ބޮލީވުޑް

މަޝްހޫރު ކީޓޯ ޑައިޓެއް ނަގައިގެން އެކްޓަރަކު މަރުވެއްޖެ

ހިންދީ އަދި ބެންގާލީ ފިލްމުތައް ކުޅެފައިވާ ބަތަލާއެއް ކަމަށްވާ މިޝްޓީ މުކަރުޖީ ދާދިފަހުން ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ ވަރަށް މަޝްހޫރުކުރާ ކީޓޯޖެނިކް ޑައިޓެއް ނެގުމުގެ ސަބަބުން ދެ ކިޑްނީ ފެއިލްވެގެން ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

މި ޑައިޓަކީ ފެޓްސް އާއި ޕްރޮޓީން އަށް ފޯކަސް ކުރާ އަދި ކާބްސް އެއްގޮތަކަށް ވެސް ހަށިގަނޑަށް ނުލިބޭ ޑައެޓެކެވެ. މިޝްޓީގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާގެ ފޭނުން ވަރަށް ހިތާމަކޮށް ތަފާތު ޝުއޫރުތައް ފާޅުކުރަމުން އެބަދެ އެވެ. އަދި މި އަހަރަކީ މުޅި ދުނިޔެއަށް ބިރުވެރިކަމާއި ނާމާންކަން ގެނެސްދިން އަހަރަކަށް ވެފައިވާ ފަދައިން ފިލްމު އިންޑަސްޓްރީ އަށް ވެސް ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރެވެމުންދާ އަހަރެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިޝްޓީގެ އަސްލު ނަމަކީ އިންދިރާނީ ޗަކްރަބަތީ އެވެ. އޭނާ އުފަންވީ އިންޑިޔާގެ ވެސްޓް ބެންގާލްގެ ކަލްކަތާ އަށެވެ.
ފިލްމު ކެރިއަރުގައި މިޝްޓީ، 33، ވަނީ ތަމަޅަ، ތެލުގޫ، މެލަޔާލަމް އަދި ހިންދީ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ އެކި ފިލްމުތަކުގައި ކުޅޭ އައިޓަމް ނަމްބަރު ތަކުންނެވެ.

ބޮލިވުޑަށް އޭނާ ތައާރަފްވީ ސުބާޝް ގާއީގެ "ކާންޗީ: ދަ އަންބްރޭކަބްލް" އިން 2014 ގައެވެ. އޭގެ ފަހުން 2016 ގައި ނުކުތް "ގްރޭޓް ގްރޭންޑް މަސްތީ"، އާއި 2017 ގައި ރިލީޒްކުރި "ބޭގަމް ޖާން" އާއި 2019ގެ ފިލްމެއް ކަމަށްވާ "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ"ގައި މިޝްޓީ ސަޕޯޓިން ރޯލުތައް ކުޅެފައި ވެއެވެ.

މިޝްޓީގެ އެންމެ މަޝްހޫރު އައިޓަމް ލަވައަކީ "ގޯވިންދާ އާލާ ރޭ" އެވެ. މިއީ 2013 ގައި ނުކުތް "މައި ކްރިޝްނާ ހޫން" އަށް ރަޖްނީޝް ޑުއްގަލް އާއެކު އޭނާ ނަށާފައިވާ ލަވަ އެކެވެ.

މިޝްޓީ ކުރިން ހުންނަނީ ތަންކޮޅެއް ހަށިގަނޑު ވަރުގަދަކޮށެވެ. ނަމަވެސް ކީޓޯ ޑައިޓް ނަގައިގެން ފަހުން ހުރީ ވަރަށް ލޫޅާފަތި ވެފަ އެވެ. މިޝްޓީގެ ބައްޕަ އާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނީ ރީތި ވަރަކަށް ހިކިފައި ހުރެފައި ކުއްލިއަކަށް މާ ބޮޑަށް މިޝްޓީ ހިކެން ފެށީ އެވެ. އަދި ވަރަށް ބޮޑަށް ބަލިވާން ފަށައި ހަފުތާއެއްގެ ގިނަ ދުވަސްތަކަކު ހޮސްޕިޓަލުގައި ހޭދަ ކުރަން ޖެހުނެވެ.

މިޝްޓީ އަކީ އޭނާގެ މައިންބަފައިންގެ ހުރި އެންމެ އަންހެން ދަރިފުޅެވެ. ދެން އެ ދެމަފިރިންގެ ހުރީ ފިރިހެން ދަރިއެކެވެ. ވީމާ މިޝްޓީގެ މަރުން އޭނާގެ މަންމައަށް ވަރަށް ބޮޑު ޝޮކެއް ޖެހިފައިވާ ކަމަށް އޭނާގެ ބައްޕަ ވަނީ ބުނެފަ އެވެ.
ކީޓޯ ނުވަތަ ކީޓޯޖެނިކް ޑައިޓަކީ ސިއްހަތަށް ބަލައިގެން އުޅެން ޝައުގުވެރިވާ މީހުންގެ މެދުގައި ވަރަށް މަޝްހޫރު ޑައިޓެކެވެ. ފިލްމު އިންޑަސްޓްރީގައި އުޅޭ ވަރަށް ގިނަ ފަންނާނުން ވެސް ހަށިގަނޑު ހިކިކޮށް ބެހެއްޓުމަށްޓަކައި މިފަދަ ޑައިޓްތައް ނަގަ އެވެ.

މިފަދަ މީހުން ކަނީ ކާބޯހައިޑްރޭޓް މަދުން ލިބޭ ޕްރޮޓިން އާއި ފެޓްސް ވެސް އާދައިގެ ވަރަކަށް ހަށިގަނޑަށް ލިއްބައިދޭ ކަހަލަ ކެއުން ތަކެކެވެ.

ހަށިގަނޑުން ކާބްސް މަދުވާން ފެށުމުން ހަށިގަނޑުގެ މެޓަބޮލިކް ހާލަތަށް ބަދަލު އާދެ އެވެ. މިއަންނަ ބަދަލަކަށް ކިޔަނީ ކީޓޯސިސް އެވެ. މި ހާލަތަށް ހަށިގަނޑު ދިއުމުން ސަރުބީ ވިރުވާލުމުގެ ގާބިލްކަން ހަށިގަނޑުގައި އިތުރުވެ އެވެ. ނަމަވެސް މިފަދަ ޑައިޓްތައް ނެގުމުން ދިގު މުއްދަތެއްގެ ތެރޭގައި ހަށިގަނޑަށް ނޭދޭވޭ އަސަރުތަކެއް ކުރާ ކަމަށް ތަޖުރިބާކާރުން އަބަދުވެސް އިންޒާރު ދެއެވެ.