ހަބަރު

ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ

Sep 30, 2020
1

ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މަސްވެރިކަން ރަނގަޅުވެ މިހާރު އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 200 ޓަނުގެ މަސް ބާނަމުންދާ ކަމަށެވެ.

"މިހާރު މަސް ކިރުވާ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި. ގިނަ މަސްވެރިން މަސް ކިރުވަން ފެލިވަރަށް ދަތުރު ކުރަމުން އެބަދޭ،" އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްވެރިކަން ރަނގަޅުވެފައިވާއިރު ދުނިޔޭގެ ބާޒާރުގެ އަގަށް މަސް ގަންނަން ފެށުމާއެކު މަސްވެރިންނަށް ފައިސާ ދިނުން ވެސް ކުރިއަށްދާ ކަމަށެވެ.

"ހަފުތާއެއް ނިންމާފައި ފައިސާ ދެމުން ދާނެ. މިހާރު ފައިސާ ދޭނީ އޮންލައިންކޮށް، އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޮޑިތަކަށް ފައިސާ ޖަމާ ކުރާ ގޮތަށް،" އިސްމާއިލް ވިދާޅުވި އެވެ.

މިފްކޯ އިން ވަނީ ހަތް އަހަރަށް ފަހު ރާއްޖޭގައި މަސް ގަންނަ ކޮންޓްރޯލް އަގު ދޫކޮށްލަން ނިންމާފަ އެވެ. މަސް ކިލޯއެއް 20ރ. އަށް ގަންނަތާ މިހާރު ހަތް އަހަރު ވަނީ ވެފަ އެވެ. ނަމަވެސް މިހާރު މަސް ގަންނަމުން ދާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތެއް ބަލައި އެ ގޮތަަށެވެ. މިހާރު މަސް ކިލޯއެއް ގަންނަނީ 18ރ. އަށެވެ.