ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް

ހދ. ކުޅުދުއްފުށިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކުޅުދުއްފުށިން ފަހުން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ތިބި ދެ މީހެކެވެ. އެއީ އުމުރުން 64 އަހަރުގެ އަންހެނަކާއި 34 އަހަރުގެެ އަންހެނެކެވެ. މި ދެ މީހުން ޕޮޒިޓިވްވީކަން އެނގުނީ ކަރަންޓީންގެ 14 ދުވަސް ހަމަ ކުރުމަށްފަހު ނެގި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުމުންނެވެ.

މި ދެ މީހުންނާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ހަތަކަށް އެރީއެވެ. އެ ރަށުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މާލެ އާއި ކުޅުދުއްފުށްޓާއި ދެމެދު ދަތުރުކުރާ "ފާޅު ބޯޓް" ގެ ކެޕްޓަނެވެ. އޭނައާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ތިން ފަޅުވެރިއަކު ވަނީ ޕޮޒިޓިވްވެފައެވެ. ދެން ޕޮޒިޓިވްވީ ކުޅުދުއްފުށީގައި ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.

އެޗްޕީއޭއިން މިރޭ އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަތޮޅުތެރޭގެ 24 ރަށެއްގެ 90 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. މިވަގުތު އެންމެ ގިނަ ބަލި މީހުން ތިބީ ކުޅުދުއްފުށީގައެވެ. އެ ރަށުގައި ކޮވިޑް ބަލީގެ ހަތް މީހުން ތިބިއިރު މާލެ ސިޓީ ފިޔަވައި އެންމެ ގިނަައިން ކޮވިޑްގެ ބަލި މީހުން ފެނުނު ހޯނޑެއްދޫގައި މިހާރު ތިބީ ކޮވިޑް ބަލީގެ ތިން މީހުންނެވެ. އެ ރަށުގެ 46 މީހަކަށް ބަލި ޖެހުނެވެ.