އެމެރިކާގެ ރިޔާސީ އިންތިހާބު 2020

ޕެންސަލްވޭނިއާގެ ނަތީޖާ އެނބުރި ޓްރަމްޕަށް ފުރުސަތު ހަނިވަނީ

Nov 6, 2020

ވޮޝިންގްޓަން (ނޮވެމްބަރު 6) - ފަހުގެ ތާރީހުގައި އެމެރިކާގރ އެންމެ ވާދަވެރި ރިޔާސި އިންތިހާބުގައި އަދިވެސް ވޯޓު ގުނަމުންދާއިރު، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިހާބުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެއްޖެ އެވެ.

ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ މެދުގައި ވާދަވެރިކަން ބޮޑުކަމުން، އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ކޮލެޖު ވޯޓު އަދި އެއްވެސް ބޭފުޅަކަށް ހޯއްދެވިފައެއް ނުވެ އެވެ.

އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން، ބައިޑަން ވަނީ 253 ކޮލެޖު ވޯޓު ހޯއްދަވާފައެވެ. ޓްރަމްޕަށް މިހާތަނަށް ކާމިޔާބުވެފައިވަނީ 214 ވޯޓެވެ.

ބައެއް ސްވިންގް ސްޓޭޓްސްތަކުގައި އަދިވެސް ވޯޓު ގުނަމުންދާއިރު، ނަތީޖާތައް މިހާރު ވަނީ ބައިޑެންގެ ކޮޅަށް މަޑުމަޑުން އެނބުރެން ފަށައިފަ އެވެ.

އެންމެންގެ ނަޒަރު މިހާރު ހުއްޓިފައިވާ ޕެންސަލްވޭނިއާގައި ކުރީގައި ޓްރަމްޕް އޮންނެވުމަށްފަހު، ބައިޑަން މިހާރު ވަނީ 5،500 އެއްހާ ވޯޓުގެ ލީޑެއް ނަންގަވައިފަ އެވެ.

އެރިޒޯނާގައި ބައިޑަން ހޯއްދަވާފައިވާ ލީޑު މަޑުމަޑުން ކުޑަވަމުން އައި ނަމަވެސް، އެމަނިކުފާނު އަދިވެސް އޮންނެވީ 43،000 އަށް ވުރެ ގިނަ ވޯޓާއެކު ޓްރަމްޕަށް ވުރެ ކުރީގައި އެވެ. އެ ސްޓޭޓުގެ އެންމެ ބޮޑު ކައުންޓީގައި އަދިވެސް 140،000 އަށް ވުރެ ގިނަ ވޯޓު ނުގުނި ވީނަމަވެސް، ބައެއް މީޑިއާތަކުން ވަނީ އެ ސްޓޭޓް ބައިޑަންއަށް ކާމިޔާބުވެއްޖެ ކަމަށް ކަނޑައަޅައިފަ އެވެ.

ޖޯޖިއާގައިވެސް ބައިޑަން ކުރި ހޯއްދަވާފައިވީނަމަވެސް، ދެ ކެންޑިޑެޓުންގެ މެދުގައި އޮތް ފަރަގު ކުޑަކަމުން، ވޯޓުތައް އަލުން ގުނަން އެ ސްޓޭޓުން ވަނީ ނިންމައިފަ އެވެ. ޖޯޖިއާގައި ވެސް އަދިވެސް 4،000 އެއްހާ ވޯޓު ނުގުނިވާއިރު، ބޭރުގައި ތިބި 8،000 އެއްހާ އެމެރިކާ ސިފައިންގެ ވޯޓުވެސް އަދި ގުނިފައެއް ނުވެ އެވެ.

ނެވާޑާގައި ބައިޑަން ވަނީ 22،000 ވޯޓުގެ ލީޑެއް ނަންގަވައިފަ އެވެ. ނަމަވެސް، އެ ސްޓޭޓުގައިވެސް އަދި މިހާތަނަށް ގުނިފައިވަނީ 92 ޕަސަންޓް ވޯޓު ކަރުދާހެވެ.

