ދިވެހި ޕްރެމިއާ ލީގް

މަހްލޫފްގެ ޖަވާބުން ހިތްހަމަނުޖެހި ރައީސްގެ އަރިހަށް

ދިވެހި ޕްރިމިއާ ލީގްގެ ކޯޗުންގެ އެލެވެންސްގެ ކަންކަމުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ދެއްވި ޖަވާބުން ހިތްހަމަ ނުޖެހި. ކޯޗުންގެ ކަންބޮޑުވުންތައް ހިފައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލީހް އަރިހަށް ދާން ކުލަބުތަކުގެ ކޯޗުން ނިންމައިފި އެވެ.

ފުަރަތަމަ ޑިވިޝަންގެ ކޯޗުންނަަށް، ސަރުކާރުން ދެމުންދިޔަ އެލެވެންސް، މާޗު މަހުން ފެށިގެން ހުއްޓާލުމާ ގުޅިގެން، ކޯޗުންނަށް ކުރިމަތި ވެފައިވާ މާލީ ދަތިތަކާ ގުޅިގެން ކޯޗުންގެ ކަންބޮޑުވުންތައް ވަނީ ފެންމަތި ކޮށްފަ އެވެ. ފުރަތަމަ ޑިވިޝަންގެ ކޯޗުންނަށް ސަރުކާރުން ކޮންމެ މަހަކު ދޭ އަލެވެންސަކީ ރައީސް މައުމޫން ދައުރުން ފެށިގެން ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ދެމުން ގެންދިޔަ އެލެވެންސެކެވެ.

މި މައްސަލައާ ބެހޭ ގޮތުން އަވަސް އިން ވަނަީ ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުގެ ތެރެއިން ހަ ކުލަބުގެ ކޯޗުންނާ ވާހަކަ ދައްކާފަ އެވެ. މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި، ކޯޗަކު ބުނީ ފެބްރުއަރީ މަހު ދިން ފަހުން އެ އެލެވެންސް ދީފައި ނުވާ ކަމަށެވެ. ފުރަތަމަ ޑިވިޝަންގެ ގިނަ ކޯޗުން ޓީމުތަކަށް ކޯޗް ކޮށްދެނީ ފުލުޓައިމް ވަޒީފާއެއްގެ ގޮތުގަ އެވެ. ސަރުކާރުން ދެމުން ދިޔަ އެލެވެންސް ހުއްޓާލާފައި ވުމުން ކޯޗުންނަށް ވަނީ މާލީ ގޮތުން ބޮޑެތި އުނދަގޫތަކެއް ކުރިމަތި ވެފަ އެވެ.

"ރައީސް އާ ހަމައަށް ދާން ނިންމީ ދެން އެހެން ގޮތެއް ނެތުމުން، ޒަމާނުން ސުރެ ސަރުކާރުން ދެމުން އައި އެލެވެންސެއް ހުއްޓާލުމަކީ ކޯޗުނަށް ކުރިމަތިވާނެ ބޮޑު ދަތިކަމެއް." ކޯޗު ބުންޏެވެ. "އަށް މަސް ފާއިތުވެގެން މިދިޔައީ އެއްވެސް ހައްލެއް ނުލިބި."

ކޯޗުންގެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު މަހްލޫފް އަވަސް އަށް ވިދާޅުވީ، އެކަމާ ބެހޭގޮތުން އިތުރަށް މަޝްވަރާ ކުރުމަށް ފަހު ދެވޭނެ ގޮތެއް އޮތް ނަމަ ގޮތެއް ހަމަޖައްސަވާނެ ކަމަށެވެ. ގައުމީ ޓީމު ކުޅުންތެރިންނަށް އިނާޔަތް ދިނުމާ ބެހޭގޮތުން، މިނިސްޓަރު މަހްލޫފް އެންމެ ފުރަތަމަ ވިދާޅުވީ އިނާޔަތް ނުދެނީ ޕްރެކްޓިސް ނުކުރާތީ ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރު ވަނީ ފަހުން ވަކިވަކި އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާ މަޝްވަރާ ކުރުމަށް ފަހު ގައުމީ ޓީމު ކުޅުންތެރިންނަށް ދޭ އެލެވެންސް ދޭން ނިންމާފަ އެވެ.

މަހްލޫފް އޭރު ދެއްވި ޖަވާބަށް އިޝާރާތްކޮށް އެހެން ކޯޗަކު ވަނީ ވާހަކަ ދައްކާފަ އެވެ.

