ލުފްތަންސާ އެއާލައިން އަންނަ އަހަރު ރާއްޖެ އަށް އަލުން ދަތުރު ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ލުފްތަންސާ އެއާލައިނުން ބުނި ގޮތުގައި އަންނަ އަހަރުގެ މެދުތެރޭގައި ރާއްޖެ އަށް ދަތުރުތައް ފަށާއިރު، ހަފުތާއަކު ދެ ފްލައިޓް ރާއްޖެ އަށް ބާއްވާނެ އެވެ.
ފްރެންކްފަޓުން ރާއްޖެ އަށް ލުފްތަންސާ ފަށާ މި ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ 330 އާއި 300 ގެ މަތިންދާ ބޯޓު ތަކެވެ. މި ދަތުރުތަކަށް ލުފްތަންސާ އިން ވަނީ ޓިކެޓު ވިއްކަން ވެސް ފަށާފަ އެވެ.
ލުފްތަންސާ އިން އެންމެ ފުރަތަމަ ރާއްޖެ އަށް ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ އެއާލައިނުން ވަނީ ދަތުރުތައް މެދުކަނޑާލާފަ އެވެ.
ލުފްތަންސާ އަންނަ ޖަރުމަނުވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އަދި މި ދަތުރު ފަށާ ފްރެންކްފަޓް އެއާޕޯޓަކީ ޔޫރަޕުގެ ކަނެކްޝަން ގިނަ ފްލައިޓްތަކެއް އުދުހޭ އެއާޕޯޓެކެވެ.
ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު ބޮޑެތި އެއާލައިން ތަކުން ދަނީ ރާއްޖެ އަށް ދަތުރުތައް ފަށަމުންނެވެ. މި މަހުގެ 16 ވަނަ ދުވަހު ބްރިޓިޝް އެއާވޭސް ވެސް ރާއްޖެ އަށް ދަތުރު ފަށާނެ އެވެ. ނަމަވެސް ދުނިޔޭގެ ބޯޑަރުތައް ހުޅުވަމުން ނުދިއުމުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ނިސްބަތުން އަދި ވެސް ވަރަށް މަދެވެ.
ރާއްޖޭން ބޯޑަރު ހުޅުވުމުގެ ގޮތުން ސަރުކާރުން ހެދި ދިރާސާ އިން ދެއްކި ގޮތުގައި މި އަހަރު ރާއްޖެ އަށް އަންނާނީ 800,000 ޓޫރިސްޓުންނެވެ. އަދި ޖުލައި މަހު އެކަނި 10،000 ޓޫރިސްޓުން އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީގެ ދިރާސާ އަކުން ވެސް ދެއްކި އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ މި އަހަރު ރާއްޖެ އަށް އަންނާނީ 100،000 ޓޫރިސްޓުން ކަމަށް ބުނެފަ އެވެ. ބޯޑަރު ހުޅުވިފަހުން މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައިސްފައިވަނީ 16،000 ޓޫރިސްޓުންނެވެ.