ވިޔަފާރި

އުލިގަން ހޮޓަލަކާއި ޔޮޓް މެރީނާގެ ޕްރީބިޑް މީޓިން 22 ގައި

Oct 19, 2020

ހއ. އުލިގަމުގައި ޔޮޓު މެރީނާއާއެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ ޕްރީބިޑް މީޓިން މި މަހުގެ 22 ގައި އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އުލިގަމުގައި ޓޫރިސްޓް ހޮޓަލެއް ޔޮޓް ބަނދަރަކާއި އެކު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި ބީލަމުގެ މައުލޫމާތު ސާފުކުރުމުގެ ޕްރީބިޑް މީޓިން އޮންނާނީ 22 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން، ބިޑު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިންނެވެ.

އުލިގަމުގައި ކުރިން ވެސް ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއެއް ފެށި އެވެ. މި ޕްރޮޖެކްޓް ކުރިން ހަވާލުކުރީ ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން އުފެއްދި ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕަމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެވެ. އެ ކުންފުނިން އެ ރަށުގައި ބައެއް މަސައްކަތް ކުރި ނަމަވެސް ހޮޓާ އެޅޭ ގޮތެއް ނުވި އެވެ.

އުތުރުގައި ސަރުކާރުން ޓޫރިޒަމް މަޝްރޫއެއް އިއުލާނު ކުރިއިރު، މިދިޔަ ސަރުކާރުން ވެސް އައި ހެވަންގެ ނަމުގައި އެ ސަރަހައްދުގައި ގިނަ މަޝްރޫއު ތަކެއް އިއުލާނު ކުރި އެވެ. އެކަން ވެސް ކުރެވޭ ގޮތެއް ނުވި އެވެ. އަދި މި ސަރުކާރުން ދަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ފަށަން ތައްޔާރު ވަމުންނެވެ.