ވިޔަފާރި

އެމްޓީސީސީގެ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު

Oct 6, 2020
3

އެމްޓީސީސީގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނީގެ ހިންގާ ގަވައިދުގައިވާ ގޮތުން އެ ކުންފުނީގެ މިހާރުގެ ހިއްސާދާރުންގެ ނިސްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.

މި ދެ ޑިރެކްޓަރުންގެ ތެރެއިން އެއް ޑިރެކްޓަރަކު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު 27 ގައި އެ ކުންފުން ބޭއްވި 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި އިންތިހާބުކޮށްފަ އެވެ. އެހެންވެ އެ ކުންފުނިން ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާއެއް ބާއްވައި އެއް ޑިރެކްޓަރު ނަގަން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ ޖަލްސާ ބާއްވާ ތާރީހެއް އެ ކުންފުނިން އަދި އިއުލާނެއް ނުކުރެ އެވެ.

އެމްޓީސީސީގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލެވޭނީ އެ ކުންފުނީ ހިންގާ ގަވައިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޝަތުރުތައް ފުރިހަމަވާ މީހުންނަށެވެ. މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބުނާ "ފިޓް އެންޑް ޕްރޮޕަ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ މީހަކަށް ވެސް އެ މީހަކު ވާން ޖެހެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން "އެމްޓީސީސީ ގެ އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު މި މަހުގެ 26 ގެ ކުރިން އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އަށް އީމެއިލް ކުރަން ޖެހޭނެ ކަމަށެވެ.

ކުށުގެ އިސްލާހު

މި ހަބަރު ފުރަތަމަ ޝާއިއު ކުރި އިރު އެމްޓީޑީސީ ކަމަށް ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ހަބަރުގައި އޮންނަން ޖެހޭ ރަނގަޅު ގޮތަކީ އެމްޓީސީސީ އެވެ. ވީމާ ހަބަރު ނިސްބަތްވި ދެ ކުންފުނީގެ ކިބައިންނާއި ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެމެވެ.