ކުޅިވަރު

އެވަޓަން އެއްވަނައަށް، ޗެލްސީ މޮޅުކޮށްދިނީ ޑިފެންޑަރުން

ބްރައިޓޮން ހޯވް އެލްބިއޯންގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ތާވަލުގެ އެއްވަނަ މަގާމަށް އެވަޓަން ޖެހިލައިފި އެވެ.

ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީ ވެސް ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. އާ ކީޕަރު އެޑްއާޑް މެންޑީއާއެކު ޗެލްސީން ވަނީ މި ސީޒަންގައި ފުރަތަމަ ފަހަރަށް ބައިކޮޅަށް ލަނޑެއް ނުވަދެ ނިންމާލާފަ އެވެ. ޗެލްސީގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކުރީ އެ ޓީމުގެ ދެ ޑިފެންޑަރުންނެވެ.

އަމިއްލަ ދަނޑު ގޫޑިސަން ޕާކުގައި ހަތަރު ލަނޑު ޖަހައި އެވަޓަން ވަނީ މި ސީޒަންގައި އެޓޭކިން ޑިޕާޓެމެންޓް އެންމެ ބަރާބަރަށް މަސައްކަތް ކުރަނީ އެ ޓީމުކަން ސާބިތުކޮށް ދީފަ އެވެ. މިއީ ހަތަރު ލަނޑު އެ ޓީމުން ޖެހި ވިދިވިގެން ދެ ވަނަ މެޗެވެ. އެޓޭކިން ޑިޕާޓްމެންޓް ބަރާބަރަށް މަސައްކަތް ކުރި ނަމަވެސް ޓީމަށް އަދިވެސް ގިނަ ހައްލުތަކެއް ބޭނުންވާ ކަމަށް މެޗަށް ފަހު ވާހަކަ ދެއްކި ޓީމުގެ ކޯޗް، ކާލޯ އަންޗެލޯޓީ ބުންޏެވެ.

އަންޗެލޯޓީ ހާއްސަ ގޮތެއްގައި ފާހަގަ ކުރީ ޓީމުގެ ޑިފެންސްގެ ފެންވަރު އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓޮން ފެނުނީ ވަރަށް އޮގަނައިޒް ކޮށެވެ. ޑިފެންސުގެ ޖާގަތައް ބައްދައިގެ ކުޅުނެވެ. އެހެން ނަމަވެސް ފުރަތަމަ ގޯލްގައި މުޅީ ޓީމުގެ މަސައްކަތް ހިނދުކޮޅަކަށް ރޫޅިގެން ދިޔަ އެވެ. މެޗުގެ 16 ވަނަ މިނެޓްގައި ގިލްފީ ސިގްރޮސަން ވަރަށް ބާލާލާފައި އޭރިއާ ތެރެއަށް ހުރަސް ކޮށްދިން ބޯޅަ ރަނގަޅު ވަގުތުގައި ކުރިއަށް އަރައި ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލީ ޑޮމިނިކް ކަލްވާޓް ލެވިން އެވެ. ސިގްރޮސަން ހުއްޓުވުމަށް ޑިފެންޑަރު އޭރިއާގެ ރޮނގާ ހަމައިގައި ތިބިއިރު އެއްވެސް ކުޅުންތެރިޔަކަށް އެ ބޯޅައަށް ވިއްދަން ޖެހޭ ވަރަށް ވިއްދިފައެއް ނުވެ އެވެ. އަދި ކަލްވާޓް ލެވިން ބޮލުން ޖަހަން އެރިއރު އޭނާވެސް ހުއްޓުވާނެ ކުޅުންތެރިޔަކު ނުވި އެވެ.

ބްރައިޓޮން އިން ނަތީޖާ ހަމަހަމަ ކުރީ، އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑަށް ހެދުނު ގޯހަކުންނެވެ. ބްރައިޓޮންއިން ފުރަތަމަ ފޮނުވާލީ ބޯޅަ އޭނާއަށް ކޮންޓްރޯލް ދަށަށް ނުގެނެވުމުން ބޯޅަ ވެއްޓުނީ އޭރިއާގެ ތެރެއަށެވެ. ވެއްޓުނު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ ނީލް މައުޕޭ އެވެ.

