ދުނިޔެ

މީދަލުން ޖެހޭ ހުމެއް އިތުރުވާތީ ލަންކާ އެލާޓް

Oct 1, 2020

ކޮލޮމްބޯ (އޮކްޓޯބަރު 1) - ސްރީލަންކާގައި މީދަލުގެ ސަބަބުން ޖެހޭ ނުވަތަ ލެޕްޓޯސްޕައިރޯސިސް އިތުރުވަމުން ދާތީ، އެކަމަށް ސަމާލުވާން އެ ގައުމުގެ ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

ލަންކާގެ ޗީފް އެޕިޑަމޮލޮޖިސްޓް ޑރ. ސުދާތު ސަމަރަވީރަ ވިދާޅުވީ މިހާރު ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މީދަލުން ޖެހޭ އެ ބަލި އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، މިހާރު ވެސް 6،096 މީހަކަށް އެ ބަލި ޖެހިގެން ފަރުވާދެމުން ދާއިރު، މިހާތަނަށް 70 މީހަކު އެ ބަލީގައި މަރުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ސަމަރަވީރަ އިތުރަށް ވިދާޅުވީ އެ ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ރަތުނަޕުރަ ޑިސްޓްރިކްޓުން ކަމަށެވެ. މިގޮތުން، އެ ބަލި ޖެހިފައިވާ ޖުމްލަ އަދަދުގެ ތެރެއިން އެ ސަރަހައްދުގެ 1،341 މީހަކު ހިމެނޭ ކަމަށެވެ.

ރަތުނަޕުރަގެ އިތުރުން، ދެން އެންމެ ބޮޑަށް އެ ބަލީގެ އަސަރުކޮށްފައި ވަނީ އަނުރާދަޕުރަ، ކެގާއްލެ، ކަލުތަރަ އަދި ޕޮލައްނަރުވާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގައި ދިވެހިންގެ 15،000 މީހުންގެ އާބާދީއެއް އޮވެއެވެ. އޭގެ ތެރެއިން ގިނަ މީހުން އުޅެނީ ވެރިރަށް ކޮލަމްބޯގެ ޑިސްޓްރިކްޓްތަކުގަ އެވެ.