ވިޔަފާރި

އުލިގަމުގައި ހޮޓަލަކާއި ޔޮޓް މެރީނާއެއް ހަދަން ބިޑަށް

Oct 5, 2020
1

ހއ. އުލިގަމުގައި ޔޮޓު މެރީނާއާއެކު ސިޓީ ހޮޓަލެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން، ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން، ބިޑު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިންނެވެ. އަދި މި ބިޑާ ގުޅޭ މައުލޫމާތު ސެޝަން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު މިނިސްޓްރީގަ އެވެ.

ބޮޑު އިންވެސްޓްމަންޓް ފުރުސަތުތަކެއް ހުޅުވާލާ ކަމަށް ބުނެ އިންވެސްޓްމަންޓް އިސްތިހާރު ކުރަން ވީޑިއޯއެއް އިއުލާނު ކުރުމަށްފަހު މިއަދު ނެރެފައިވާ ބަޔާނުގައިވާ ގޮތުން، އުލިގަމުގައި މި މަސައްކަތް ކުރަން ބިޑު ޑޮކިއުމަންޓްތައް މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

އުލިގަމުގައި ކުރިން ވެސް ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއެއް ފެށި އެވެ. މި ޕްރޮޖެކްޓް ކުރިން ހަވާލުކުރީ ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން އުފެއްދި ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕަމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެވެ. އެ ކުންފުނިން އެ ރަށުގައި ބައެއް މަސައްކަތް ކުރި ނަމަވެސް ހޮޓާ އެޅޭ ގޮތެއް ނުވި އެވެ.

އުތުރުގައި ސަރުކާރުން ޓޫރިޒަމް މަޝްރޫއެއް އިއުލާނު ކުރިއިރު، މިދިޔަ ސަރުކާރުން ވެސް އައި ހެވަންގެ ނަމުގައި އެ ސަރަހައްދުގައި ގިނަ މަޝްރޫއު ތަކެއް އިއުލާނު ކުރި އެވެ. އެކަން ވެސް ކުރެވޭ ގޮތެއް ނުވި އެވެ. އަދި މި ސަރުކާރުން ދަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ފަށަން ތައްޔާރު ވަމުންނެވެ.