އެޑެން ހަޒާޑް

މެޑްރިޑްގައި ހަޒާޑަށް ނިމުމެއްނެތް އަނިޔާ

ރެއާލް މެޑްރިޑްގައި އެއް އަހަރު ތެރޭ، ހަތަރު ވަނަ ފަހަރަށް އެޑެން ހަޒާޑަށް އަނިޔާ ވެއްޖެ އެވެ.

ޗެލްސީގައި ހަތް އަހަރު ތެރޭ އަނިޔާ ވެގެން މެޗުތައް ނުގެއްލޭ ވަރަށް، މެޑްރިޑްގައި އެއް އަހަރުތެރޭ ހަޒާޑަށް ވަނީ މެޗުތައް ގެއްލިފަ އެވެ. ޗެލްސީގައި އެކިފަހަރު މަތިން ކުރިމަތިވި އަނިޔާގައި ޖެހި ޖެހިގެން ފަސް މެޗަށް ވުރެ ގިނައިން ހަޒާޑަށް ގެއްލިފައެއް ނުވެ އެވެ.

މިފަހަރު ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއާއެކު ޖުމުލަ 34 މެޗުގައި ހަޒާޑަށް ގެއްލޭނެ އެވެ. ޖުލައި 2019 ގައި 100 މިލިއަން ޔޫރޯއަށް ޗެލްސީން ރެއާލް މެޑްރިޑަށް ބަދަލުވި ހަޒާޑް މެޑްރިޑްގެ ކެރިއާ އޭނާ ސިފަ ކޮށްފައި ވަނީ އޭނާގެ ކެރިއާގެ އެންމެ އުނދަގޫ ދުވަސްތަކުގެ ގޮތުގަ އެވެ.

ރެއާލް ވަޔަޑޮލިޑް އާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ސްކޮޑްގައި ވެސް ހަޒާޑް ހިމެނި އެވެ. އެހެން ނަމަވެސް މެޗުގެ އެއްގަޑިއިރު ކުރިން ރެއާލްއިން ނެރުނު ބަޔާނުގައި ބުނެފައި ހަޒާޑްގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެ އެއް މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ކަމަށެވެ. ވަޔަޑޮލިޑް އަތުން، ރޭ މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން، ބުނީ ހަޒާޑްއަށް ކުރިން ލިބުނު ކުޑަހުޅުގެ އިންޖަރީ އާއި މިހާރު ކުރިމަތިވި އިންޖަރީއާ ގުޅުމެއް ނެތް ކަމަށެވެ.

ޒިދާން ބުނީ، ކުރިން އަނިޔާއިން ރަނގަޅުވެ، ޓީމާއެކު ރަނގަޅު ޓްރޭނިންތަކެއް ހަޒާޑް ކުރިއަށް ގެންދިޔަ ކަމަށެވެ. އެހެންނަމަވެސް އިއްޔެ އަނިޔާއަކީ މެޗުގެ ކުރިން ގެންދިޔަ ޓްރޭނިންތަކުގައި ލިބުނު އަނިޔާއެއް ކަމަށެވެ. މި ފަހަރު އަނިޔާގައި ހަތަރު މެޗު ހަޒާޑަށް ގެއްލޭނެ އެވެ. އޭގެ ތެރޭގައި މި މަހު 25 ގައި ކުޅޭ އެލްކްލެސިކޯ މެޗުގައި ވެސް ނުކުޅެވޭނެ އެވެ.