ވިޔަފާރި

މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި

Oct 1, 2020

މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު މިފްކޯ އިން އަނެއްކާ ވެސް ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކާ ޑީސަލް އިން މަސްވެރިންނަށް އަބަދު ވެސް ހެޔޮ އަގެއްދެ އެވެ. ނަމަވެސް މިފްކޯ އިން މި ފަހުން ވަނީ މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގަށް އަވަސް ބަދަލުތަކެއް ގެންނަން ފަށާފަ އެވެ.

މިފްކޯ އިން މި ފަހަރު މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮ ކުރުމާއެކު މިހާރު މަސްވެރިންނަށް ޑީސަލް ލިޓަރެއް 6.89ރ. އަށް ލިބޭނެ އެވެ. މީގެ އިތުރުން ސަރުކާރުގެ "ފަހި ހަކަތަ" ޕްރޮގްރާމުގައި ބައިވެރިވެފައިވާ އޮޑި ފަހަރަށް އިތުރު 22 ލާރީގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެހެންވެ، މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ އޮޑި ފަހަރަށް ޑީސަލް ލިޓަރެއް 6.67ރ. އަށް ލިބުމުގެ މަގު ފަހިވާނެ އެވެ.

އެންމެ ފަހުން ޑީސަލްގެ އަގު މިފްކޯ އިން ހެޔޮކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ފަހަރު ގެނައި ބަދަލާއެކު ޑީސަލް ލިޓަރެއްގެ އަގު 7.33ލ. އަށް ވެއްޓިގެން ދިޔަ އެވެ. އަދި މިއަދު ގެނައި ބަދަލާއެކު މަސްވެރިން މަހަށް ދުއްވަން ކުރަން ޖެހޭ ހަރަދު ބޮޑުތަނުން ދަށް ވެގެންދާނެ އެވެ.

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮ ކުރަމުންދާއިރު، ސަރުކާރުން ވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތް ބަލައި ރާއްޖޭގައި މަހުގެ އަގު ބަދަލު ގެނެވޭ ގޮތް ހަދާފަ އެވެ. މި ބަދަލާއެކު ހަތް އަހަރު ބަދަލެއް ނުގެނެސް ހުރި 20ރ. އަށް މަސް ކިލޯއެއްގެ އަގު މިހާރު ހުރީ 18ރ. އަށެވެ.