ލެވަންޓޭގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން މޮޅުވެ، ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެއް ވަނައިގައި އޮވެ އިންޓަޝަނަލް ބްރޭކާ ކުރިމަތި ލައިފި އެވެ.
މިދިޔަ ސީޒަންގައި ރެއާލް ބަލިވީ ތިން މެޗުންނެވެ. އޭގެ ތެރެއިން އެއް މެޗަކީ ލެވެންޓޭ އަތުން ރަށުން ބޭރުގައި ބަލިވި މެޗެވެ. އެ މެޗުގެ ބަދަލު ހިފުމެއްގެގެ ގޮތުގައި މިރޭ ރެއާލް ވަނީ ރަށުން ބޭރުގައި ލެވެންޓޭ ބަލި ކޮށްފަ އެވެ.
ގައުމީ ޓީމުތަކުގެ މެޗުތަކަށް ހުސްކުރާ އިންޓަނޭޝަނަލް ބުރޭކަށް ދާއިރު ރެއާލް އެް ވަނައިގައި އޮތީ 10 ޕޮއިންޓާއެކު އެވެ. އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން ޕޮއިންޓް ނުހޯދުނީ ފުރަތަމަ މެޗުގައި ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މަރާމާތު ކުރުމުގެ މަސައްކަތް ލެވެންޓޭގެ އަމިއްލަ ދަނޑު، ސިއުޓެޓް ޑި ވެލެންސިއާގައި ކުރިއަށްދާތީ މިދިޔަ ސީޒަންގެ ފަހު ކޮޅުން ފެށިގެން ލެވަންޓޭގެ ހޯމް މެޗުތައް ކުޅެމުން ދަނީ ވާދަވެރި ވިޔަރެއާލް ދަނޑު ލަ ސެރާމިކާ ސްޓޭޑިމްގަ އެވެ.
ކަނާތު ބެކަށް ކުޅޭ ދެ ޑިފެންޑަރުން ކަމަށްވާ، ޑެނީ ކާވާހަލް އާއި އަލްވާރޯ އޮޑްރިއަޒޯލާއަށް އަނިޔާވުމުން ކަނާތު ބެކްގެ މަސްއޫލިއްޔަތު ޒިދާން ހަވާލު ކުރީ އާންމުކޮށް ސެންޓްރަލް ޑިފެންޑަރުގެ މަގާމަށް ކުޅޭ ނަޗޯ ފެނާންޑޭޒް އާއެވެ. ކުރިން ކުޅުނު ދެ މެޗުގައި 4-3-1-2 ގެ ފޯމޭޝަނަށް ކުޅުނު ޒިދާން ވަނީ ލުކަ ޔޯވިޗް ބެންޗަށް ލުމަށް ފަހު އެއް ސްޓައިކަރަށް ގޭމް ބަދަލުކޮށް ފޯމޭޝަން 4-3-3 އަށް ބަދަލުކޮށްފަ އެވެ.
ފުރަތަމަ ހާފު ކުރީ ކޮޅު، ލެވެންޓޭގެ ޑިފެންސް ރޫޅާ ލުމުގައި މެޑްރިޑަށް އުނދަގޫ ކުރިމަތިވި އެވެ. އެ ޓީމަށް ނުރައްކާ ކުރެވުނީ ކޯނަރުތަކުގަ އެވެ. ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ވިނީސިއުސް ޖޫނިއާ ކާމިޔާބު ކުރީ ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ. ލުކަ މޮޑްރިޗް ނެގި ކޯނަރު ވިޔަރެއާލްގެ ޑިފެންސުން ކްލިއާ ކުރުމުން އެ ބޯޅަ ލިބުނީ އޭރިއާގެ ކަނާ ދިނާމުލުގައި ހުރި ވިނީސިއުސް އަށެވެ. ބޯޅަ ތިން ފަހަރު ކޮންޓްރޯލް ކުރުމަށް ފަހު ވިނީސިއުސް އެ ބޯޅަ ގޯލްގެ ތެރެއަށް ވާއްދާލީ ދުރު ކަނަށް އަމާޒުކޮށެވެ.
ލަނޑަށް ފަހު ލެވެންޓޭއިން ރެއާލްގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. ލަނޑު ޖެހުމާ ވަރަށް ގާތަށް އެ ޓީމުން ދިޔަ އެވެ. އެ ޓީމުން އުފެއްދި ނުރައްކާތެރި ހަމަލާއެއް ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވި އެވެ. އެންމެ ފަހުން ރެއާލް ވަޔަޑޮލިޑް އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރު ޓިބޯ ކޯޓްއާ ވަނީ ވިޔަރެއާލްގެ ނުރައްކާތެރި ދެ ހަމަލާ ދިފާއު ކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ލީޑް ނެގުނު ނަމަވެސް މެޑްރިޑްގެ ޓީމުގެ ގޭމް ރަނގަޅެއް ނޫނެވެ. ދެ ވަނަ ހާފުގައި އެކަން ވަރަށް ރަނގަޅުކޮށް ވަރަށް ބޮޑަށް ޕްރެސްކޮށްގެން ރެއާލްއިން ކުޅުނެވެ. ނަތީޖާ އަކަށްވީ ލަނޑު ޖަހާނެ ތަނަވަސް ފުރުސަތުތަކެއް ލިބުމެވެ. ހާއްސަކޮށް ވިނީސިއުސްއަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ކަރީމް ބެންޒެމޭ ދިން ބޯޅަ ގޯލް ކުރިމަތީގައި ހުރެ ވިނީސިއުސް ފޮނުވާލުމުން ދިޔަައީ ބޭރަށެވެ.
ދެ ވަނަ ހާފުގައި ރެއާލްއަށް ލިބުނު ހިލޭ ޖެހުމަކުން މޮޑްރިޗް ނަގައިދިން ބޯޅަ ސާޖިއޯ ރާމޯސް ބޮލުންޖަހައި ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. އެހެންނަމަވެސް ވީއެއާރުން އެ ލަނޑު ގަބޫލު ނުކުރީ ބޯޅައަށް އެރި ވަގުތު ރާމޯސް އޮފްސައިޑް ވެފައި ވުމުންނެވެ. ދެ ވަނަ ހާފުގައިވެސް ކޯޓްއާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. ރެއާލްގެ ދެ ވަނަ ލަނޑު މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ފަސް މިނެޓްގެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ބެންޒެމާ އެވެ. ރޮޑްރިގޯ ހޮއިސް ދިން ބޯޅަ ހުސްކޮށް އަރައި ބެންޒެމާ ގޯލްގެ ތެރެއަށް ފޮނުވާލީ ލެެންޓޭގެ ކީޕަރު އައިޓޯ ފެނާންޑޭޒް ކަޓުވާލުމަށް ފަހު އެވެ.