މާލޭ ހުކުރު މިސްކިތް

ހުކުރު މިސްކިތް މިއަދު ހުޅުވާލަނީ

ބަންދު ކޮށް އަހަރެއްްހާ ދުވަހު ބެހެއްޓުމަށް ފަހު މާލޭގެ ތާރީހީ ހުކުރު މިސްކިތް، މިއަދުގެ އަސަރު ނަމާދަށް ހުޅުވާލާނެ ކަމަށް ނޭޝަން ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖުން ބުނެފި އެވެ.

މަރާމާތަށާއި އާބާތުރަ ފިލުވުމަށް ކަމަށް ބުނެ އެ މިސްކިތް ބަންދު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 13، 2019 އިގަ އެވެ. އެ ދުވަހު މިސްކިތް ބަންދުކުރީ އެތައް ބަޔަކު ހުކުރު ނަމާދަށް ގޮސް ތިއްބަ އެވެ. ބަންދު ކުރީ އެއީ މިސްކިތް ބޭނުން ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއްގައި ކަމަށް ބުނެ ކުއްލި ގޮތަކަށް ވަން ބައެކެވެ.

ނޭޝަން ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖުން ބުނީ ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ މާލޭ ހުކުރު މިސްކިތުގެ މަރާމާތަށް ފަހު އޮކްޓޫބަރު 1، 2020 ގެ އަސުރު ނަމާދުން ފެށިގެން ހުޅުވައި ޖަމާއާތުގައި ނަމާދު ކުރަން ދޫކޮށްލާނެ ކަމަށެވެ.

އަލުން މިއަދު ހުކުރު މިސްކިތް ހުޅުވާއިރު ފަހަކަށް އައިސް ރާއްޖޭއަށް ހުރިހާ ކަމެއް ކޮށްދޭ އިންޑިއާގެ ސަރުކާރުން މިސްކިތުގެ ކާޕެޓް ބަދަލު ކޮށްދީ ނެވިލޯން އަޅާ ކަތުރުފަނީގެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށް ވެއެވެ.

ކުއްލި ގޮތަކަށް އެ މިސްކިތް ބަންދު ކުރުމަށް ފަހު އެއްވެސް މަސައްކަތެއް ނުހިނގާ ވެސް ވަރަށް ގިނަ ދުވަހު ހުއްޓެވެ. އަދި ރޭގަނޑު ދަންވަރު ބައެއް މީހުން އެ މިސްކިތަށް އަރާ ކުނި އަޅައި ހަދާފައި ވެސް ވެއެވެ. އޭގެ ފަހުން މިސްކިތް ސާފުކޮށް ބަލަހައްޓަން ފެށީ މީޑިއާއިން އެ މައްސަލަ ސަމާލު ކަމަށް ގެނައުމުންނެވެ.

މާލޭގެ ހުކުރު މިސްކިތަކީ އައް ސުލްތާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި މީލާދީން 1656 ވަނަ އަހަރުގެ ތެރޭ ބިނާކޮށް ނިންމެވި މިސްކިތެކެވެ. ހުކުރު މިސްކިތުގެ މުންނާރު ބިނާ ކުރެއްވީ ވެސް ހަމަ އެ ރަދުންގެ ރަސްކަމުގައި މީލާދީން 1675 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ހުރީ ހުކުރު މިސްކިތެވެ. ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓެއްގައި މި މިސްކިތް ހިމަނާފައި ވެއެވެ.