ސަލްމާން ޚާންގެ "ރާދޭ"ގެ މަސައްކަތް އޮކްޓޯބަރު 2 ވަނަ ދުވަހުން ފެށިގެން އިންޑިޔާގެ ކަރްޖާތުގައި ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ. މި ޝޫޓިން ކުރިޔަށް ދާ ވަގުތުތަކުގައި އެމްބިއުލެންސް އެއް ތައްޔާރީ ހާލަތުގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އަދި ޑޮކްޓަރުން ވެސް ސެޓުގައި ތިބޭނެ އެވެ.
މި އެކްޝަން-ތުރިލާގެ މަސައްކަތް ސަލްމާން މި ފަށަނީ ކޮރޯނާވައިރަހުގެ ސަބަބުން ފިލްމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ހަތް މަސް ދުވަސް ފަހުންނެވެ.
ކަރްޖާތުގެ އެންޑީ ސްޓޫޑިއޯޒްގައި މިފަހަރު ކުރިޔަށް ގެންދާނީ 15 ދުވަހުގެ ޝެޑިއުލް އެކެވެ. އޭގެ ފަހުން މުމްބައިގެ މެހްބޫބް ސްޓޫޑިއޯގައި ބާކީ ބައި ޝޫޓްކުރަން ވަނީ ހަމަޖެހިފަ އެވެ.
ފިލްމުތައް ޝޫޓްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިނަށް ވުރެ ވެސް އިތުރަށް މި ޝޫޓިންގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަހައްޓާނެ ކަމަށް ވެއެވެ. އެއީ ޝޫޓިންގައި ބައިވެރިވާ އެކްޓަރުންނާއި ކުރޫންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށެވެ.
ބައެއް މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ މުމްބައިގެ ރަށްބޭރުގައި ކަމަށް ވާތީ އެންޑީ ސްޓޫޑިއޯ އާ ވަރަށް ކައިރީގައިވާ ހޮޓަލެއް މި ފިލްމުގެ ޝޫޓިންގްގައި ބައިވެރިވާ ހުރިހާ ޓެކްނީޝަނުންނަށް ވަނީ ހަމަޖައްސާފަ އެވެ. އެއީ ކޮންމެ ދުވަހަކު އެންމެންނަށް ދިގު ދަތުރެއް ކުރަން ނުޖެހޭނެ ފަސޭހަ ގޮތެއް ހޯދުމަށް ކުރި ކަމެކެވެ. އަދި މި މީހުންނަށް ބޭރުން އަންނަ އެއްވެސް މީހަކާ ބައްދަލެއް ވެސް ނުކުރެވޭނެ އެވެ.
ފިލްމު ޝޫޓިންގްގައި ބައިވެރިވާ އެންމެން މިހާރު ވަނީ ކޮވިޑް ޓެސްޓް ހަދާފަ އެވެ. އަދި އެންމެންގެ ނަތީޖާ ވެސް ނެގެޓިވް އެވެ. ސެޓާ އެންމެ ގާތުން މަސައްކަތް ކުރަން ޖެހޭ އެންމެންގެ ދެ ވަނަ ފަހަރަށް ޓެސްޓް ހަދަން ވަނީ ހަމަޖެހިފަ އެވެ. ދެ ވަނަ ފަހަރަށް ޓެސްޓްކުރާ މީހުންގެ ތެރޭގައި އެކްޓަރުންނާއި ޓީމުގައި ހިމެނޭ އެންމެ އިސް މީހުން ހިމެނެ އެވެ.
ވީޑިއޯ މެދުވެރިކޮށް ޓީމުގެ ހުރިހާ މެންބަރުންނަށް ފިލްމު ޝޫޓްކުރާ ދުވަސްވަރު އަމަލުކުރަން ޖެހޭ ގޮތްތައް ވަރަށް ތަފްސީލުކޮށް ވަނީ ކިޔައިދީފަ އެވެ.
މި ސެޓުގައި ޑޮކްޓަރުންގެ ޓީމަށް ހަރަކާތްތެރިވާއިރު ސަލްމާނަށް ޚާއްސަ ޑޮކްޓަރުން ވަކިން ބައިތިއްބަން ވަނީ ހަމަޖެހިފަ އެވެ.
ސަލްމާންގެ އިތުރުން "ރާދޭ"ގައި ބައިވެރިވަނީ ދިޝާ ޕަޓްނީ އާއި ރަންދީޕް ހޫޑާ އަދި ޖެކީ ޝްރޮފް އެވެ. ޖެކީ އާއި ރަންދީޕް ކުޅެނީ ނުބައި ބައެވެ. ފިލްމު ޑައިރެކްޓްކުރަނީ ޕްރަބޫދޭވާ އެވެ.