ސަރުކާރުގެ ކުންފުނިތަކުގެ ބައެއް އިސްވެރިން ރިސޯޓުތަކުގައި ހިލޭ ޗުއްޓީ ހޭދަކުރާކަމަށާއި، އެގޮތަށް ހޯދައި "ހަދިޔާ" ތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ތުހުމަތުކޮށްފި އެވެ.
ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދު މަޖިލީހުގައި ކުރިއަށްދިއަ ބަހުސްގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ ކުންފުނިތަކަށް ކޮރަޕްޝަން ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ.
މިގޮތުން، ބައެއް ކުންފުނިތަކުގެ އިސްފަރާތްތައް ރިސޯޓްތަކަށް ގޮސް ފަރިއްކުޅުވުމަށްފަހު ނުވަތަ ޗުއްޓީ ހޭދަކުރުމަށްފަހު ބިލް ނުދައްކާ އަންނަކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ މި ބިލްގައި ހަދިޔާގެ ގޮތުގައި ލިބޭ އެއްޗިއްސާއި އެކަށީގެންނުވާ ޑިސްކައުންޓާ މިފަދަ ކަންކަމަކީ ކޮރަޕްޝަންގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކުންފުނިތަކުގެ އިސްވެރިން އަމިއްލައަށް ވަގު އީމެއިލް އެކައުންޓުތައް ހަދައިގެން ކޯޓޭޝަންތައް ނަގައި، އެ ކޯޓޭޝަންތައް އެޕްރޫވްކޮށްގެން ބޮޑެތި ހިޔާނާތްތައް ހިންގަމުންދާކަމަށްވެސް އޭނާ ތުހުމަތުކުރައްވައިފަ އެވެ.
"ކުރީގައި ނުފެންނަ ފަދަ ގޮތަކަށް ވަރަށް ސޮފިސްޓިކޭޓެޑްކޮށް ވަރަށް ބޮޑަށް ތަހުގީގުކޮށްގެން މެނުވީ ނޭނގޭ ފަދަ ގޮތްގޮތަށް މިހާރު ކޮރަޕްޝަން ހިންގަމުންދާކަން އެބަ ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ވަނީ ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައިފަ އެވެ.
އަދި ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބެމުންދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި، މިލްކުކުރުމަކީވެސް ކުށެއްކަމަށް އެ އިސްލާހުގައިވެ އެވެ.
މީގެ އިތުރުން، ދައުލަތުގެ މުވައްޒަފެއް ރިޝްވަތަށް އެދުމާއި ރިޝްވަތު ހުށަހެޅުންވެސް ކުށެއްގެ ގޮތުގައި ހިމަނަން ގާނޫނުލްއުގޫބާތަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
އެ އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފެއް ކަމުގައިވެ ހުރެ އެނގިހުރެ އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާ ނުވަތަ ނުސީދާ މަންފާއެއް ހޯދުމަށް އެދުމާއި ގަބޫލުކުރުމަށް އެއްބަސްވުމާއި ގަބޫލު ކުރުމަކީވެސް ކުށެކެވެ.