އެޗްޕީއޭ

އެޗްޕީއޭގެ ސްޓިކާ އަމިއްލައަށް ހަދަނީ

އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ހުންނަ ތަންތަނަށް އެ އޮތޯރިޓީން ދޫކުރާ ސްޓިކާ، ބައެއް ތަންތަނުން އަމިއްލައަށް ހަދައިގެން ބޭނުން ކުރަމުންދަ ކަމަށް ބުނެފި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެޗްޕީއޭއިން ކުރިއަށް ގެންދާ އިންސްޕެކްޝަންގައި ގައިޑްލައިންތަކާ އެއްގޮތަށް ހުންނަ ތަންތަނަށް އެކަން އަންގައިދޭ ސްޓިކާއެއް ދޫ ކުރަމުންދާ ކަމަށެވެ. ނަމަވެސް ބައެއް ތަންތަން އިންސްޕެކްޓް ކުރަން ދާއިރުވެސް އެ ސްޓިކާ ހަރުކޮށްފައި ހުންނަ ކަމަށެވެ. އެއީ ގާނޫނީ ކުށެއް ކަމަށާ އެކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ. މިހާތަނަށް އެ ފަދައިން އަމަލުކުރި ދެ ފަރާތަކާމެދު ވަނީ ފިޔަވަޅު އަޅާފައެވެ.

"އިންސްޕެކްޝަނަށް ދާއިރު އެބަހުރޭ އަޅުގަނޑުމެން އެ ތަންތަން އިންސްޕެކްޓްކޮށްފައި ގައިޑް ލައިންއާ އެއްގޮތަށް ހުރި ކަމަށް ފާހަގަ ކުރެވޭ ތަންތަނަށްދޭ ސްޓިކާ، އެ ބޭފުޅުން އަމިއްލައަށް ތައްޔާރުކޮށްގެން އިންސްޕެކްޓް ނުކުރަނީވެސް ތަތްކޮށްފައި. އަޅުގަނޑުމެން މި ދަނީ އިންސްޕެކްޓް ކުރެވޭ ތަންތަނުގެ މައުލޫމާތު ބަލަހައްޓަމުން. އެހެންވީމަ ސްޓިކާ ދީފައިވާ ތަންތަނާއި އިންސްޕެކްޓް ކުރެވުނު ތަންތަން އެބަ އެނގޭ،" ނަޒްލަ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އެޗްޕީއޭގެ ޓީމުތައް އިންޕެކްޝަންގައި ހަރަކާތްތެރިވާ ވަގުތު ގިނަ ތަންތަނުން ގައިޑްލައިން ވަރަށް ރަނގަޅަށް ފޮލޯ ކުރާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ ގޮތަށް އަމަލު ނުކުރާ ކަމަށް ވަނީ ބުނެފައެވެ.

"ހަމަ އެކަނި އިންސްޕެކްޓް ކުރާތީއެއް ނޫން ގައިޑް ލައިންއަށް އަމަލު ކުރަންވީއެއް. އެންމެންގެ ރައްކާތެރިކަމަށްޓަކައި އަބަދުވެސް ގައިޑްލައިންތަކަށް ފޮލޯ ކުރަން ޖެހޭނެ،"

އެޗްޕީއޭގެ އިންސްޕެކްޝަންތަކުގައި އެ އޮތޯރިޓީގެ ގައިޑްލައިންއާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރެއެވެ. އެއީ ފުރަތަމަ ފަހަރު 48 ގަޑިއިރަށެވެ. ދެވަނަ ފަހަރު އެތަނެއް ބަންދުކުރާނީ 1000 ރުފިޔާއިން ޖޫރިމަނާކޮށް 72 ގަޑިއިރަށެވެ. އަދި ތިންވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަހުގެ މުއްދަތަށެވެ. އުސޫލުތަކަށް އެ ތަނެއް ފެއްތުމަށްފަހުވެސް ހުޅުވަން ހުއްދަދޭނީ އެ މުއްދަަތަށް ފަހު ކަމަަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ކުރިން ހިންގި އިންޕެކްޝަންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ފިހާރަ، ކެފޭ، ހޮޓާ، ރެސްޓޯރަންޓް، މާރުކޭޓް އަދި ސެލޫންތައް ވަނީ ބަންދުކޮށްފައެވެ.