ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ހުކުމަކީ ކޮށްފައިވާ ކުށަށް ބަލާނަމަ އިންސާފަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށް ކުރީގެ ނާއިބް ރައީސް އަދި އިސް ގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާއާ ގުޅިގެން 20 އަހަރުގެ ޖަަލު ހުކުމެއް އިއްޔެ ވަނީ އިއްވާފައެވެ. އަދި ދެ މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށްވެސް ވަނީ އަންގާފައެވެ. އަދީބުގެ މައްޗަށް މި ހުކުމްތައް އިއްވާފައިވަނީ ދައުލަތާއި އަދީބާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ހެދި އޭގެ ދަށުންނެވެ. އެހެން ނޫންނަމަ މި މައްސަލަތައް މިހާ އަވަހަށް ނުނިމުނީހެވެ. އަދި ޖަލު ހުކުމްގެ މުއްދަތުވެސް އިތުުރުވީހެވެ.
އަދީބުގެ މައްޗަށް ހުކުމް ކުރުމާއި ގުޅިގެން އަދީބުގެ ކުރިން ނާއިބް ރައީސްގެ މަގާމުގައި ހުންނެވި ޖަމީލް ވިދާޅުވީ އަދީބުގެ މައްޗަށް އިއްވި ހުކުމަކީ ކޮށްފައިވާ ކުށަށް ބަލާނަމަ އިންސާފަށް ލިބުނު ކުރިއެރުމެއް ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށެވެ. އަދި އަދީބުގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އައި ނަމަވެސް އެކަމާއި އުފާ ނުވާ ކަމަށް ވިދާޅުވިއެވެ. އެއީ އިބްރަތެއް ކަަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
"ގޯހަކުން ލިބޭނެ މޮޅެއް، އިއްޒަތެއް އަދި ހައްގަކަށް އަރައިގަނެގެން ލިބޭނެ ކުރިއެރުމެއް ނެތް. މީހުން ފްރޭމްކޮށްގެން ކުރި ނުލިބޭނެ. ތަގްދީރުގެ ނިޔާ މާ މޮޅުވާނެކަން ގަބޫލު ކުރަންވާނެ،" އަދީބު ބާރުގައި ހުންނެވި ދުވަސްވަރު ޖަމީލަށް ކުރިމަތިވެވަޑައިގެންނެވި ބައެއް ހާދިސާތައް ސިފަކުރައްވާ އޭނާ ވިދާޅުވިއެވެ.
އަދީބަށް އިއްވާފައިވާ ޖަލު ހުކުމްތައް:
- މަނީލޯންޑްރިންގެ ދެ ދައުވާ ސާބިތުވެ 11 އަހަރާއި 10 މަހާއި 42 ދުވަހަށް ޖަލަށްލުމަށް
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދި ކަމުގެ ދެ ދައުވާ ސާބިތުވެ ހަތް މަހަށް ޖަލަށްލުމަށް
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ ސާބިތުވެ ތިން މަހަށް ޖަލަށްލުމަށް
- ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ ސާބިތުވެ ހަތް އަހަރާއި އެއްމަހާއި 42 ދުވަހަށް ޖަލަށްލުމަށް
2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހޮއްވެވީ ޖަމީލެވެ. ނަމަވެސް ސަރުކާރުގެ ފުރަތަމަ އަހަރު ނިމުމާއެކު ޖަމީލްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާ ޖަމީލުގެ މަގާމު ވަނީ ގެއްލުވާލާފައެވެ. އޭގެ ފަހުން ނާއިބް ރައީސް ކަމަށް ވަޑައިގެންނެވީ އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. ޖަމީލް މަގާމުން ދުރުކުރުމުގެ އަޑީގައި ހުންްނެވީވެސް އަދީބެވެ.
ޝަރީއަތުގައި އަދީބު ވަނީ އޭނާގެ މޯބައިލް ފޯނާއި ޗެޓުލޮގުތަކާއި އެނޫންވެސް މި މައްސަލައާއި ގުޅުންހުރި ސާމާނުތައް ދައުލަތާއި ހަވާލު ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ހިޔާނާތުގައި އެކި ގޮތްގޮތުން ބައިވެރިވި މީހުންނާއި ކަޅު ފައިސާ ލިބުނު މީހުންގެ ނަންތައްވެސް ދައުލަތާއި ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް ޝަރީއަތުގައި އެއްވެސް ނަމެއް ވިދާޅެއް ނުވެއެވެ.