ރިޕޯޓް

ލޮލަށް ސަމާލު: ލޮލަކަށް ލޮލެއް ނުލިބޭ!

ފަހަކަށް އައިސް މަހަށް ނުކުމެ އުޅޭ ދޯނި ފަހަރުގެ ފަޅުވެރީން ލޮލުގައި ބުޅި އެޅޭ، ނުރައްކާތެރި ހާދިސާތައް ދިމާވާން ފަށާފައި ވެއެވެ. މިއީ ދޮށީގެ މަސްވެރިކަން ކުރާ ރާއްޖޭގައި ކުރިން ވެސް ކައިރި ކައިރީގައި ދިމާވަމުން އައި ހާދިސާތަކެކެވެ. އަހަރުތަކަކަށް ފަހު އަނެއްކާ ވެސް އައިން މަތީ ހަރަކާތުގެ ތެރޭ މަސްވެރިންގެ ލޮލުގައި ބުޅި އެޅޭ ހާދިސާތައް އަންނަން ފެށީ ވެ. މިދިއަ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް އެފަދަ ދެ ތިން ހާދިސާއެއް ރާއްޖޭގައި ހިނގާފައި ވެއެވެ.

ރާއްޖޭގައި ދޮށި އަޅައިގެން ކުރާ މަސްވެރިކަމުގެ ޒާތާއި ގޮތަށް ބަލާއިރު ލޮލުގައި ބުޅި އެޅުމަކީ ހިނގުން ވަރަށް ކައިރީގައި އޮންނާނެ ހާދިސާއެކެވެ.

އަވަސް އާ ވާހަކަ ދެއްކި މަސްވެރިޔަކު ބުނި ގޮތުގައި އައިން މަތީ ހަރަކާތުގައި ލޮލުގައި ބުޅި އޭޅޭ ހާދިސާތައް ދިމާވަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާ ކުޑަކޮށްލާތީ އެވެ. އޭނާ ބުނި ގޮތުގައި ކުރީ ޒަމާނުގަ މަސްވެރިކަން ކުރާ ގޮތާއި މި ޒަމާނުގަ މަސްވެރިކަން ކުރާ ގޮތާއި ވަރަށް ތަފާތެވެ. ކުރިން ކުދި ކުދި ދޯނިފަހަރުގައި ދިހަވަރަކަށް މީހުން މަހަށް ދިޔަ ނަމަވެސް މިހާރުގެ ބޮޑެތި ބިޔަ މަސް ދޯނިފަހަރުތަކުގައި ވިއްސަކަށް ތިރީހަކަށް މީހުން މަހަށް ދެ އެވެ. އަދި އެއްފަހަރާ ދޮށި އަޅަން 15 މީހުންނަށްވުރެ ގިނަ މީހުން ތިބެ އެވެ.

"ކުރީ ޒަމާނުގެ މަސްވެރިކަމާ މިޒަމާނުގަ މަސްވެރި ކަމާ އަޅައި ނުވެސް ކިޔޭނެ. އޭރުގެ ކުދި ދޯނިތަކުގަ މަހަށް ދާނީ ވެސް ދިހަ ވަރަކަށް ބާރަ ވަރަކަށް މީހުން. އެ އެންމެނެއް ދޮށި އަޅާކަށް ނުތިބޭނެ. ހައެއްކަ މީހުން ދޮށި އަޅާނީ. އަނެއްކާ މަސް ނަގާނީ ކައިރިއަށް. މިހާރު ވެއްޖިއްޔާ ބޮޑެތި ދޯނިފަހަރު ވިއްސަކަށް ތިރީހަކަށް މީހުން މިދަނީ މަހަށް. އެއްފަހަރާ ދޮށި އަޅައިގެން މަސްބާނަށް އެބަތިބޭ 15 މީހުންވެސް، 20 މީހުންވެސް. އެހެންވީމަ ބާނާ މަސް ނައްޓައިގެން ދާ ގޮތަކުން ސަމާލު ނުވެއްޖެއްޔާ ގައިގެ ކޮންމެ ތަނެއްގައި ވެސް ބުޅި އެޅިދާނެ، ސަމާލު ނުވާނަމަ ހާއްސަކޮށް ލޮލުގައި ބުޅި އެޅުން އޮންނާނީ ވަރަށް ކައިރީގައި." ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިކަންކޮށް ތަޖުރިބާ ލިބިފައިވާ އެ މަސްވެރިޔާ ބުންޏެވެ.

