފައިވާ ގިނަ މައުލޫމާތުތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ. ގާޓެން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 10 އަހަރު ރައީސް ޓްރަންޕް ވަނީ ސަރުކާރަށް އެތައް މިލިއަން ޑޮލަރު ޓެކްހުގެ ގޮތުގައި ދައްކަވާފަ އެވެ. ރިއާސީ އިންތިހާބަށް 2015 ގައި ކުރިމަތިލައްވާކަން އިއުލާން ކުރެއްވުމަށް ފަހު ވެސް އެތައް މިލިއަން ޑޮލަރެއް ޓެކްސް ގެ ގޮތުގައި ދެއްކެވި އެވެ.