ކަނޑުމަގުން އައްޑު އަތޮޅު ހިތަދޫއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ ތެރޭގައި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި ހިމެނޭ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނާ ހަމީދު މިއަދު ޓުވީޓް ކުރައްވާ ވިދާޅުވީ އައްޑޫ ސިޓީގައި ފުލުހުން އެންޓި ނާކޮޓިކްސްގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި އިތުރު ތަފުސީލްތައް ދެމުން ގެންދާނެ ކަމަށެވެ.
ދިވެހި ފުލުހުންގެ ކުރިން އިއްޔެއިން ފެށިގެން ޕާކިސްތާނުގެ ނޫސްތަކުން ވަނީ މި ހަބަރު ރިޕޯޓްކޮށް ފޮޓޯއި ވިޑިއޯތައް އާންމުކޮށްފަ އެވެ.
އެ ހަބަރުތައް ބުނާ ގޮތުގައި ޕާކިސްތާނުގެ އެންޓީ ނާކޮޓިކް ފޯސް (އޭއެންއެފް) އާއި ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ގުޅިގެން އިއްޔެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތެވެ. އަދި ބުނެފައި ވަނީ މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިއެއް ހިންގަމުންދާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހުއްޓުވީ ބިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކުގައި ދިވެހި ރާއްޖެ އައި އަރަބިކަނޑާ ގުޅޭ ހިސާބުން ކަމަށެވެ.
ނަމެވެސް ކޮމިޝަނާ ހަމީދު ވިދާޅުވީ އެ އޮޕަރޭޝަނަކީ ސީދާ ދިވެހި ފުލުހުންގެ މަސައްކަތާއި ދިވެހީންގެ އިންޓެލިޖެންސް ކަމަށެވެ. އެ މަސައްކަތުގައި ރާއްޖޭގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް އާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި މެރީން ޕޮލިސްގެ އިތުރުން ދެކުނު ޕޮލިސް ޑިވިޝަނުން ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.
އައްޑު އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ ބޮޑު ޑީލަރަކާއެކު ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ ހައްޔަރުކޮށްފަ އެވެ.