ޔަންމާ 60 ހޯސްޕަވަރުގެ އިންޖީނު ދުނިޔޭގެ ބާޒަށް ނެރުން އެމްޓީސީސީން ރާއްޖޭގައި މިރޭ ބާއްވައިފި އެވެ.
ޔަންމާ އިންޖީނުގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓާ އެމްޓީސީސީ އާއި ސިންގަޕޫރު ޔަމަހާ ކުންފުނި ގުޅިގެން އާޓްގެލަރީގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެެއްގައި މި އިންޖީނު ބާޒާރަށް ނެރެދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. މިއީ މި މަރުކާގެ އިންޖީނު ދުނިޔޭގެ ބާޒާރަށް ނެރުނު ފުރަތަމަ ފަހަރު ކަމަށް އެމްޓީސީސީން ބުނެ އެވެ.
ކުދި އޮޑިފަހަރުގައި އެޅުމަށް ހާއްސަ މި އިންޖީނު ބާޒާރަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވީ އެމްޓީސީސީއަކީ ރާއްޖެއަށް އެކި ދާއިރާތަކުން ގިނަ ހިދުމަތްތަކެއް ކުރަމުން ގެންދާ ކުންފުންޏެއްކަން ފާހަގަ ކުރެއްވި އެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި 60 ހޯސްޕަވަރުގެ އިންޖީނު ފުރަތަމަ ފަހަރަށް ގަތް 10 މީހުންނަށް ހަނދާނީ ލިޔުމެއްވެސް ދީފައިވެ އެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުރައްޒާގު ހަލީމް ވިދާޅުވީ ކުރިން ކުދި ދޯނި ފަހަރުގައި އަޅައިގެން ގެންގުޅުނު "ޓޫ-ޓީ" އަދި "ތްރީ-ޓީ" އިންޖީނުގެ ބަދަލުގައި ބޭނުންކުރެވޭ މި އިންޖީނަކީ 30-45 ފޫޓުގެ ކުދި އޮޑިފަހަރުގައި އެޅުމަށް ހާއްސަ އިންޖީނެއް ކަމަށެވެ.
"ކުރިން ޓޫޓީ އާއި ތްރީ-ޓީ އިންޖީނުގެ ސްޕެއާ ނުލިބިގެން އުޅުނު އުޅުން މިހާރު ނިމުމަކަށް އަތުވެގެން މިދިޔައީ،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އިންޖީނު އެ ކުންފުނިން ވިއްކަނީ ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާއަށް ކަމަށެވެ. އަދި މި އިންޖީނު ތައާރަފުކުރި މި ސައިޒުގެ އިންޖީނު ބޭނުންކުރާ ކުދި އުޅަނދު ފަހަރު ގިނަވުމުން ކަމަށް ހަލީމް ފާހަގަ ކުރެއްވި އެވެ.
"މި އިންޖީނު 18 މަސް ދުވަހުން ފައިސާ ދައްކާ ގޮތަށް އިސްލާމިކް ފައިނޭންސްގެ ދަށުން ވެސް ދޫކުރެވޭނެ،" ހަލީމް ވިދާޅުވި އެވެ.