ހިތަށް އަނިޔާވާ ހުރިހާ ކަމަކުން ދުރުހެލިވާން ވަގުތީ ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ގޮވާލައްވައިފި އެވެ. -- އަސްލަމް މިހެން ވިދާޅުވި އިރު ހިޔާނާތުގެ ތުހުމަތުތަކަކާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހުންނެވީ އަމިއްލަފުޅަށް މަސްއޫލިއްޔަތުން އެކަރިވެ ވަޑައިގެން ގޭގަ އެވެ.
ދުނިޔޭގައި ފާހަގަ ކުރާ ހިތުގެ ދުވަހާ ގުޅުވައި މިނިސްޓަރު އަސްލަމް މިއަދު ހިއްސާ ކުރެއްވި ކުރުކުރު ވިޑިއޯ މެސެޖެއް މެދުވެރިކޮށް ވިދާޅުވީ "މިއަދު އަޅުގަނޑުމެން އަޒުމު ކަނޑައަޅަންވީ ހިތަށް އަނިޔާވާ އެންމެހާ ކަންކަމާ ދުރުހެލިވާން" ކަމަށެވެ.
އާދަވެ ދުންފަތުގެ އިސްތިއުމާލު ކުރައްވާ މިނިސްޓަރުގެ އެ މެސެޖްގައި ވިދާޅުވީ މިފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅަންވީ ހިތުގެ ވިންދު ޖެހުން ދުޅަހެޔޮކޮށް ބަހައްޓަން ކަމަށާއި އުފާވެރި ހަޔާތެއް ލިބުން ވަނީ ދުޅަހެޔޮ ހިތަކާއެކުގައި ކަމަށެވެ.
މިފަދަ ދުވަހެއް ފާހަގަ ކުރާއިރު ކޮވިޑް-19 އިގެ ބަލާއާފާތާއެކު މިވަގުތު ދުނިޔެ އޮތް ހާލަތަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔެ ވެސް މިވަގުތު ހޭދަ ކުރަމުން ގެންދަނީ ހިތާމަވެރި ދުވަސްތަކެއް ކަމަށެވެ.
"ކޮވިޑް-19 ގައި އަޅުގަނޑުމެން އެންމެން ވެސް މިގެންދަނީ ހިތާމަތަކާ ކުރިމަތިލަމުން މިފަދަ ދުވަސްވަރެއްގައި ވެސް އަޅުގަނޑުމެން ދުޅަހެޔޮ ސިއްހަތެއްގައި ތިބެން މަސައްކަތް ކުރަން ޖެހޭ. ކަސްރަތު ކުރުމާއި ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި ހިތްހަމަ ޖެހުން ލިބިގަންނަންޖެހޭނެ. އިރާދަ ކުރެެއްވިއްޔާ އަޅުގަނޑުމެން މި ހިތްދަތި ދުވަސްތަކުން އަރައިގަންނާނެ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ.