ދުނިޔެ

ގެރި ކަތިލުން މަނާކުރަން ލަންކާގެ ކެބިނެޓުން ތާއީދުކޮށްފި

Sep 29, 2020

ކޮލޮމްބޯ (ސެޕްޓެމްބަރު 29) - ސްރީލަންކާގައި ގެރި ކަތިލުން މަނާ ކުރަން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސް އިސްވެ ނިންމަވާފައިވާ ނިންމުމަށް ކެބިނެޓުން ތާއީދުކޮށްފި އެވެ.

މުޅި ގައުމުގައި ގެރި ކަތިލުން މަނާ ކުރަން ނިންމެވިކަން ރާޖަޕަކްސަ ވަނީ މި މަހުގެ ކުރީކޮޅު ވެރިކަންކުރާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ގެ ޕާލަމަންޓްރީ ގުރޫޕާ ހިއްސާ ކުރައްވާފަ އެވެ.

ކެބިނެޓްގެ ތަރުޖަމާނު ކެހެލިޔަ ރަމްބުކްވެއްލަ ވިދާޅުވީ މުޅި ލަންކާގައި ގެރި ކަތިލުން މަނާކުރުމުގެ ހުށަހެޅުމަށް ކެބިނެޓުން ތާއީދުކޮށްފައިވާ ކަމަށާއި، އެ ނިންމުން ގާނޫނަކަށް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.

ގެރި ކަތިލުން މަނާކުރި ނަމަވެސް، ލަންކާއަށް ގެރި މަސް އެތެރެ ކުރުން މަނާ ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ރާޖަޕަކްސަ އެގޮތަށް ނިންމަވާފައި ވަނީ ލަންކާގެ ބުއްދަ ސަސަނަ، ރެލިޖަސް އަދި ކަލްޗަރަލް އެފެއާޒް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށްވެ އެވެ. ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ ސްރީލަންކާގައި، ބުޑިސްޓުންގެ އިތުރުން ހިންދޫ ދީނުގެ މީހުން އާއްމުކޮށް ގެރި މަހެއް ނުކަ އެވެ.

ބުޑިސްޓު ގައުމިއްޔަތެއްގެ ފިކުރު އިސް ކޮށްގެން، އެސްއެލްޕީޕީން ވަނީ ދާދި ފަހުން ބޭއްވި އާއްމު އިންތިހާބު ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކޮށްފަ އެވެ. ގެރި ކަތިލުން މަ ނާކުރުމަށް ގޮވާލައި، ލަންކާގެ ނުފޫޒުގަދަ ބުޑިސްޓު މޮންކުން ސަރުކާރަށް ޕްރެޝަރު ކުރަމުން އަންނަތާ އެތަކެއް އަހަރެއް ވެއްޖެ އެވެ.