ދުނިޔެ

އިމުގެ މައްސަލަ ހައްލު ކުރަން ލުބުނާއި އިޒްރޭލް އެއްބަސް ވެއްޖެ

އެމެރިކާ މެދުވެރިއެއްގެ ރޯލް އަދާ ކުރާ ގޮތަށް ލުބުނާނާއި އިޒްރޭލުން އެ ދެ ގައުމުގެ ސަރަހައްދީ އިމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތައް ކުރަން ނިންމައިފި އެވެ. މި މައްސަލައަކީ އެތައް އަހަރަކަށް ދިގު ދެމިގެން ދިއުމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުން ހިނގައި ގޮސްފައިވާ މައްސަލަ އެކެވެ.

ލުބުނާނާއި އިޒްރޭލް ވެސް ވަނީ ރަސްމީ ގޮތުން ހަނގުރާމައިގެ ހާލަތުގަ އެވެ. ދެ ގައުމުން ވެސް ވަނީ ދެ ގައުމުގެ އެއްގަމާއި ކަނޑުގެ ބޯޑަރާއި ގުޅޭ މައްސަލަ ތަކުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. އަދި މިއީ އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލަ އެކެވެ. އެމެރިކާއިން ދަނީ މި ދެ ގައުމު ސުލްހައިގެ މޭޒު ދޮށަށް ގެނައުމަށް މެދުވެރިއެއްގެ ރޯލް އަދާ ކުރަމުންނެވެ.

އިއްޔެ ލުބުނާނުގެ ގާނޫން ހަދާ މަޖްލިސްގެ ރައީސް ނަބީހް ބެރީ ވިދާޅުވީ ދެފަރާތުން މަޝްވަރާ ކުރުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތަކާމެދު އެއްބަސް ވެފައިވާ ކަމަށެވެ. އަދި މި މަޝްވަރާ ތައް ކުރިއަށް ގެންދާނީ އދ. ގެ ބެލުމުގެ ދަށުން އެ ޖަމްއިއްޔާ ބަލަހައްޓަމުންދާ ސަރަހައްދީ ރޮނގު ކަމުގައިވާ ބްލޫ ލައިން ކައިރީގައިވާ މަރުކަޒެއްގައި ކަމަށެވެ.

ނަބީހް ވިދާޅުވި ގޮތުގައި އިޒްރޭލާއި ލުބުނާނުން ވެސް ވަނީ އެ ދެ ގައުމުގެ ކަނޑުގެ އިމުގެ މައްސަލަ ހައްލު ކުރުމަށް މެދުވެރިއެއްގެ ރޯލް އަދާކޮށް ދިނުމަށް އެމެރިކާގެ ކިބައިން އެދިފަ އެވެ. އިތުރައް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވީހާ ވެސް އަވަހަކަށް އެއްބަސްވުމަކާއި ހަމައަށް ދިއުމަށް އެމެރިކާ ބާރު އަޅައި ދޭނެ ކަމަށެވެ.

އިޒްރޭލްގެ އެނާޖީ މިނިސްޓަރު ވެސް ވަނީ އެމެރިކާ މެދުވެރިއެއްގެ ރޯ ލް އަދާކުރާނެ ކަން ކަށަވަރު ކޮށް ދެއްވާ ފައެވެ.

ދެ ގައުމުގެ ކަނޑުގެ ބޯޑަރުގެ މައްސަލައަކީ ހައްލު ކުރަން އުނދަގޫ މައްސަލަ އަކަށްވާނެ އެވެ. ސަބަބަކީ މެޑިޓެރޭނިއަން ކަނޑުގެ އެ ސަރަހައްދުން ތެލާއި ގޭސް ފެނުމުގެ ފުރުސަތު އޮތުމެވެ.