ރިޕޯޓް

މި ފޮޓޯއާ ހެދި މީހުން ރުޅިއަތުވެއްޖެ!

އިއްޔެއާ ރޭ ވެސް އެންމެ ވައިރަލް ފޮޓޯއަކީ މިއީ އެވެ. މި ފޮޓޯ ހަމަ އެކަނި ފެތުރިގަތީއެއް ނޫނެވެ. މި ދެގަނޑު ފޮޓޯ ފެނިގެން ހުރިހާ ދިވެހިންހެން ވަނީ ރުޅިވެސް ގަދަ ވެފަ އެވެ. އަދި އެކި މީހުން އެކި ޝުއޫރާއި ވާހަކަތައް ވެސް މި ދެ ފޮޓޯއާއެކު ހިއްސާކުރަމުން އެބަދެ އެވެ.

ފޮޓޯގައި ފެންނަނީ ހެންވޭރު އިބްރާހިމް މިސްކިތުގެ ގޯތިތެރޭގައި އިންޑިއާގެ ދެ މީހަކު ކަމަށް ބުނާ ދެ މީހަކު އިށީނދެ ރަނގަޅަށް ހަމަޖެހިލައިގެން ތިބެ ކަނިކޮށެވެ. އަންހެނަކާއި ފިރިހެނެކެވެ. މީހުން ބުނާ ގޮތުން ފެންނަ ފެނުމަށް އެއީ ދެމަފިރިންހެން ހީވެ އެވެ. އެއީ މައްސަލައެއް ނޫނެވެ.
މައްސަލައަކަށްވީ މިސްކިތަށް ވަންނަ ދޮރުމަތީގައި އިށީނދެގެން ކާން ތިބުމެވެ. ކާރޫބާރު ބޮޑު މަޖީދީމަގާއި ސޯސަން މަގު ކުޅޭ ހަތަރުއަނގޮޅި ކަންމަތީގައި ހުންނަ އެ މިސްކިތުގައި ބޭރު ފެންޑާގެ ތަޅުމުގައި އެގޮތަށް ބަޔަކު މީހުން ކާން ތިބޭ މަންޒަރެއް އަދި ފެނިފައެއް ނުވެއެވެ.

އިންޑިއާގެ އެ ދެ މީހުން ދެފައި ވައްކޮށްލައި މިސްކިތުގެ އިމުގައި ކާން ތިބިއިރު އެ މީހުން ގެންގުޅޭ ދަބަސްތަކާއި އެހެނިހެން ސާމާނު ވެސް އަތުރާފައި ހުއްޓެވެެ. ސޯޝަލް މީޑިއާގައި މި ފޮޓޯ ހިއްސާކޮށް ބައެއް ދިވެހިން ވަނީ އެ މީހުންގެ ހިތްހަމަ ނުޖެހުމުގެ އުދާސްތައް ބޭރުކޮށްފަ އެވެ. ގިނަ މީހުން ރުޅި އައި ސަބަބަކީ އިންޑިއާގެ ދެ މީހަކު އެގޮތަށް މިސްކިތުގައި ކާން ހަދައި ކެއި މައްސަލަ އެވެ.

ފޮޓޯއާ ގުޅޭގޮތުން ވާހަކަ ދެއްކި ބައެއް މީހުން އެއީ ކޮންބައެއްތޯ ސުވާލު ކުރި އެވެ. އަދި ވެރިރަށުގެ އެންމެ ކާރުބާރު ބޮޑު މަގުގައި އަދި މިސްކިތަކަށް ވަންނަ ދޮރުތެރޭގައި ކާން ހަދައިގެން އެ މީހުން ކާން ތިބީ ކޮން ސަބަބަކާއި ގުޅިގެންތޯ ވެސް ސުވާލު ކުރެ އެވެ.

"މިސްކިތަށް ދޭންޖެހޭ ގަދަރުވެސް ނުދީ އަދި ދިވެހިންގެ އާދަކާޔާއި އުސޫލުތަކާއި ވެސް ހިލާފު ކަމެއް، މިއީ ކޮން ބައެއް؟ މިހާ ހަަމަޖެހިގެން މި ތިބީ ކޮން ސަބަބެއް އޮވެގެން؟" މީހަކު ސުވާލު ކޮށްފައި ވެއެވެ.

މި ފޮޓޯއާއެކު އަނެއްކާވެސް "އިންޑިއާ އައުޓް" ކެންޕެއިން އިތުރަށް ގަދަކޮށްފައި ވެސް ވެއެވެ. އެ ގޮތަށް ވާހަކަ ދައްކާ މީހުން ބުނީ އެއީ އިންޑިއާގެ ދެ މީހުން ކަމަށެވެ. އަދި އެ މީހުން މިހާރު ރާއްޖެ ދެކެނީ އެ މީހުންގެ ތަނެއްގެ ގޮތުގައި ކަމަށެވެ. މި ފޮޓޯއިން ބުނެދެނީ އެ ވާހަކަ ކަމަށްވެސް އެ މީހުން ބުނެ އެވެ.

"ޔަގީން ދިވެއްސަކަށް ވެސް އެހެން އިންނާކަށް ނުކެރޭނެ. ދިވެއްސަކު ވެސް މަގުމަތީގައި ކައިފާނެ. އެކަމަކު މިސްކިތެއްގެ ދޮރުމަތީ އެހެން ނުތިބޭނެ،" މީހަކު ޓްވިޓާގައި ލިޔެފައި ވެއެވެ.

އެ ފޮޓޯ ހިއްސާކުރި މީހުން ބުނެފައިވާ ގޮތުގައި އިންޑިއާ މީހަކަށް ވިޔަސް ރާއްޖޭގައި އުޅެން ޖެހޭނީ ދިވެހިންގެ އާދަކާދައާ އެއްގޮތަށެވެ. އަދި ދިވެހިންގެ އިސްލާމީ ދިނާއީ މިސްކިތްތަކާއި އިސްލާމީ ބިނާތަކަށް އިހުތިރާމް ކުރަން ޖެހޭނެ އެވެ. މިސްކިތަކީ މުސްލިމުން ވަދެ އުޅޭ ތަންތަނެވެ. ބަނޑުހައިވެފައި ތިބި ބަޔަކު ނަމަަވެސް މިސްކިތުގެ ގޯތިތެރޭގައި ކާން ތިބެގެން ނުވާނެ އެވެ.

"ކުރީ ރޭ އިންޑިއާ މީހަކު މަސްތުވެގެން މާލެ މަގުމަތީގައި އެ މީހާ ހިތު ހުރި ގޮތަކަށް މާތްﷲ އަށް ފުރައްސާރަކޮށް ދީނަށް ހަޖޫޖެހިއިރު ވެސް ފުލުހުން ތިބީ ބަލަހައްޓައިގެން. ހައްޔަރުކުރުމާ ކޯޓުން ދޫކޮށްލުމާ އެކުއެކީ ދިޔައީ. މިއަދު މިސްކިތެއްގެ ގޯތިތެރޭ އިންޑިއާ މީހުން ކާން. މިދެން ބޮޑުވަރު،" އެހެން މީހަކު ބުންޏެވެ.

ބައެއް މީހުން ވަނީ އެ ފޮޓޯގައި ފެންނަ ކަންކަން ދިފާއުކޮށް ވެސް ވާހަކަ ދައްކާފައެވެ. އެ މީހުން ބުނާ ގޮތުން ބަނޑުހައިވެފައިވާ ބަޔަކަށް ކޮންމެ ތަނެއްގައިވެސް ކެވިދާނެ އެވެ.