ލައިފްސްޓައިލް

ލޮކްޑައުންގައި ކުރި ކަމަކީ ކީރިތި ގުރްއާން ލިޔުން

އެކި ގައުމުތަކުގައި ލޮކްޑައުން އަޅުވާފައި އެތައް މަހެއް ވަންދެން އޮތެވެ. އެގޮތުން އިންޑިޔާގައި ވެސް ހަތަރު ވަރަކަށް މަސް ދުވަސް މުޅިން ލޮކްޑައުންގައި އޮތެވެ. މި ދުވަސްތަކުގައި އެކި މީހުން ގޭގައި ތިބެގެން ފޫހިފިލުވަން ކުރީ އެކި މަސައްކަތެވެ. ބައެއް މީހުން ކައްކަން ދަސްކޮށްގެން މީރު އެއްޗެތި ކައްކާ ހެދި އެވެ. އަނެއްބަޔަކު އެމީހަކަށް ނޭނގޭ ކޮންމެވެސް މަސައްކަތެއް ކުރަން ދަސްކުރީ އެވެ.

ލޮކްޑައުންގެ ބޭނުން ހެޔޮގޮތުގައި ހިފި މީހުންގެ ތެރޭގައި އިންޑިޔާގެ ހައިދަރުއާބާދުގައި ދިރިއުޅޭ މުހައްމަދު އަފްޒަލް ހިމެނެ އެވެ.
ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ އަފްޒަލް ލޮކްޑައުން ވުމުން ގޭގައި ހައެއްކަ މަސް ދުވަސް ހުންނަން ޖެހުނެވެ. މި ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފި އެކަކަށް ހަމަގައިމުވެސް އަފްޒަލް ވާނެ އެވެ.

އޭނާ ވަނީ ރީއްޗަށް އަރަބި ލިޔަން ދަސްކޮށްގެން ހަ މަސް ތެރޭގައި ކީރިތި ޤުރްއާންގެ ކޮޕީއެއް އަމިއްލަ އަތުން ލިޔެ ނިންމާފަ އެވެ.
އަފްޒަލްގެ މި މަސައްކަތް ކީރިތި ޤުރްއާން އަމިއްލަ އަތުން ލިޔުނު އެހެން މީހުންނާ ތަފާތު ކަމަކަށްވީ އޭނާ މި މަސައްކަތްކުރީ ކަޅު ބޯޑުގައި ޗޯކުންކަމަށް ވެފައި ރޭގަނޑު ހަތަރުދަމު ހޭލާ އިނދެގެން މި މަސައްކަތް ކޮށްފައިވާތީ އެވެ.

އަފްޒަލް ބުނި ގޮތުގައި އޭނާ ކެލިގްރަފީ ދަސްކޮށްފައެއް ނުވެ އެވެ. ނަމަވެސް ލޮކްޑައުން ކުރަން އުޅޭކަން އެނގުމުން ރީއްޗަށް ލިޔަން ދަސްކުރީ އެވެ. ލިޔާ ވަރަކަށް އޭނާގެ ލިޔުން ރީތި ވަމުން ދިޔަ ކަމަށާއި އެންމެ ހަ މަސް ތެރޭގައި ކީރިތި ޤުރްއާން އަމިއްލަ އަތުން ލިޔެ ނިންމާލެވުނީތީ ވަރަށް ހިތްހަމަޖެހިއްޖެ ކަމަށް އިންޑިޔާގެ ނިއުސް އެޖެންސީ އަކާ ވާހަކަ ދައްކަމުން އަފްޒަލް ބުނެފައި ވެއެވެ.
އަފްޒަލް އަބަދުވެސް ކީރިތި ޤުރްއާން ލިޔާ ހިތް ވެއެވެ. ނަމަވެސް ޓެކްސީ ޑްރައިވަރަކަށް އުޅޭތީ އެކަމަށް އެކަށީގެންވާ ވަގުތު ނުދެވެނީ އެވެ.

"އެކަމަކު ލޮކްޑައުންވީމަ އަހަރެން ގޭގައި ހުރި ދުވަސްތަކުގައި ކީރިތި ޤުރްއާން ލިޔަން ފެށީ. ރޯދަ މަހު 16 ގަޑިއިރާއި 18 ގަޑިއިރާ ދެމެދުގެ ވަގުތެއް އަހަރެން ޤުރްއާން ލިޔުމުގައި ހޭދަކުރިން،" އަފްޒަލް ބުންޏެވެ.

ބޯޑުގައި ޗޯކުން ލިޔަން ފުރަތަމަ އަފްޒަލް އަށް ދަސްކޮށް ދިނީ އޭނާގެ ބައްޕަ އެވެ. އެހެންވެ އަފްޒަލް އޭނާގެ ބައްޕަ އަށް ޝުކުރު އަދާކުރި އެވެ. އަދި ބުނީ އާއިލާގެ މާލީ ތަނަވަސްކަން ނެތުމުން ކިޔެވުން ކުރިޔަށް ނުގެންގޮސް ހުއްޓާލަން ޖެހުނު ކަމަށެވެ.

"އަކަމަކު އަހަރެން އަބަދުވެސް ޤުރުއާން ކިޔަވަން. އަދި ޚަތިމު އެއްކޮށް ލިޔުމުގެ ޝައުގުވެރިކަން އަބަދުވެސް އޮވޭ،" ލިޔުމަކީ އޭނާގެ ހޮބީ ކަމަށް ބުނަމުން އަފްޒަލް ބުންޏެވެ.

އެހިސާބުގަނޑުގެ މުފްތީ ސޯދިގު މުހިއްދީން ފަހުމީ ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ބޭނުން ހެޔޮގޮތުގައި އަފްޒަލް ހިފީތީ އޭނާ ވެސް ވަރަށް އުފާވި އެވެ. އަދި އަމިއްލަ އަތުން ލިޔެފައިވާ ޚަތިމެއް ހިފައިގެން އައިސް ދައްކާލުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.