ދުނިޔެ

މައިކް ޕޮމްޕިއޯ ތިން ގައުމަކަށް ވަޑައިގަންނަވަނީ

އެމެރިކާގެ ހާރިޖީ ވަޒީރު، އިރުމަތީ އޭޝިއާގެ ތިން ގައުމަކަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެެވެ.

މި ދަތުރުފުޅުގައި ޕޮމްޕިއޯ ވަޑައިގަންނަވާނީ ޖަޕާނާއި ސައުތު ކޮރެއާ އަދި މޮންގޯލިއާ އަށެވެ. އަދި ދަތުރުފުޅު އޮންނާނީ އޮކްޓޯބަރު ހަތަރަކުން އަށް ވަނަ ދުވަހަށެވެ. މިއީ 2019 ވަނަ އަހަރު ތައިލޭންޑަށް ދަތުރުފުޅެއް ކުރެއްވި ފަހުން ޕޮމްޕިއޯ މި ސަރަހައްދަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅު ކުރައްވަން ހަމަޖެއްސެވިއިރު އެމެރިކާ އާއި ޗައިނާ އާއި ދެމެދު ވަނީ މިއިން ޒަމާނަކު ގުޅުން ހީނަރުނުވާ ވަރަށް ގުޅުންތައް ހީނަރު ވެފަ އެވެ. ޕޮންޕިއޯ މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ ޗައިނާ އާއި އުތުރު ކޮރެއާ އާއި ބެހޭ ގޮތުންނެވެ.
އޭގެެތެރޭގައި ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން ޗައިނާ އަޅާ ފިޔަވަޅުތަކާއި ވިޔަފާރި އާއި ހޮންކޮންގުގެ ގައުމީ ސަލާމަތާބެހޭ އާ ގާނޫނު ތަކާއި އަދި ދެކުނު ޗައިނާ ކަނޑު ގައި ހިނގަމުންދާ ހަރަކާތްތައް ހިމެނެ އެވެ.

ޕޮމްޕިއޯގެ މިދަތުރުފުޅު ދިމާވަނީ އެމެރިކާ ރިއާސީ އިންތިހާބާއި ވަރަށް ކައިރިވެފައި ވަނިކޮށެވެ. ރައީސް ޓްރަންޕް ދެވަނަ ދައުރަކަށް އިންތިހާބު ކާމިޔާބު ކުރައްވަން މަސައްކަތްކުރައްވާ އިރު ޗައިނާއަކީ ހާރިޖީ ސިޔާސަތުގެ މުހިންމު ގައުމަކަށް ވެފައި ޗައިނާ އާއި ދޭތެރޭ ހަރުކަށި އުސޫލު ތަކެއް ގެންގުޅެ އެވެ.

ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ޓްރަންޕް ވަނީ އެހެން ގައުމަތަކުން ޗައިނާ އާއި އެ ގައުމުގެ ޓެކްނޮލޮޖީ އާއި ދުރުހެލި ކުރުވުމަށް ބައިނަލް އަގްވާމީ ކެމްޕެއިނެއް ވެސް މީގެ ކުރިން ކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ހަވާއީ ގައި އޮންނަ އެމެރިކާގެ މިލިޓަރީ ބޭހެއްގައި ޗައިނާގެ އިސް އޮފިޝަލެއްކަމުގައިވާ ޔަންގް ޖީޗީ އާއި މިދިޔަ ޖޫން މަހު ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ވެސް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.