މި އަހަރުގެ އިނވެސްޓްމަންޓް ފޯރަމްގައި 600 ކުންފުންޏަކުން ބައިވެރިވާނެ ކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެ އެވެ.
މިމަހު 19 ގައި ޗައިނާ ބެއިޖިންގައި ފަށާ އިންވެސްޓްމަންޓް ފޯރަމްއާ ބެހޭގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިސާމް ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހު ފަހެއްގައި ހަމަވެފައިވާ ކަމަށާއި ރަޖިސްޓްރޭޝަން ކޮންފަމޭޝަން އެކުންފުނި ތަކަށް ދީފައިވާނެ ކަމަށެވެ.
އެގޮތުން ރާއްޖެއިން 200 އެއްހާ ކުންފުނިން ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އަދި އެހެން ގައުމުތަކުން 400 އެއްހާ ކުންފުނި ބައިވެރިވާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.
"200 އެއްހާ ކުންފުނި ރާއްޖެއިން ރަޖިސްޓްރީ ކުރި، އެހެންގައުމުތަކުގެ 400 އެއްހާ ކުންފުނި ބައިވެރިވޭ" ވިސއާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްގައި ޗައިނާގެ އެންމެ ވަރުގަދަ ކުންފުނި ތަކުން ބައިވެރިވާ އިރު އެގައުމުގެ ވަރަށް ގިނަ މީޑިއާ ތަކުން މި ފޯރަމް ފުލް ކަވަރޭޖްދޭނެ ކަމަށެވެ. އަދި މިފޯރަމްގައި ބައިވެރިވާ އެހެން ގައުމުތަކުތެރެއިން އެންމެ ގިނައިން ބައިވެރިވަނީ އިރުމަތީ އޭޝިޔާގެ ގައުމުތަކުން ކަމަށް ވިޝާމް ވިދާޅުވި އެވެ.
"ޗައިނާގެ އެންމެ ވަރުގަދަ 100 ކުންފުނީގައި ހިމެނޭ އެތައް ކުންފުންޏެއް މިފޯރަމްގައި ބައިވެރިވާނެ. އެތައް ގައުމަކުން މިފޯރަމްގައި ބައިވެރިވާ އިރު މީގެ ފުލް ކަވަރޭޖް ޗައިނާގެ އެތަށް މީޑިއާ އަކުންވެސް ދޭނެ" ވިޝާމް ވިދާޅުވި އެވެ.
ރާއްޖެއަށް އިންވެސްޓްމަންޓް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ބާއްވަން އިންވެސްޓްމަންޓް ފޯރަމްގައި މި އަހަރު 800 ވިޔަފާރި ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އަދި 3،400 ފަރާތަކަށް އެ ފޯރަމްގައި ބައިވެރިވުމަށް ދައުވަތު ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.