މަސްވެރި ކަމުގެ ތެރޭ ލޮލުގައި ބުޅި އެޅޭ ހާދިސާތަ މިފަހުން އިތުރުވަމުން ދިޔަ ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބަލާއިރު މިދިއަ މަހުގެ ހާދިސާތަކާ ހަމައަށް ހިނގާފައި ވަނީ އެފަދަ ފަސް ހާދިސާއެކެވެ.

މަސްވެރިންގެ ޖަމިއްޔާގެ ފައުންޑަރު އަހުމަދު ޝަފިއު ވިދާޅުވި ގޮތުގައި މަސްވެރިކަމުގައި އުޅޭއިރު ލޮލުގައި ބުޅިއެޅުން ފަދަ ހާދިސާ ހިނގަނީ ވަރަށް މަދުންނެވެ. އެކަމަކު އެއީ ކުރިމަތި ވެދާނެ ވަރަށް ނުރައްކާތެރި ހާދިސާއެކެވެ، އެކަމުން ރައްކާތެރިވެވޭނެ ގޮތަކީ ސަލަމަތީ ގޮތުން މަސްވެރިޔާ އަމިއްލަޔަށް ފިޔަވަޅުތައް އަޅައިގެން އުޅުމެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސް އައިނުން މަސް ބާނާއިރު ދޯނި ތެރެއިން މީހުންގެ ގައިގައި މަހުން ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމަކު ބޮލާއި ލޯ ފަދަ ނާޒުކު ގުނަވަނެއްގައި މަހުން ނުވަތަ ބުޅިން ޖެހުމަކީ މުޅި އުމުރުގެ ވޭނަކަށް ވެއެވެ. އަދި އެކަން ކަމުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންކަން ވެސް ހުރެ އެވެ. އެގޮތުން މަސް ބަނާ ވަގުތުތަކުގައި ހެލްމެޓް އެޅުމާއި ލޮލުގައި މާސްކު ފަދަ ފިޔަވަޅުތައް އެޅިދާނެ އެވެ. އަދި އަމިއްލައަށް އިސްވެ ކުރަންޖެހޭނެ ކަމަކަށް ހަދަން ޖެހެ އެވެ.

"ކޮންމެ ކަމަކަށް ގާނޫނެއް ބޭނުމެއް ނުވާނެ، މަސްވެރިޔާގެ އަމިއްލަ ފަރުދީ ޒިންމާވެސް އޮންނަން ވާނެ. މަހުން ޖެހިގެން އަދި ބުޅި އެޅިގެން ތިމާގެ ލޮލާއި ބޯ ފަދަ ނާޒުކު ގުނަވަނަކަށް ގެއްލުން ވެއްޖިއްޔާ މުޅި އުމުރު ދުވަހުގެ ބައްޔެއްގައި އުޅެން ޖެހޭ ފަހަރު އާދޭ... ލޮލުގެ ބުޅިއެއް އެޅިއްޖެއްޔާ އެމީހާގެ އެއް ގުނަވަން އެ ދިޔައީ ނޫންތޯ؟" ޝާފިއު ވިދާޅުވި އެވެ. "އެހެންވީމަ ލޮލުގަ މާސްކެއް ފަދަ އެއްޗެއް އަޅައިގެން ދޮށިއަޅަން ދިޔުން ވަރަށް މުހިންމު. ބައެއް މަސްވެރިން އުޅޭ އަމިއްލައަށް ވެސް މާސްކް ނާޅާ ދޮށިއަޅާން ނުދާ މީހުން ވެސް. ނޫނީ ހެލްމެޓް ނެތިއްޔާވެސް ނުދާ މީހުން އެބައުޅޭ. އެހެންވީމަ އަމިއްލަ ނަފްސަށް ސަމާލު ވުމުން މިފަދަ ކަންކަން ދިމާވުން މަދުވާނެ."

