ދުނިޔެ

އިންޑިޔާގައި އެކްޓިވިސްޓެއް ގަޔަށް ކަޅު ދެލި ޖަހައިފި

ނިއުދިއްލީ (ބީބީސީ) - އިންޑިޔާގެ ތިންކް ޓޭންކެއްގެ ވެރިޔާގެ މުޅި މޫނަށާ އެއްކޮށް ގަޔަށް ކަޅު ދެލި ޖަހައިފިއެވެ. ސުދީންދްރާ ކުލްކަރްނީގެ މޫނަށް ދެލި ޖެހީ ޕާކިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރެއް ކަމައްވާ ހުރްޝިދު ކަސޫރީ ލިޔުއްވި ފޮތެއް ނެރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިކަން ކުރީ ހަރުކަށި ހިންދޫ ޝިވް ސޭނާ ޕާޓީގެ ބަޔެކެވެ. އެ ޕާޓީން ބުނީ މިއީ ޕާކިސްތާނާ ދެކޮޅަށް ހިންގި "ސުލްހަވެރި" އަމަލެއް ކަމަށެވެ.

ހުރްޝިދުގެ ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތާ ދިމާކޮށް މުޒާހަރާ ކުރުމަށް ސިވް ސޭނާ ޕާޓީން ކުރިން ނިންމި ނަމަވެސް ފަހުން ވަނީ އެ މުޒާހަރާ ކެންސަލް ކޮށްފަ އެވެ.

ދެލީގެ ހަމަލާ އަމާޒުވި ކުލްކަރްނީ ބުނީ މިއީ "ޑިމޮކްރަސީ އަށް ދިން ހަމަލާއެއް" ކަމަށެވެ. އޭނާ ބުނީ ސިވް ސޭނާ ޕާޓީގެ 15 ވަރަކަށް މީހުން އޭނާ ހިފެހެއްޓުމައްފަހު ހުރްޝިދު ގެ ފޮތް ނެރުމުގައި ބައިވެރި ނުވާން އިންޒާރު ކުރުމުން އެކަން ހުއްޓާނުލުމުން ދޭ އަދަބެއް ކަމައް ބުނެ މޫނަށާ އެއްކޮށް ގަޔަށް ދެލި ޖެހީ ކަމަށެވެ. މި ދެލި ތަކާއެކު އޭނާ ވަނީ ނޫސްވެރިންގެ އެތައް ބައްދަލުވުމެއްގައި ބައިވެރި ވެފައެވެ. މޫނުން ދެލި ފިލުވުމަށް އޭނާ ވަނީ ފަހުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ކުލްކަރްނީގެ މޫނަށް ދެލި ޖެހި ޕާޓީ އަކީ މުސްލިމުންނާ ވަރަށް އިދިކޮޅު ބައެކެވެ. އަދި 1966 ވަނަ އަހަރު މި ޕާޓީ އުފެއްދުމުގެ މައިގަނޑު އެއް ބޭނުމަކީ އިންޑިޔާގައި އިސްލާމްދީން ފެތުރުނަ ނުދިނުމެވެ. މި ޕާޓީ މަޝްހޫރު ވެފައި ވަނީ ދީނީ ހިޔާލު ތަފާތު ވުން ތަކުގައި ހަރުކަށި އަދި މީސްކޮޅު މަދު ދީން ތަކަށް ހަމަލާދޭ ޕާޓީއެއްގެ ގޮތުގަ އެވެ. ހާއްސަކޮށް މުސްލިމުންނަށް މި ޕާޓީގެ ހަމަލާތައް އަމާޒު ކުރެއެވެ.

އިންޑިޔާގެ ހަރުކަށި ހިންދޫން މުސްލިމުންނަށާއި މުސްލިމުންނަށް އެހީވާ ފަރާތްތަކަށް ވަރަށް ގިނައިން ހަމަލާ ދެއެވެ. މި ގޮތުން މިދިޔަ ހަފްތާގައި ޕާކިސްތާނުގެ ފަންނާނު ގުލާމް އަލީގެ ޝޯ އެއް ބޭއްވިޔަ ނުދިނީ ވެސް ޝިވް ސޭނާ ގެ މަސައްކަތުންނެވެ. އަދި މިދިޔަ މަހު ގެރި މަސް ކާ ކަމަށް ބުނެ ފަންސާސް އަހަރުގެ މީހެއްގެ ގައިގާ ފަހާ ފޮއްޓަކުން ތަޅާ މަރާލާފައި ވެއެވެ.