ނޯތު ކެރޮލައިނާގައި 95 ޕަސަންޓް ވޯޓު ގުނާފައިވާއިރު، ޓްރަމްޕް ވަނީ 1.4 ޕަސަންޓުގެ ލީޑެއް ނަންގަވައިފަ އެވެ. އެލަސްކާގައި 62 ޕަސަންޓުން ޓްރަމްޕް ކުރި ހޯއްދަވާފައިވީ ނަމަވެސް، އެ ސްޓޭޓުގައި އަދި ގުނިފައިވަނީ 56 ޕަސަންޓް ވޯޓެވެ.

އެ ސްޓޭޓުތަކުން ލިބެން އޮތް ކޮލެޖު ވޯޓަށް ބަލާއިރު، ބައިޑަންއަށް ޕެންސަލްވޭނިއާ ނުވަތަ ޖޯޖިއާ، ނަވާޑާ އަދި އެރިޒޯނާގެ ތެރެއިން ދެ ސްޓޭޓެއް ލިބިވަޑައިގެންފިނަމަ، އިންތިހާބު ކާމިޔާބުވީ އެވެ.

ނަމަވެސް، ދެވަނަ ދައުރެއް ކާމިޔާބު ކުރައްވަން ޓްރަމްޕަށް ޕެންސަލްވޭނިއާގެ އިތުރުން، އެރިޒޯނާ، ނޯތު ކެރޮލައިނާ، ނަވާޑާ އަދި ޖޯޖިއާގެ ތެރެއިން ތިން ސްޓޭޓު ބޭނުންވާނެ އެވެ.

މިހާރުވެސް އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް އިއުލާނު ކުރައްވާފައިވާ ޓްރަމްޕް ގެންދަވަނީ ވޯޓު ގުނުމުގައި މަކަރު ހަދަމުންދާކަމުގެ ތުހުމަތުތައް ކުރައްވަމުންނެވެ.

އަދި ނަތީޖާތައް ބައިޑަންގެ ކޮޅަށް ބުރަވެފައިވަނީ، ވޯޓު ގުނުމުގައި މަކަރު ހަދަމުންދާތީ ކަމަށް ތުހުމަތު ކުރައްވައި، ޓްރަމްޕް ވަނީ ސުޕްރީމް ކޯޓަށް ދާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ.

މިގޮތުން، ޕެންސަލްވޭނިއާ، ވިސްކޮންސިން، ޖޯޖިއާ އަދި މިޝިގަންގައި ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕްގެ ގާނޫނީ ޓީމުން ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

ޓްރަމްޕް ކަންބޮޑުވުންފާޅު ކުރަމުންދަނީ އިންތިހާބުގައި ރަސްމީކޮށް ވޯޓުލުމުގެ ކުރިން، ޕޯސްޓު މެދުވެރިކޮށް ލާފައިވާ ވޯޓުތަކާ މެދު އެވެ. ގިނަ ސްޓޭޓުތަކުގައި ނޮވެމްބަރު ތިން ވަނަ ދުވަހުގެ ކުރިން ޕޯސްޓުކޮށްފައިވާ ވޯޓުތައް، ވޯޓުލާ ނިމޭ ދުވަހުން ތިން ދުވަހުގެ މުއްދަތަށް ގުނުމަށް ނިންމާފައިވާއިރު، ޓްރަމްޕްގެ ޓީމުން މަސައްކަތް ކުރަނީ އެކަން ހުއްޓުވަމަށެވެ.

ޓްރަމްޕްގެ ތުހުމަތުތަކާ ދެކޮޅަށް އެމަނިކުފާނު އަމިއްލަ ޕާޓީގެ ބައެއް އިސް އޮފިޝަލުންވެސް މިހާރު ގެންދަވަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ ތުހުމަތުތަކުގެ ސަބަބުން އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި، ގައުމުގައި ބައިބައިވުން އިތުރު ވާނެކަމަށް ވިދާޅުވެ، އެ ބޭފުޅުން ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.