ހަބަރު

"ފުރަބަންދު ކަރަންޓީން ހުއްޓާލެވޭނެ ދުވަހެއް ނޭންގޭ"

ފުރަބަންދު ކަަރަންޓީން ހުއްޓާލެވޭނެ ވަކި ދުވަހެއް ނޭންގޭ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރޭ ވަނީ ބަދަލު ގެނެސްފައެވެ. ނަމަވެސް މާލެ ސިޓީން ރަށްރަށަށްދާ މީހުން 14 ދުވަހުގެ ކަރަންޓީންގައި ތިބެން ޖެހެއެވެ.

ކުރިއަށް އޮތީ ބޮޑު ޗުއްޓީ ދުވަސްވަރު ކަމަށްވާތީ ވަރަށް ގިނަ ބަޔަކު ދަނީ ޗުއްޓީގައި އަތޮޅުތެރެއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދެމުންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހަތް މަސްދުވަސް ހޭދަކޮށްފައިވާއިރު މިދިޔަ ހަ މަސް ދުވަހު މާލެ ސިޓީ އޮތީ ލޮކްޑައުންކޮށްފައެވެ. އެކަމާއި ގުޅިގެން އެކި ރަށްރަށާއި ބޭރަށް ދަތުރުކުރަން ބޭނުންވި އެތަށް ބަޔަކު ވަނީ މާލޭގައި ތާށިވެފައެވެ. ނަމަވެސް ކަރަންޓީންވާ ގޮތަށް މިހާރު މާލެއިން ރަށްރަށަށް ދަތުރުކުރެވެއެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ފުރަބަންދު ކަަރަންޓީން ހުއްޓާލެވޭނެ ވަކި ދުވަހެއް ނޭންގޭ ކަމަށެވެ. ކޮމިއުނިޓީ ޓްރާސްމިޝަނެއް އޮތް ރަށަކުން އެހެން ރަށަކަށް ކަރަންޓީން ވުމެއް ނެތި ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

"ކަރަންޓީން އުވާލުމަކީ ވަކި ދުވަހެއް ކަނޑައެޅިފައި އޮތް ކަމެއް ނޫން އެނގޭތޯ. އަޅުގަނޑު މެންނަކަށް ނުބުނެވޭނެ ގާތްގަނޑަކަށް މިވެނި ހިސާބެއްގައޭ މި ގޮތަށް ދޫކޮށްލެވޭނީއެއް. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން ކޮމިއުނިޓީ ޓްރާސްމިޝަނެއް އޮތް ތަނަކުން އެހެން ރަށަކަށް ކަރަންޓީންވުމެއްނެތި ދިއުމަކީ އެހާ ރައްކާތެރިކަމެއް ނޫން. މިހާތަނަށްވެސް ބަލި އަތޮޅުތަކަށް ނުގޮސް މިހާވަރަށްވެސް މި ހިފެހެއްޓުނީ ފުރަބަންދު ކަރަންޓީންގެ ސަބަބުން ކަމަށް އަޅުގަނޑުމެން ދެކެނީ،"

ނަޒްލާ ވިދާޅުވީ ފުރަބަންދު ކަރަންޓީން ނިމުމަކަށް ގެންނާނީ ފްލޫ ކްލިނިކުން ޕޮޒިޓިވްވާ އަދަދާއި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވާ އަދަދު އަދި އަން ލިންކް ކޭސް ޕޮޒިޓިވްވާ އަދަދުތަކަށް ބެލުމަށްފަހު ކަމަށެވެ. ހާއްސަކޮށް އިންޑިޕެންޑެންޓް ކޭސްތައް މަދުވާ ވަރަކަށް ބަލި ކޮންޓްރޯލް ކުރެވޭނެކަން ޔަގީންވާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ ފުރަަބަންދު ކަރަންޓީން ދޫކޮށްލައިފިނަމަ ނޭންގި ރަށްރަށުގައި ބަލި ފެތުރިދާނެ ކަމަށެވެ.