މި ފަހުން ހިނގި ލޮލުގައި ބުޅި އެޅުނު ހާދިސާތަކަށް ބަލާއިރު މިދިޔަ މަހުގެ 21 ވަނަ ދުވަހު އދ. މަންދޫ ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި އުމުރުން 65 އަަހަރުގެ ދިވެއްސެއްގެ ލޮލުގައި ބުޅިއެއް އެޅިގެން ސިއްހީ އިތުރު ފަރުވާ އަށް ވަނީ މާލެ ގެންނަން ޖެހުނެވެ. ޖެހިގެން އައި ދުވަހު ދިއްފުށި ކަނދުފަތީގެ އުތުރުން މަަސްވެރިކަމުގައި އުޅުނު ދޯންޏެއްގައި ހުރި އުމުރުން 40 އަހަރުގެ މީހެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވި އެވެ. އަދި އެހެން ހާދިސާއެއްގައި މީހެއް ލޮލުގައި ބުޅި އެޅިގެން ފަރުވާއަށް މާލެ ގެނަ އެވެ. މީގެ ކުރިން ހިނގި މިފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުންގެ ލޮލުގެ ފެނުން ގެއްލިފައި ވެއެވެ. އަދި ބައެއް މީހުންގެ ލޯ ބަދަލު ކޮށްފައިވާއިރު އުމުރަށް ވޭން އަޅަންޖެހޭ ހާލަތަށް ބަދަލު ވެފައި ވެއެވެ.
\
މަސްވެރިކަމުގައި އުޅެނިކޮށް ލޮލުގައި ބުޅިއެއް އެޅި ލޯ ބަދަލު ކޮށްފައިވާ މީހަކު ބުނި ގޮތުގައި އޭނާ މަސްވެރިކަމުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ހޭދަ ކުރި އެވެ. އޭނާ ބުނި ގޮތުގައި 20 ޓަނުން 40 ޓަނުން މަސް ބާނަން ފޯރީގައި މަސް ދޯންޏަށް ނަގަން ހިފާލިތަނުން ބުޅިން ނެއްޓިގެން އައިސް ލޮލުގަ އެޅުނީ އެވެ.

"ޑޮކްޓަރު ބުނީ އެ ލޮލުގެ ބޭނުމެއް ނެތޭ. ލޯ ބަދަލު ކުރާށޭ ޖެހޭނީ. ދެން މަޑު މަޑުން ގޮސް އެ ލޮލުގެ ފެނުން އެއްކޮށް ގެއްލުނީ. ނާރުތައް ހަލާކު ވުމުގެ ކުރިން ލޯ ބަދަލުކުރަން ޑޮކްޓަރު އިރުޝާދު ދެނީ. އެކަމަކު އޭރު މާލީ ހާލަތު އެވަރަކަށް ތަނެއް ނުދޭ. ފަހުން ލޯ ބަދަލު ކުރީ. ލޮލެއް ހޯދުމަކީ ވެސް ވަރަށް އުދަނގޫ ކަމެއް. ކޮންމެ ކޮންމެ މީހަކީ އެވަރުގެ ތަނަވަސް ކަން ލިބޭނެ މީހެއް ނޫން. އެހެންވީމަ މިގޮތަށް މަސް ނައްޓައިގެން ގޮސްދާނެ ކަމަށް ވަރަށް ވިސްނައިގެން މަސްވެރިކަމުގަ އުޅެން ޖެހޭނީ." އޭނާ ބުންޏެވެ.

