އެމެރިކާގެ ރިޔާސީ އިންތިހާބު 2020

ތާރީހީ އިންތިހާބަކަށްފަހު، އެމެރިކާގެ 46 ވަނަ ރައީސަކަށް ޖޯ ބައިޑަން

ވޮޝިންގްޓަން (ނޮވެމްބަރު 7) - އެމެރިކާގެ ފަހުގެ ތާރީހުގައި އެންމެ ވާދަވެރި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ދުނިޔޭގެ އެންމެ ވަރުގަދަ ބާރު، އެމެރިކާގެ 46 ވަނަ ރައީސްކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އިންތިހާބުވެއްޖެ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ބުނެފި އެވެ.

މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން ގެއްލި، ބޮޑު ތަފާތަކުން ބައިޑެންއަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމަށް މީގެ ކުރިން ލަފާކުރި ނަމަވެސް، އިންތިހާބު ވެގެންގޮސްފައިވަނީ ދެ ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑުވި އިންތިހާބަކަށެވެ.

ވައިޓް ހައުސަށް ވަޑައިގަންނަވަން މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖު ވޯޓު ބޭނުންވާއިރު، އެންމެ މުހިއްމު ސްވިންގް ސްޓޭޓުތަކުގައި ބެލި ޕެންސަލްވޭނިއާ، އެރިޒޯނާ، ނެވާޑާ އަދި ޖޯޖިއާގެ ނަތީޖާތައް އެންމެ ފަހު ވަގުތު ބައިޑަންގެ ކޮޅަށް އެނބުރިގެން ދިއުމާއެކު، އެމަނިކުފާނު މިހާތަނަށް ވަނީ 273 ކޮލެޖު ވޯޓު ހޯއްދަވައިފަ އެވެ. ޕެންސިލްވޭނިއާ ޓްރަމްޕަށް އަތުނުވާނެކަމަށް ހުރިހާ ޕްރޮޖެކްޝަންސްތަކުން ދައްކާއިރު، ބާކީ ތިން ސްޓޭޓުވެސް ބައިޑަންއަށް ކާމިޔާބުވާނެކަމަށް ބެލެވެ އެވެ. ނަމަވެސް، އެ ހަތަރު ސްޓޭޓުގައި ވެސް އަދި ހުރިހާ ވޯޓެއް ގުނާ ނިމިފައެއް ނުވެ އެވެ.

ކޮލެޖު ވޯޓުތަކުގެ އަގުލަބިއްޔަތުގެ އިތުރުން، ބައިޑަން ވަނީ އެމެރިކާގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ވޯޓު ލިބިވަޑައިގެންނެވި ރިޔާސީ ކެންޑިޑޭޓުގެ ޝަރަފުވެސް ހޯއްދަވައިފަ އެވެ.

އުމުރުން 77 އަހަރުގައި ބައިޑަން އަކީ އެމެރިކާގައި މިހާތަނަށް ރައީސްކަން ކުރައްވާނެ އެންމެ އުމުރުން ދުވަސްވީ ބޭފުޅާ އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސްކަން ކުރެއްވި ބައިޑަންއަކީ ސިޔާސީ ގޮތުން ތަޖުރިބާކާރު ބޭފުޅެކެވެ. މިގޮތުން، 1972 ވަނަ އަހަރު، އުމުރުން އެންމެ 29 އަހަރު ބައިޑަން ވަނީ ޑެލަވެއާގެ ގޮނޑި ކާމިޔާބު ކުރައްވައި، ސެނެޓުގައި ސިޔާސީ މަސައްކަތް ފައްޓަވައިފަ އެވެ. އަދި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރެއްވުމަށްފަހު، ބައިޑެން ވަނީ އޮބާމާގެ ދެ ދައުރުގައިވެސް ނައިބު ރައީސްގެ މަގާމު އަދާކުރައްވައިފަ އެވެ.

