ހަބަރު

ޖިއާންގެ މަރު: ޝަފީގްގެ މައްޗަށް ދައުވާ ނުކުރެވޭނެ: ހުކުމް

Sep 30, 2020

މ. ނަލަހިޔާމަންޒިލްގައި ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ކުޑަ ކުއްޖާ، ރައުޝާން ޖިޔާން މަރުވި މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގްގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ،

ދައުލަތުން ޝަފީގްގެ މައްޗަށް އުފުލާފައިވަނީ ޑިސެމްބަރު 16، 2018 ގަ އެވެ. އެއީ މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. އޭރު ދަށު ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ އެ ކުށް ޝަފީގުގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ފަހުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

ހައިކޯޓުން އެ މައްސަލަ ބަލައި ހުކުމް އިއްވެވި އިރު ބުނީ މައުލޫއީ ގޮތުން ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަަމަށް ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާ ކަމަށެވެ.

ދަށު ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު އެއްވެސް މިންވަރަކަށް ގާނޫނުލް އުގޫބާތުގެ 70 ވަނަ މާއްދާއަށް ދައުލަތުން ހަވާލާދީ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާއިރު އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ އެ މާއްދާއަށް ހިލާފަށް ކަމަށް ހުށަހެޅޭނެ ގޮތެއް ނޯންނާނެ ކަމަށް ބެންޗުން ފާހަގަ ކޮށްފައި ވެއެވެ.