ހއ. އުލިގަމުގައި ޔޮޓު މެރީނާއާއެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ މައުލޫމާތު ދޭން، ޕްރީބިޑް މީޓިން މިއަދު ބާއްވައިފި އެވެ.
އާއްމުކޮށް ހުޅުވާލައިގެން މި މަޝްރޫއުގެ މައުލޫމާތު ދިނުމަށްޓަކައި ޒޫމް މެދުވެރިކޮށް ބޭއްވި ޕްރީބިޑް މީޓިން ބައްދަލުވުމުގައި 15 ފަރާތަކުން ބައިވެރިވެފައިވެ އެވެ. މީގެތެރޭގައި ބޭރުގެ ހަތަރު ފަރާތެއް ވެސް ހިމެނެ އެވެ. ނަމަވެސް މިއީ އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމެއްކަމުން ބައިވެރިވި މީހުންގެ ތަފުސީލެއް ނޭނގެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން ވިދާޅުވި ގޮތުގައި ބައިވެރިން މަޝްރޫއުގެ ގިނަ މައުލޫމާތުތަކެއް ސާފުކުރި ކަމަށާ، މި ސެޝަނަށްފަހު މަޝްރޫ އަށް ޝައުގުވެރިވާ ފަރާތްތައް އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ އަދި މިހާތަނަށް މަޝްރޫއަށް ބިޑް ހުށަހަޅަން ބިޑް ފޮތް ގަނެފައިވަނީ އެއް ޕާޓިން ކަމަށް އޭނާ ވިދާޅުވި އެވެ.
ހއ. އުލިގަމުގައި ޔޮޓު މެރީނާއާއެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ހިންގާ މަޝްރޫއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިންނެވެ.
އުލިގަމުގައި ކުރިން ވެސް ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއެއް ފެށި އެވެ. މި ޕްރޮޖެކްޓް ކުރިން ހަވާލުކުރީ ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން އުފެއްދި ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕަމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެވެ. އެ ކުންފުނިން އެ ރަށުގައި ބައެއް މަސައްކަތް ކުރި ނަމަވެސް ހޮޓާ އެޅޭ ގޮތެއް ނުވި އެވެ.