ހއ. އުލިގަމުގައި ޔޮޓު މެރީނާއާއެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ ބިޑް ހުޅުވަން ދިން މުއްދަތުގައި އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އިހަވަންދިއްޕޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ހިންގަން މި ސަރުކާރުން އިއުލާނުކުރި ފުރަތަމަ މަޝްރޫއު ކަމަށްވާ އުލިގަން ސިޓީ ހޮޓާ މަޝްރޫ އަށް ބިޑް ހުށަހަޅަން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިއަދު 1:00 ގެ ނިޔަލަށް ދިން ފުރުސަތުގައި ދެ ފަރާތަކުން ވަނީ ބިޑް ފޮތް ގަނެފަ އެވެ. ނަމަވެސް އެއްވެސް ފަރާތަކުން މި މަޝްރޫ އަށް ކުރިމަތިލައި ބިޑް ހުށަހަޅާފާއެއް ނުވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން ވިދާޅުވި ގޮތުގައި ގިނަ ފަރާތްތަކުން މައުލޫމާތު ސާފު ކުރި ކަމަށާ، އަދި ބިޑް ފޮތް އެއް ފަރާތުން ބިޑު ހުށަހަޅަން ދިން މުއްދަތު އިތުރު ކޮށްދޭން ވެސް އެދުނު ކަމަށެވެ.
"އެނގިގެން ދިޔައީ ޝައުގުވެރިކަން ހުރިކަން. ނަމަވެސް މިހާލަތު [ކޮވިޑް-19] ގެ ސަބަބުން އިތުރު ވަގުތު ބޭނުންވާ ކަަމަށް އެނދުނީ،" ހުއްސާން ވިދާޅުވި އެވެ.
ޝައުގުވެރިކަން އެބަހުރި، އަލުން ބިޑް ކުރާނެ
އޭނާ ވިދާޅުވީ މި މަޝްރޫއު ޝައުގުވެރިކަން އެބަހުރި ކަމަށާ އެހެންވެ އަލުން ބިޑް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް ކައިރި މުސްތަގުބަލެއްގައި ކުރާނެ ކަމަށް ހުއްސާން ވިދާޅުވި އެވެ.
ހއ. އުލިގަމުގައި ޔޮޓު މެރީނާއާއެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ހިންގާ މަޝްރޫއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިންނެވެ.
އުލިގަމުގައި ކުރިން ވެސް ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއެއް ފެށި އެވެ. މި ޕްރޮޖެކްޓް ކުރިން ހަވާލުކުރީ ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން އުފެއްދި ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕަމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެވެ. އެ ކުންފުނިން އެ ރަށުގައި ބައެއް މަސައްކަތް ކުރި ނަމަވެސް ހޮޓާ އެޅޭ ގޮތެއް ނުވި އެވެ.