ސިއްހީ އެހީތެރިންގެ އިރުޝާދު

ލޮލުގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އައްޒާމް ވިދާޅުވި ގޮތުގައި، ލޮލަށް ބުޅި އެޅިއްޖެ ނަމަ، ސިއްހީ އެހީތެރިންނާ ހަމަޔަށް ދެވެންދެން ބުޅި ލޮލުގައި ބަހައްޓަން ޖެހެ އެވެ. އަމިއްލައަށް ލޮލުން ބުޅި ނައްޓަން މަސައްކަތް ކޮށްފި ނަމަ ލޮލަށް އިތުރު ގެއްލުން ލިބުމަކީވެސް އެކަށުގެންވާ ކަމެކެވެ. އަދި އަވަހާ އެކަށީގެންވާ ސިއްހީ ފަރުވާ ހޯދަން ޖެހެ އެވެ.

އައްޒާމް ވިދާޅުވި ގޮތުގައި ލޮލުގައި ބުޅި އެޅުމަށް ފަހު، ޑޮކްޓަރާ ހަމައަށް ދިއުމުގެ ކުރީން ބުޅި ނެއްޓުނު ނަމަވެސް މާބޮޑަށް ލޮލަށް ޕްރެޝަރު ނުވާނެ ހެން ސާފު ފޮތި ކޮޅަކުން ބަންދު ކުރުން މުހިންމެވެ.

"މިފަދަ ވަރަށް ގިނަ ކޭސްތައް އަޅުގަނޑު ހޭންޑްލް ކުރިން. އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ މިގޮތަށް ބުޅި އެޅިގެން ގެންނަ ޕޭޝަންޓުން ރަނގަޅު ފަރުވާ ލިބޭނެ ހޮސްޕިޓަލަށް ގެންދެވޭއިރު ގިނަ ފަހަރު އޮންނަނީ މާ ބޮޑަށް ލަސްވެފައި. އެހެންވީމަ ހުންނަނީ ލޮލުގެ ބައެއް ޓިޝޫތައް މަރުވެފައި. އެބައި އަޅުގަނޑުމެންނަށް ޖެހޭނީ ނަގަން. އޭގެ ސަބަބުން ވެސް ލޮލުގެ ފެނުން އަވަހަށް ގެއްލިގެން ދިޔުމުގެ ޗާންސް އެބައޮތް." އައްޒާމް ވިދާޅުވި އެވެ.

ލޮލުގައި ބުޅި އެޅޭ ހުރިހާ އެންމެންގެ ލޮލުގެ ފެނުމެއް ނުގެއްލެ އެވެ. ނަމަވެސް ލޮލުގެ ފެނުން ދަށްވެ އެވެ. އައްޒާމް ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވާ މީހުންގެވެސް ލޯ ބަދަލު ކުރުމަކީ އުދަނގޫ ކަމެކެވެ. ސަބަބަކީ މިފަދަ އެކްސިޑެންޓްތަކުގައި އާންމުކޮށް އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ލޮލުގެ ކަޅުކަޅިއަށް ކަމަށްވުމާއެކު އެއީ ފަސޭހައިން ލިބޭ އެއްޗަކަށް ނުވެ އެވެ. ޑޯނަރަކު ހޯދުން އެއީވެސް އުދަނގޫ، ތަކުލީފެއް އުފުލަންޖެހޭ ކަމަކަށްވެ އެވެ.

"މިފަދަ ކަންކަމަށް ސަމާލުކަން ދީ ރައްކާތެރިވުމުގެ ގޮތުން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅައިގެން މަސައްކަތް ކުރުމަކީ ތިމާގެ އަމިއްލަ ނަފްސަށް ކޮށްދެވޭ ކަމެއް ކަމަށް ދެކުން މުހިންމު... އާމްދަނީ ހޯދުމަށް ވިޔަސް މަޖަލަކަށް ރައްޓެހިންނާއެކު މަސްވެރިކަމުގައި ދިޔަޔަސް ދުރާލާ ފިޔަވަޅު އެޅުން މުހިންމު" އޭނާ ވިދާޅުވި އެވެ.