ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސި ވިލާތާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ. މިގޮތަށް އީޔޫން ނިންމީ މިދިޔަ އަހަރު ދެ ފަރާތުން އެއްބަސްވެފައިވާ ބްރެކްސިޓް މުއާހަދާ އާއި އިނގިރޭސި ވިލާތް ހިލާފު ވުމުންނެވެ.
މި ނިންމުން ނިންމާފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުން ނޯދަން އަޔަލޭންޑް ޕްރޮޓޮކޯލް އެގްރީމެންޓް އަލުން ގާނޫނަކަށް ހެދުމަށް ނިންމަވާފައިވާ ކަން އިއުލާން ކުރައްވާފައި ވަނިކޮށެވެ.
އީޔޫގެ ރައީސް އުރުސުލާ ވޮން ޑާ ލެޔެން، ބެލްޖިއަމްގެ ބްރަސެލްސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އީޔޫން ވަނީ އިނގިރޭސި ވިލާތުން ޑްރާފްޓް ކޮށްފައިވާ އިންޓާނަލް މާކެޓް ބިލްގައި މައްސަލަ ޖެހިފައިވާ ބައިތައް ސެޕްޓެންބަރު ނިމުމުގެ ކުރިން އިސްލާހު ކުރުމަށް އެދިފައި ކަމަށެވެ. އަދި ޑްރާފްޓް ކޮށްފައިވާ ބިލު ދެފަރާތުގެ މެދުގައި ވެފައިވާ ވިތްޑްރޯވަލް އެގްރީމެންޓާއި ހިލާފު ކަމަށެވެ. އެހެންވުމުން ވިތްޑްރޯވަލް އެގްރީމެންޓް ނުވަތަ ނޯދަން އަޔަލޭންޑް ޕްރޮޓޮކޯލްގައި އެއްބަސްވުމާއި ހިލާފު އެތައް ކަމެއް އެބަހުރި ކަމަށެވެ.
މި ޕްރޮޓޮކޯޅް އިން އެއްބަސް ވެފައި ވަނީ އިޔޫ އާއި އިނގިރޭސި ވިލާތާއި ދެމެދު ހަމަ އެކަނި އެއްގަމު މަގުން ގުޅިފައިވާ އަޔަލޭންޑުގެ ބޯޑާ ޗެކް ކުރުން ހުއްޓާލުމަށެވެ. ދެ ފަރާތުން ވެސް ގަބޫލު ކުރާގޮތުގައި މާޒީގައި ކަންތައްތައް ހިނގާފައިވާ ގޮތައް ބަލާއިރު ޗެކް ކުރުންތަކުގެ ސަބަބުން މަޒުހަބީ ހަމަނުޖެހުން ތައް އަޔަލޭންޑާއި ނޯދަން އަޔަލޭންޑާއި ދެމެދު ފެށިދާނެ އެވެ.
އިނގިރޭސި ސަރުކާރުން އަދިވެސް މި އެއްބަސްވުން ގާނޫނަކަށް ހަދާފައި ނުވާތީ އީޔޫ އިން ވަނީ ރަސްމީ ކޮށް ސިޓީ އެއް ފޮނުވާފަ އެވެ، ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި މި ގޮތަށް ސިޓީ ފޮނުވަނީ އީޔޫ އާއި ވެފައިވާ އެއްބަސް ވުމަކާއި އެހެން ފަރާތަކުން ހިލާފު ވީމަ އެވެ. އިނގިރޭސި ވިލާތަށް އީޔޫގެ ސިޓީއަށް ޖަވާބު ދިނުމަށް އަދި އެއް މަސް ދުވަހުގެ ފުރުސަތެއް އެބަ އޮތެވެ. ވުމާއިއެކު ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު ވެސް އެބައޮތެވެ.