އެމެރިކާގެ ރިޔާސީ އިންތިހާބު 2020

އެމެރިކާގެ ރިޔާސީ ބަހުސް ބޮޑު އަރައިރުމަކަށް

Sep 30, 2020

ވޮޝިންގްޓަން (ސެޕްޓެމްބަރު 30) - އަންނަ ނޮވެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ރިޔާސީ ބަހުސް، ދެ ކެންޑިޑޭޓުންގެ ބޮޑު އަރައިރުމަކަށް ބަދަލުވެއްޖެ އެވެ.

އެމެރިކާގެ ކްލީވްލަންޑުގައި ބޭއްވި ބަހުސްގައި، ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިދިކޮޅުގެ ވާދަވެރި ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހަރުއަޑުން ވަރަށް ބޭއަދަބީކޮށް މުހާތަބު ކުރައްވައިފަ އެވެ.

އެމެރިކާއަށް މިހާރު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކާ ގުޅޭގޮތުން ބަހުސް ކުރަން ހިމެނިފައިވީ ނަމަވެސް، 90 މިނެއްޓުގެ ވަގުތުގައި ފެނުނީ ހަރުދަނާ ބަހުސެއްގެ ބަދަލުގައި ދަށު ދަރަޖައިގެ އަރައިރުމެއްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ދެ ބޭފުޅުންނަށް ވެސް ފާޑު ކިޔަމުންނެވެ.

ޓްރަމްޕަކީ ބޮޑު ޖޯކަރެއް ކަމަށް ބައިޑަން ސިފަ ކުރެއްވިއިރު، ކޯފާ އިސް ވެގެން، އަނގަ ލައްޕަވައިގެން ހުރުމަށް ވެސް ބައިޑަން ވަނީ ޓްރަމްޕަށް ނިސްބަތް ކުރައްވާ ވިދާޅުވެފަ އެވެ.

އޮޕީނިއަން ޕޯލްތަކުން ދައްކާ ގޮތުން، ބައިޑަން މި ވަގުތު ހުންނެވީ ވަރަށް ކުޑަ ތަފާތަކުން ޓްރަމްޕަށް ވުރެ ކުރީގަ އެވެ. ނަމަވެސް، އިންތިހާބަށް އެންމެ 35 ދުވަސް އޮތް އިރު، ގިނަ ސްޓޭޓުތަކުގައި ދެ ބޭފުޅުން ވެސް އުޅުއްވަނީ އެއް ވަރެއްގައި ކަމަށް ބައެއް ސާވޭތަކުން ދައްކަ އެވެ.

އެ ބަހުސްގައި ހަ ދާއިރާއަކަށް 15 މިނެއްޓު ކަނޑައެޅިފައިވާއިރު، އޭގެ ތެރޭގައި ދެ ބޭފުޅުންގެ ރެކޯޑާއި، ސުޕްރީމް ކޯޓު، ކޮވިޑް-19، ނަސްލީ ތަފާތުކުރުން، އިންސާފުވެރި އިލެކްޝަނެއްގެ އިތުރުން އިގުތިސޯދުގައި ހިމެނުނެވެ.

ނަމަވެސް، ގާތްގަނޑަކަށް ހުރިހާ ވަގުތެއް ދެ ބޭފުޅުން ހޭދަ ކުރެއްވީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ޒާތީ ގޮތުން ރައްދު ދެއްވައި ފާޑުކިއުމަށެވެ. އެގޮތުން، ބައިޑަން ވަނީ ޓްރަމްޕަކީ އެމެރިކާގެ ތާރީހުގައި އެންމެ ނާގާބިލު ރައީސް ކަމަށް ވިދާޅުވެފަ އެވެ.

އަދި ޓްރަމްޕް ވަނީ ބައިޑަންގެ ދަރިފުޅު މަސްތަކުވާތަކެތި ބޭނުން ކުރާކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ބަހުސް ކޮންޓްރޯލް ނުކުރެވުނުކަމަށް ބުނެ، މޮޑަރޭޓަރަށް ވެސް ގިނަ ބަޔަކު ދަނީ ފާޑުކިއަމުންނެވެ.