އެވަޓަންއިން އަލުން ލީޑް ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގަ އެވެ، ބްރައިޓޮންގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ހަމޭސް ރޮޑްރިގޭޒް ނަގައިދިނުމުން ޔެރީ މިނާ ވަނީ އެ ބޯޅަ ބޮލުން ގޮލްގެ ތެރެއަށް ވައްދާލާފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި އެވަޓަންއަށް ނަތީޖާގެ ފަރަގު ފޫޅާ ކޮށްދިނީ ހަމޭސް އެވެ. އެލެކްސް އިވޯބީ ނަގައިން ބޯޅަ ހަމޭސް ފޮނުވާލީ ގޯލްގެ ކަނަށެވެ. އެވަޓްނަގެ ހަތަރު ވަނަ ލަނޑުވެސް ކާމިޔާބު ކުރީ ހަމޭސް އެވެ. މެޗުގެ 70 ވަނަ މިނެޓްގައި އަބްދުލަޔޭ ޑިކޯރޭ ނަގައިދިން ބޯޅަވެސް މިފަހަރު ހަމޭސް ފޮނުވާލި ގޯލްގެ ކަނަށްވާ ގޮތަށެވެ. މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ދެ ވަނަ މިނެޓްގައި ވިވްސް ބިސޯމާ ވަނީ ބްރައިޓޮންގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ޕެލަސް އާ ދެކޮޅަށް ކުޅުނު ޗެލްސީގެ ފޯވަޑުން ލަނޑު ޖަހާނެ ކަމަށް މެޗު ކުރިން ހީކުރެވިދާނެ އެވެ. އެހެންނަމަވެސް ކަންވީ ހީކުރާ ގޮތަކަށް ނޫނެވެ. އަގު ބޮޑު އެޓޭކިން ލައިނެއް އޮތް ޗެލްސީގެ ފޯވަޑުންނަށް ޕެލަސްގެ ގޯލް ފޫއަޅުވާ ލެވޭ ގޮތެއް ނުވި އެވެ.

ފުރަތަމަ ހާފު ލަނޑެއް ނުޖެހި ދެވަނަ ހާފުގައި ހާސް ވެފައި ތިބި ޗެލްސީގެ ޓީމަށް ހަމަޖެހުމެއް ގެނެސް ދިނީ ޓީމުގެ ދެ ޑިފެންޑަރުން ކުރިއަށް އަރައި ލަނޑުތައް ކާމިޔާބު ކޮށްގެންނެވެ.

ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ޗެލްސީއަށް ލީޑް ނަގައިދިނީ މިފަހަރު ޓްރާންސްފާގައި އެ ޓީމަށް ބަދަލުވި ބެން ޗިލްވިލް އެވެ. ޗެލްސީން އުފެއްދި ހަމަލާ ޕެލަސްގެ ޑިފެންޑަރުންގެ ގައިގައި ޖެހިފައި ގޯލާ ދުރަށް ދިޔަ ބޯޅަ ބާރުލާފައި ޖަހައި ޗިލްވިލް ގޯލްގެ ތެރެަށް ބޮޅަ ވައްދާލި އެވެ.

ޗެލްސީގެ ދެ ވަނަ ލަނޑު ޒޫމާ ކާމިޔާބު ކުރީ ޗިލްވިލް ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޗެލްސީގެ އަނެއް ދެ ލަނޑު، ލިބުނު ދެ ޕެނަލްޓީން ކާމިޔާބު ކުރީ ޖޯޖީނިއޯ އެވެ.

މެންޗެސްޓާ ސިޓީ އާއި ލީޑްސް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި ރަހީމް ސްޓާލިން ލަނޑު ކާމިޔާބު ކޮށް ސިޓީއަށް ލީޑް ނަގައިދިނެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ރޮޑްރިގޯ މޮރޭނޯ ލީޑްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.