އަމިއްލަ ދިރިއުޅުމުގައި ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރައްވާފައިވާ ބައިޑަންގެ ފުރަތަމަ އަނބިކަނބަލުން ވަނީ ކާރު އެކްސިޑެންޓެއްގައި އަވަހާރަވެފައި އެވެ. އެ ހާދިސާގައި އަނބިކަނބަލުންގެ އިތުރުން އަންހެން ދަރިފުޅުވެސް އަވަހާރިވި އެވެ.

އޭގެ ފަހުން، 2015 ވަނަ އަހަރު ބައިޑަންގެ އެންމެ ދޮށީ ދަރިކަލުން އަދި ޑެލަވެއާގެ ބަންޑާރަ ނައިބު ބިއު ބައިޑެން ވަނީ ސިކުނޑިއަށް ކެންސަރު ޖެހިގެން އަވަހާރަވެފައި އެވެ. ހަގު ފިރިހެން ދަރިކަލުން، ހަންޓާ ބައިޑެން އެމެރިކާގެ ނޭވީން ވަކި ކުރީ މަސްތަވުވާތަކެއްޗަށް ޕޮޒިޓިވްވެގެންނެވެ.

ގިނަ ގޮތްގޮތުން އެމެރިކާގެ ތާރީހުގައި ލިޔެވޭނެ އިންތިހާބުގައި ބައިޑެންގެ ނައިބު ރައީސަކަށް ވަޑައިގަންނަވާނީ، ކަމަލާ ހެރިސް އެވެ. މިއީ އެމެރިކާގެ ތާރީހުގައި ކަޅު ނަސްލުގެ އިންޑިއާ ދަރިކޮޅުގެ އަންހެނަކަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރެވެ.

މިހާރު ކެލިފޯނިއާ ސްޓޭޓް ތަމްސީލު ކުރައްވައި ސެނެޓަރު އަދި ކުރީގެ ބަންޑާރަ ނައިބު ކަމަލާ ހެރިސް އަކީ ޖަމާއިކާގެ އިތުރުން އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.

ދެ ބޭފުޅުން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން އެމެރިކާގެ ތާރީހުގައި ނުދެކޭ ފަދަ ދަތި ދުވަސްވަރެއްގައި، ޓްރަމްޕްގެ ހަރުކަށި އަދި ދޯދިޔާ ސިޔާސަތުގެ ކަޅު ބޯ ވިލާގަނޑެއްގެ ދަށުގައި ވަނިކޮށެވެ.

ސެނެޓުގެ އަގުލަބިއްޔަތު އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް އަދިވެސް އޮތް އިރު، ހާރިޖީ ސިޔާސަތުން ފެށިގެން، އެމެރިކާގެ އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ބައިޑަން އިއުލާނުކުރައްވާފައި ސިޔާސަތުތައް ތަންފީޒު ކުރަން އުނދަގޫވާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ނަމަވެސް، އެންމެ ފުރަތަމަ ބައިޑަން ކުރިމަތިލައްވަންޖެހި ވަޑައިގަންނަވާނީ، އިންތިހާބާމެދު ސުވާލު އުފައްދަވައި، ކޯޓުތަކަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ މައްސަލަތަކާ އެވެ.

ވަގުތީ ނަތީޖާތަކުން އިންތިހާބު ކާމިޔާބު ކުރެއްވުނަސް، ކޯޓުތަކުން ވަކި ގޮތެއް ކަނޑައެޅިގެން އެ ކާމިޔާބީ ރަސްމީ ވާނީ ކިހާ ދުވަހަކުން ކަމެއް އަދި ބުނަން ދައްޗެވެ.

ވޯޓު ގުނުމުގައި މަކަރު ހަދާފައިވާކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، އެމެރިކާގައި މިހާރު އުފެދިފައިވާ ބައިބައިވުމާއި، ރުޅިވެރިކަމަށްވެސް އަވަސް ހައްލެއް ހޯއްދެވުމަކީ ވެސް ބައިޑެންގެ ކުރިފުޅުމަތީގައި އޮތް އެންމެ މުހިއްމު އެއް މަސައްކަތެވެ.