"މިކަމުގައިވެސް މިނިސްޓަރުގެ ވިސްނުން ހުރެދާނެ މުބާރާތްތައް ނުކުޅޭތީ ދެން ދޭން ނުޖެހޭނެ ކަމުގެ ވިސްނުމެއް، ގައުމީ ޓީމު މުބާރާތަކަށް ނުވަތަ ކޮލިފިކޭޝަން މެޗުތަކެއް ކުޅެންވީމަ މިދިޔަ ދެ އަހަރުވެސް ދިގު މުއްދަތަކަށް މުބާރާތްތައް މެދުކެނޑިގެން ދިޔައީމަ ކުލަބުތަކުގެ ހަރަކާތް ހުއްޓުނީ އެހެން ނަމަވެސް އެ ހާލާތުގައި ވެސް ކޯޗުންގެ އެލެވެންސް ދީފައި އެބަހުރި،" ކަންބޮޑުވުންތަކާއެކު ވާހަކަ ދެއްކި ކޯޗް ކިޔައިދިނެވެ.

"މިހާރުވެސް މުބާރާތްތައް މެދުކެނޑިގެން މިއުޅެނީ ކުލަބުތަކުން ބޭނުންވެގެނެއް ނުވަތަ މުބާރާތް ބާއްވާނެ ބަޔަކު ނެތިގެނެއް ނުން، ކުލަބުތަކާއި ކުޅުންތެރިންނާއި ކޯޗުން މިތިބީ ގައިޑްލައިނަށް ފެތޭގޮތަށް މުބާރާތްތައް ކުޅެން ތައްޔާރަށް، އެހެންވީމަ މުބާރާތްތައް ނުބާއްވާތީ ކޯޗުންނަށް ދޭ އެލެވެންސެއް މެދުކަނޑާލުމަކީ އުސޫލެއް ނޫން."

އަވަސް އަށް މަހްލޫފް ދެއްވި ޖަވާބާ ގުޅިގެން ފަހުން ވާހަކަ ދެއްކި ފުރަތަމަ ޑިވިޝަންގެ އެހެން ކޯޗަކު ބުނީ، ފާއިތުވެދިޔަ އަށް މަސް ދުވަސްތެރޭ އެކަމުގައި މަޝްވަރާ ނުކުރެއްވުމުން ސުވާލު އުފެދޭ ކަމަށެވެ.

"ކޮންމެ މަހެއް ޑިލޭ ވުމަކީ ކޯޗުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް، މަޝްވަރާ ކުރުމަކީ ރަނގަޅު ކަމެއް، އެހެންނަމަވެސް ފާއިތުވެދިޔަ އަށް މަސް ދުވަހު އެކަމާ މަޝްވަރާ ނުކުރައްވާ، ކޯޗުންގެ ކަންބޮޑުވުން ފާޅު ކުރުމުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވީ، ދެން މަޝްވަރާއިން ގޮތެއް ހަމަޖެހުމަށް ހޭދަވާނީ ކީހާ މުއްދަތެއް ކަމެއް ނޭންގެ، އެގޮތަށްވާ ކޮންމެ ޑިލޭއަކީ ކޯޗުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް."

އެހެން ކޯޗަކު ބުނީ، ކުޅިވަރު މަސައްކަތަކީ މަޖަލަށް ކުރާ ކަމެއް ކަމަށް ބައެއް މީހުންނަށް ވިސްނިފައި އޮންނަ ކަމަށެވެ. އެހެންނަމަވެސް ކުޅިވަރު ޕްރޮފިޝަންއެއްގެ ގޮތުގައި ނަގައިގެން ދިރިއުޅުން ހަމަޖައްސަމުން ގެންދާ އެތައް ބަޔަކު ރާއްޖޭގައިވެސް އެބަތިބި ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

"މިއީވެސް ހަމަ ބައެއްގެ ޕްރޮފިޝަން ފުޓްބޯޅައިގައި ވަރަށް ގިނަ ވާނެ މީގެއިން ލިބޭ އާންމުދަނީއަކުން ދިރިއުޅުން ހަމަޖައްސައިގެން ދިރިއުޅޭ އާއިލާތައް، އެ އާންމުދަނީ އެންމެ މަހެއްގައިވެސް ހުއްޓިގެން ދިއުމަކީ ވަރަށް ބޮޑު ގެންޖެހުމަކަށް ވާނެ،"

"ފުޓްބޯޅައިގެ ތެރެއިން އެތައް ބައިވަރު ކުޅުންތެރިންނެއް އެބަ ދިރިއުޅޭ، ކޯޗުންނާއި ކުލަބުތަކުގެ އޮފިޝަލުން އެބައުޅޭ އެއިން ކޮންމެ މީހަކު ބަލަހައްޓާ އާއިލާއެއް އެބަ އޮވޭ، އެހެންވީމަ ކިހާ ބަޔަކަށް އޭގެ އަސަރު އެބަކުރޭތޯ."