ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ގާޒީ، އަދީބަށް: ތައުބާވެވޭނީ ފައިސާތައް ހޯދައިގެން!

ޒުވާން އުމުރުގައި ބާރުގަދަ މަގާމަކަށް ވަޑައިގެންނެވުނު ގޮތް ހަނދާން އެބަހުރިތޯ ސުވާލު ކުރައްވާ ކުރީގެ ނާއިބު ރަައީސް އަހުމަދު އަދީބަށް އޭނާގެ މައްސަލަތައް ބެއްލެވި ގާޒީ ހަސަން ސައީދު ނަސޭހަތްތެރިވެ ވަޑައިގެންފި އެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ "އެއްބަސް ވެގެން" ސާބިތުކޮށް، 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމަށްފަހު ގާޒީ ހަސަން ވަނީ "މަގާމަށް އައި ގޮތް ހަނދާން އެބަހުރިތޯ،" އަދީބާ ސުވާލު ކުރައްވާފަ އެވެ. އަދި އަދީބު ކުރައްވާފައި ވަނީ ދިވެހި ދައުލަތާއި ރައްޔިތުން ވެސް ލަދުގަނެ މުޅި ދުނިޔެއަށް ރާއްޖެ ފަލީހަތްވާނެ ފަދަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މަގާމުގައި، ބާރުގައި ހުންނަ ވަގުތު ކައިރީގައި ކިތަންމެ ބަޔަކު ތިބި ނަމަވެސް ކުށްވެރިވާ ވަގުތު ގާތުގައި ވާނީ ތިމާގެ ނަފުސް އެކަނި ކަމަށްވެސް ގާޒީގެ ވާހަކަގައި ވިދާޅުވި އެވެ. އެ ވާހަކަތައް ޝަރީއަތުގައި ވިދާޅު ވަނީ އަދީބަށް ދެރައަކަށް އެދިވަޑައިގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ގާޒީ ވިދާޅުވި ގޮތުގައި އެ މީހެއްގެ ނަފްސަށް އަޅާލަން ހަގީގަތުގައި ހުންނާނީ އެންމެ މީހެކެވެ. އެއީ ތިމާ އެވެ.

"ނަފްސު ވިއްކާލި މީހަކަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" އަދީބު ކުރެއްވި ކުށްތަކަށް އިޝާރާތް ކުރައްވާ ގާޒީ ހަސަން ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އަދީބުގެ ސަބަބުން ގެއްލިގެން ދިޔައީ މުޅި ދައުލަތާއި ރައްޔިތުންގެ އެތައް ހައްގެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާ އެފަދަ ކުށެއް އަލުން ތަކުރާރު ނުކުރެއްވުމަށް ވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ. މި މައްސަލަތަކުގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި ކުރެވުނު ކުށްތަކާމެދު ހިތާމަކޮށް އެ ކުށްތަކަށް ތައުބާވެވަޑައިގެންފައިވާ ކަމަށް އަދީބު ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ވެސް ގާޒީ ވާހަކަފުޅު ދެއްކެވިއެވެ. ވިދާޅުވީ އަދީބު އަރައިގަނެވިފައި ވަނީ ދިވެހި ހުރިހާ ރައްޔިތުންގެ ހައްގުތަކަށް ކަމަށްވާތީ އެކަމަށް އޮތް ތައުބާއަކީ ގެއްލުނު ފައިސާ ހޯދުން ކަމަށެވެ. އަދި ދައުލަތަށް އެ ފައިސާ ދެއްކެވުން ގޮތަކަށް ދެއްކުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

"މި ފައިސާ އަނބުރާ ދެވުނު ގޮތަކަށް ދެއްވުން. އެ ނޫނިއްޔާ ތައުބާވި ކަމަކަށް ނުވާނެ،"

އަދީބު ވަނީ ދައުލަތުން އެދޭ އެހީތެރިކަން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ކުރިން ވިދާޅުވެފަ އެވެ. އަަދި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ހަގީގީ މަންޒަރު ސާފުވާނީ ވެސް އޭނާ އެ ވާހަކަތައް ވިދާޅުވެ ދެއްވުމުން ކަމަށްވާތީ އަދި އެފަދަ ހިޔާނާތެއް އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ވެސް އެ ވާހަކަަތައް ވިދާޅުވެ ދެއްވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.