ލިވަޕޫލް ކޮޅަށް ހަތް ލަނޑު ޖަހައި އެސްޓަން ވިލާއިން ލިވަޕޫލް ލަދުގަންނަވައިލައި ހަމަ ބިމަށް ތިރިކޮށްފި އެވެ. ވިލާ މެޗު ކާމިޔާބު ކުރީ 7-2 ންނެވެ.
ލިވަޕޫލްގެ އެންމެ މުހިންމު ފޯވަޑް، ސެޑިއޯ މާނޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވުމުން އޭނާ ހުރީ ކަރަންޓީންގަ އެވެ. މެޗުގެ ކުރީ ކޮޅު ލަނޑު ވަނުމުން އެކަމާ ކުރިމަތިލާން ޖެހޭ ގޮތަށް ކުޅުންތެރިން ކުރިމަތި ނުލުމުން ކަންބޮޑުވެފައި ހުރި ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕްގެ އެއް ވަނަ ކީޕަރު އަލިސަންގެ ކޮނޑަށް ލިބުނު އަނިޔާއެއްގައި އޭނާވެސް ހުރީ ކުޅުމާ ދުރުގަ އެވެ. އެ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ހަތަރު ހަފުތާ އާއި ހަ ހަފުތާގެ މުއްދަތެއް ހޭދަ ވާނެ އެވެ.
އަލިސަންގެ ބަދަލުގައި މެޗުން ފުރުސަތު ދިނީ ދެ ވަނަ ކީޕަރު އެޑްރިއަން އަށެވެ. ވިލާގެ ފުރަތަމަ ގޯލަކީ އެޑްރިއަންއަށް ހެދުނު ބޮޑު މިސްޓޭކެއްގެ ފައިދާ ނަގައި ކާމިޔާބު ކުރި ގޯލެކެވެ. އެޑްރިއަން ދޭން އުޅުނު ބެކް ޕާސް އޭނާ ދިނީ އޭރިއާތެރޭގައި ހުރި ވިލާގެ ޖެކް ގްރީލެޝް އަށެވެ. ގްރީލެޝް ބޯޅަ ދިނީ ގޯލް ކުރިމަތީގައި ހުސްކޮށް ހުރީ އޮލީ ވޮޓްކިންސްއަށެވެ. އޭނާ ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.
ވޮޓްކިންސް މި ސީޒަންގައި އެސްޓަން ވިލާއަށް ބަދަލުވީ ބްރެންޓްފޯޑްއިންނެވެ. އޭނާގެ ޓްރާންސްފާއަށް ވިލާއިން ވަނީ 28 މިލިއަން ޕައުންޑް ހޭދަ ކޮށްފަ އެވެ. ޕްރިމިއާ ލީގްގައި އޭނާ ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލާއެކު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކޮޅަށް ހެޓްރިކުވެސް ހެދި އެވެ. އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ގްރީލެޝް އެވެ. ޗެލްސީގެ ލޯން އެއްބަސް ވުމުގެ ދަށުން އެސްޓާން ވިލާއަށް ބަދަލުވި ރޮސް ބާކްލީ ވިލާގައި ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ ގޯލް ޖާހަފަ އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ޖޯން މެކްގިން އެވެ. ލިވަޕޫލްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ މުހައްމަދު ސަލާހް އެވެ.
"ވަރަށް ސާފް ގޯލް ކުރިމަތީގައި އެންމެންވެސް ގޯސް ހަދާނެ،" މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ. "ސުވާލެއްވެސް ނެތް ފުރަތަމަ ގޯލަކީ އެޑްރިއަންގެ ވަރަށް ބޮޑު ގޯހެއް، ނަމަވެސް އެއަށް ކުރިމަތިނުލުން އެއީ އެއަށްވުރެ ބޮޑު ގޯހެއް، އަހަރެމެން ޖެހޭނެ ހިރާސް ނަގަން، ނަމަވެސް އެކަން ނުކުރަންޏާ އަހަރެމެން ޖެހޭނެ އެ ހިރާސް ސަލާމަތް ކުރަން، އަހަރެމެން އަތުން ގެއްލޭ ކޮންމެ ބޯޅައެއް ވީ އެ ޓީމަށް ލިބޭ ކައުންޓަ އެޓޭކުގެ ބޮޑު ފުރުސަތަކަށް، އަހަރެމެންނަށް ވުރެ އެ ޓީމު ހަލުވިވެފައި އެފުރުސަތު ބޭނުން ކުރާލެ އެވަސް."
އިނގިރޭސި ފުޓްބޯޅައިގައި ލިވަޕޫލްގެ އެންމެ ބޮޑު ވާދަވެރިޔާ މެންޗެސްޓާ ޔުނައިޓެޑް ވެސް ވަނީ ޓޮޓެންހަމް އަތުން ރޭ 6-1 ބަލިވެފަ އެވެ.
އިންޓަނޭޝަނަލް ބުރޭކަށް ލީގް މެދުކަނޑާލީ އެވެ. އެނބުރި އަންނައިރު ލިވަޕޫލަށް އޮތީ ވަރުގަދަ މެޗެކެވެ. ތާވަލުގެ އެއް ވަނައިގައި އޮތް އެވެންޓަން އާ ދެކޮޅަށް ކުޅޭ މާސީ ސައިޑް ކުރިމަތިލުމެވެ. އެ މެޗު އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.