އެމެރިކާގެ ރިޔާސީ އިންތިހާބު 2020

އެމެރިކާ އިންތިހާބު: ބައިޑަން ކުރީގައި އެކަމަކު ވާދަވެރިކަން ބޮޑު

Nov 4, 2020

ވޮޝިންގްޓަން (ނޮވެމްބަރު 4) - އެމެރިކާގެ ގިނަ ސްޓޭޓުތަކުގައި މިހާރު ވޯޓުލުން ބަންދުކޮށްފައިވާއިރު، މިހާރު އަންނަމުންދާ ނަތީޖާތަކަށް ބަލާއިރު، ކުރިން ލަފާކުރެވުނު ގޮތަށް، ރައީސް ޑޮނަލްޑް ޓްރަމްޕާއި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާ ދެމެދު ވާދަވެރިކަން ބޮޑެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ބައިޑަން މި ވަގުތަށް ނަމަވެސް ވަނީ ކުރި ހޯއްދަވައިފަ އެވެ.

މިގޮތުން، އިލެކްޓޯރަލް ކޮލެޖުތަކުގެ ޖުމްލަ 538 ވޯޓު ކާމިޔާބުކުރަން ދެ ބޭފުޅުންވެސް ވާދަ ކުރައްވައިއިރު، ބައިޑަން މިހާތަނަށް ވަނީ 190 ހަމަކުރައްވައިފަ އެވެ.

ޓްރަމްޕަށް 118 ކޮލެޖު ލިބިވަޑައިގެންފައިވީ ނަމަވެސް، ދެ ބޭފުޅުންވެސް މައިގަނޑު ގޮތެއްގައި ކާމިޔާބު ކުރައްވާފައިވަނީ ތާރީހީ ގޮތުން، ޕާޓީތަކަށް އާއްމުކޮށް ތާއީދު އޮންނަ ސްޓޭޓުތަކެވެ.

ވައިޓް ހައުސް އަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހޭނެ އެވެ.

ސްވިންގް ސްޓޭޓްސްތަކަށް ބަލާއިރު، ނަތީޖާ ވަރަށް ހަމަހަމަކޮށް ފެންނާތީ، އެ ސްޓޭޓުތައް ކާމިޔާބު ކުރައްވާނެ ބޭފުޅެއް ބުނަން އަދި މާ އަވަހެވެ.

މިގޮތުން، ޕެންސިލްވޭނިއާ، އޮހައިއޯ، މިޝިގަން، ނޯތު ކެރޮލައިނާ އަދި އެރިޒޯނާ ފަދަ ސްޓޭޓުތަކުގެ ނަތީޖާ އެނބުރޭނެ ގޮތެއް އަދި ނޭނގޭކަމަށް ގިނަ މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ޓްރަމްޕަށް ވަފާތެރި ސްޓޭޓެއްގެ ގޮތުގައި އޮންނަ ފްލޮރިޑާވެސް ބައިޑަން ކޮޅަށް ބުރަވެދާނެކަމަށް ކުރިން ލަފާ ކުރެވުނު ނަމަވެސް، މި ވަގުތު ފްލޮރިޑާ ކާމިޔާބު ކުރުމުގެ ކުރީގައި އޮންނެވީ ޓްރަމްޕެވެ.

ފްލޮރިޑާ ނާކާމިޔާބުވެއްޖެނަމަ، ދެވަނަ ދައުރަކަށް އިންތިހާބުވާން ޓްރަމްޕަށް އުނދަގޫވާނެކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން މީގެ ކުރިން ބުނެފައިވެ އެވެ.