މަގާމުގައި ހުންނެވިއިރު ގޯސްތަކެއް ހެއްދެވިފައިވާ ކަމަށާ އެކަމަށް ރައްޔިތުންނާއި ދައުލަތުގެ ކިބައިން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އަބްދުއްގަފޫރު މައާފަށް އެދިވަޑައިގެންފި އެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ހަތް ދައުވާގެ ޝަރީއަތް އަލުން މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފައެވެ. މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވަނީ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އަދީބު ވިދާޅުވީ މި މައްސަލަތަކާއި ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއްޖެ ކަމަށާއި ހެއްދެވިފައިވާ ގޯސްތަކާމެދު ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަންކަމަށް ތައުބާވެފައިވާ ކަމަށް މިއަދުގެ ޝަރީއަތުގައި ވިދާޅުވިއެވެ. މަގާމާއި ބާރުގައި ހުންނެވި ދުވަސްތަކުގައި ގޯސްތަކެއް ހެއްދެވިފައިވާ ކަމަށް އިއުތިރާފުވެ ދައުލާތާއި ދިވެހި ރައްޔިތުންގެ ކިބައިން އަދީބު ވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ.
އަދީބު ވިދާޅުވީ މި ހަތް ދައުވާއަށްވެސް އިއުތިރާފްވާ ކަމަށެވެ. މި މައްސަލަ ވީހާވެސް އަވަހަކަށް ކުރިއަށް ގެންގޮސް އަވަސް ނިޔާއެއް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ. އުފުލާފައިވަ ދައުވާތަކާއި ގުޅިގެން ސަރުކާރަށް އެއްބާރުލުން ދޭން ނިންމީ ކުރީ ސަރުކާރުން މައްސަލަ ބެލުމުގައި އިހުލާސްތެރިކަމެއް ނުދެއްކުމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން އަމާޒު ހުރީ އޭނާއާ ހިސާބުން މައްސަލަ ނިންމާލުމަށް ކަމަށާއި ނަމަވެސް މިހާރުގެ ސަރުކާރުން މި މައްސަލަ ބެލުމުގައި އިހްލާސްތެރިކަން ގެންގުޅޭ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދައުލަތުން އެދޭ ކޮންމެ އެހީތެރިކަމެއް ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ހިޔާނާތުގެ ފައިސާ ހުރިހާ ޕާޓީތަކަށް ލިބުނު
ޝަރީއަތުގެ މަޖިލީހުގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފެށުންވެސް އަދީބު ވިދާޅުވެ ދެއްވިއެވެ. އަދީބު ވިދާޅުވީ އޭނާވެސް އިސްތިސްނާ ނުވާ ގޮތަށް މި ހިޔާނާތުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތަށް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާ އަދި ކުރީގެ ރައީސުންނާއި މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް މި ފައިސާ ލިބިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރާއި ރައީސް އަބްދުﷲ ޔާމިންގެ ވިސްނުން ހުރީ އެމްއެމްޕީއާރްސީގެ ތެރެއިން ލިބޭ ފައިސާ ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަށް ކަމަށާއި އެކަމަށް އިރުޝާދު ދެއްވީ ރައީސް ޔާމީން ކަމަށްވެސް އަދީބު މިއަދު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ އެ އެންގުންތަކާއި އެއްގޮތަށް ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށްވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރި ކަމަަށެވެ.
ގެއްލިފައިވަނީ ރައްޔިތުންގެ ފައިސާ ކަމަށްވާތީ އެ ހޯދުމަށް އެހީވުމަކީ ގައުމީ ވާޖިބެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. މިއަދުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ ދައުލަތަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވަނީ ހަމަ ބުއްދި ސަލާމަތުންހުރެ އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށެވެ. ދައުލަތަށް އޭނާ އެއްބާރުލުން ދެނީ މި މައްސަލައަކީ ސާފުވާން ޖެހޭ މައްސަލަތަކަކަށްވަތީ އާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ވުމުގެ ފުރުސަތު ނުދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދީބު އެހެން ވިދާޅުވުމުން ދައުލަތާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ޝަރީއަތުގެ މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.